ޑޮކްޓަރުން ދެއްވި ހިޔާލުތަކަށް މަޖިލިސް ރައީސްގެ މަރުހަބާ ވިދާޅުވެއްޖެ

ރައީސް ނަޝީދު: އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ޑޮކްޓަރުން ދެއްވާފައިވާ ލަފަޔަށް ރައީސް ނަޝީދު ވަނީީ ތައުރީފް ކުރައްވާފައި --- ފައިލް ފޮޓޯ/ މަޖިލިސް

ސިއްހީ ނުރައްކަލެއް އިއުލާނުކޮށް ނެރޭ ގަރާރު 48 ގަޑިއިރުތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ޑޮކްޓަރުން ދެއްވާފައިވާ ލަފަޔަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވައިފި އެވެ.

އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ.

އެ ބިލަށް ހިޔާލު ހޯދުމަށް އާދިއްތަ ދުވަހުގެ ރޭ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ބައެއް ޑޮކްޓަރުން ވަނީ އެ ފާރާތްތަކުގެ ހިޔާލު ބިލަށް ހުށަހަޅުއްވާފަ އެވެ. އަދި ބައެއް ޑޮކްޓަރުން ވަނީ އެ ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ.

އެގޮތުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. އަލީ ނިޔާފް ވިދާޅުވީ، މަޖިލީހުގެ ދައުރު އޮތުމާއި ރުހުން ހޯދުމަށް ގަރާރު ފޮނުވުމާއި ދެކޭ ގޮތެއް ކަނޑައެޅުމުގެ ބާރު އޮތުމުން މައްސަލަ އެއް ނެތް ނަމަވެސް ސިއްހީ މާހިރުންގެ ލަފައާއެކު ނިންމާ ގޮތަށް ބިލަށް ބަދަލު ގެންނަން އެދޭ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އެހެން ޑޮކްޓަރުން ވެސް އެދިވަޑައިގެންފައިވަނީ ހަމަ އެ ގޮތަށެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިސްލާހު ހުށަހަޅުއްވާފައި ވަނީ މިހާރު ކުރިމަތިވެފައިވާ ކޮވޮޑް-19 ބަލިމަޑު ކަމުގެ ކާރިސާއިން ލިބުނު ތަޖުރިބާއިން މުސްތަގްބަލްގައި މިކަން ކުރާނެ ގޮތެއް ނިންމުމަށް ކަމަށެވެ.

"ޑޮކްޓަރު އެ ވިދާޅުވަނީ ރަނގަޅު ވާހަކައެއް. ޑޮކްޓަރުންގެ ލަފަޔާއި އެކުގައި މިބާވަތުގެ މަސައްކަތް ކުރިއަށް ދާނީ އެއީ މަޖިލީހަށް ހުށަހެޅިފައި އޮތް ގާނޫނުގައި ވެސް އޮތް ގޮތް. ޑޮކްޓަރު ވަރަށް ބޮޑަށް އަޅުގަނޑަށް އަޑުއަހަން އިންއިރުގައި އެ ގާނޫނުގައި އޮތް ގޮތަށް ވާހަކަ ދައްކަވަމުން ގެންދެވީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޑރ. ނިޔާފް ވެސް ވަރަށް ރަނގަޅު ނުކުތާތަކެއް ފާހަގަކުރެއްވިކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ޑޮކްޓަރު ހިޔާލު ދެއްވާފައިވަނީ ވެސް މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާއި އެއް ގޮތަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި އޮތް ގޮތަށް ޑރ. ނިޔާފް އެ ވިދާޅުވަނީ. ޑޮކްޓަރު ވިދާޅުވި އަޑު އަޅުގަނޑު ވަރަށް ސާފުކޮށް އަޑުއެހިން ޑޮކްޓަރު އެދިވަޑައިގަންނަވަނީ މަޖިލީހުން ގޮތެއް ނިންމަހަށޭ. އެހެން ނަމަވެސް އެ ގޮތްނިންމާއިރުގައި އެއީ ސިއްހީ ލަފަޔާއި އިރުޝާދު ހިމެނިގެން ނިންމާ ގޮތަކަށްވުމޭ. ޑޮކްޓަރަށް އިނގިވަޑައިގަންނަވާ ދައުލަތެއްގެ ނިންމުންތައް ބިނާވެފައި ހުންނަނީ ހަމައެކަނި ސިއްހީ ކަންކަމުގެ މައްޗަށް ނޫން ކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ޑޮކްޓަރުންނަށް ސިހުން ލިބެނީ އެބޭފުޅުންގެ ބަސްތަކުގެ ފަހަތަށް ސިޔާސީ ބޭފުޅުން ބައި ބައްސަވައިގެން އަރުއްވާތީ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"ޑޮކްޓަރު ދެއްވަނީ ސިއްހީ ލަފައެއް ދެން އެ ސިއްހީ ލަފައެއްގެ ފަހަތަށް ސިޔާސީ ބޭފުޅުން ބައި ބައްސަވައިގެން އެރުއްވީމާ ޑޮކްޓަރު އެކަމާއި ކަންބޮޑުވާނެ. ޑޮކްޓަރުންނަށް ހައިރާންކަން ލިބޭނެ އޭރުން،" ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް