ކޮވިޑަށް ޕޮޒިޓިވްވި މީހަކު ދިޔަ ތިން މިސްކިތެއް ޑިސްއިންފެކްޓްކޮށް ހުޅުވައިފި

ޖޫން 15، 2020: ރައްކާތެރިކަމުގެ ފިިޔަވަޅުތައް އަޅައި، ޖަމާއަތް ނުހަދާގޮތަށް މިސްކިތް ހުޅުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ގޮސްފައިވާ ތިން މިސްކިތެއް ޑިސްއިންފެކްޓް ކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.

ޕޮޒިޓިވްވި މީހަކު ގޮސްފައިވާ ތިން މިސްކިތެއް ވަނީ ރޭގައި ބަންދުކޮށްފައެވެ. އެއީ މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން އާއި މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން އަދި މަސްޖިދުލް އަފީފުއްދީން އެވެ.

އެއާއެކު އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ ރޭގައި އެ މިސްކިތްތައް ޑިސްއިންފެކްޓްކުރަން ފެށި ކަމަށެވެ.

އަދި ޑިސްއިންފެކްޓްކުރުމަށްފަހު މިސްކިތްތަކުގައި ނަމާދުކުރަން ފަށާފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެގޮތުން މިއަދުގެ ފަތިސް ނަމާދުން ފެށިގެން އެ މިސްކިތްތަކުގައި ނަމާދުކުރަން ފަށާފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މާލޭގައި ފުރަބަންދުގެ ލުއި ދިނުމަށްފަހު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ނަމާދުކުރުމަށް ވަނީ ހުޅުވާލާފައެވެ. އެހެންނަމަވެސް މި މަސް ފެށުމާއެކު ހުކުރު ނަމާދު މާލެ ސަރަހައްދުގައި ފަށާފައެއް ނުވެއެވެ. ހުކުރު ނަމާދު މާލޭގައި ކުރަން ފަށާފައިވަނީ މި މަހުގެ 10 ވީ ހުކުރު ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް