އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން ޓޫރިޒަމަށް ދޫކުރާ ބިމުގެ ކުލި ކުޑަކުރަނީ

އޭޕްރީލް 11، 2020: ކޮވިޑް19 އާއި ގުޅުން ހުރި މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން، އެ ސަރަހައްދުތަކުގައި ޓޫރިޒަމަށް ދޫކުރާ ބިމުން ނަގާ ކުލި ކުޑަ ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމުން، މިހާރު އެ މިނިސްޓްރީގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެން ހުންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ނުވަ ސަރަހައްދަކުން ޓޫރިޒަމަށް ނަގާ ކުލި ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އައްޑޫއާއި ފުވައްމުލަކުގައި އަކަމީޓަރަކަށް ނަގަން ހަމަޖެހިފައި ވަނީ ދެ ޑޮލަރެވެ. އަދި އެންމެ ގިނަވެގެން ކުލީގެ ގޮތުގައި ނަގަން ހަމަޖެހިފައި ވަނީ 800،000 ޑޮލަރެވެ.

ހދ. އަދި ހއ. އަތޮޅުގައި ކުލީގެ ގޮތުގައި އަކަމީޓަރަކަށް ނަގަން ހަމަޖެހިފައި ވަނީ ހަތަރު ޑޮލަރެވެ. އެންމެ ގިނަވެގެން ނަގާނީ އެއް މިލިއަން ޑޮލަރުގެ ކުއްޔެވެ.

ށ.، ގއ.، ގދ.، ތ.، އަދި ލ. އަތޮޅުގައި އަކަމީޓަރަކަށް ނަގަން ހަމަޖެހިފައި ވަނީ ހަ ޑޮލަރެވެ. އެންމެ ގިނަވެގެން ނަގަން ހަމަޖެހިފައި ވަނީ 1.5 މިލިއަން ޑޮލަރެވެ.

މި ބަދަލުތަކާ އެކު ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ޓޫރިޒަމަށް ކުރާ އިންވެސްޓެމްންޓުތައް އިތުރުވެ ޓޫރިޒަމް ކުރިއަރައިގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް