މޯލްޑިވިއަންގެ ފްލައިޓުތަކުގައި ބަނގުލާދޭޝް އަށް ފޮނުވި މީހުންގެ އަދަދު 4،581 އަށް އަރައިފި

މޯލްޑިވިއަންގެ ފްލައިޓަށް ބަންގްލަދޭޝް މީހުން ބޯޑު ކުރަނީ -- ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެކި ސަބަބުތަކާ ހުރެ އަނބުރާ ގައުމަށް ދާން ބޭނުން 4،581 މީހަކު މިހާތަނަށް މޯލްޑިވިއަންގެ ފްލައިޓުތަކުގައި ގެންގޮސްފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

މޯލްޑިވިއަން އިން ބުނީ މިއަދު ވެސް ބަންގްލަދޭޝްގެ 199 މީހަކު ގައުމަށް ފުރުވާލާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގެ ދަށުން މިހައިތަނަށް ފުރުވާލި ގިނަ މީހުންނަކީ ސައްހަ ލިޔެކިޔުން ނެތް މީހުންނެވެ. މޯލްޑިވިއަން އިން ވަނީ އައްޑޫ ސިޓީ ގަމުން، ބަންގްލަދޭޝްގެ ޑާކާ އަށް 135 ބަންގްލަދޭޝް މީހުންނާއެކު ފްލައިޓެއް ބާއްވައިފައެވެ.

މީގެ އިތުރުން ވީއައިއޭ އާއި ޑާކާ އައި ދެމެދު މިއަދާއި ހަމައަށް 23 ފްލައިޓު ބާއްވާފައިވެ އެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގަ އާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.

މި އަހަރު ނިމޭ އިރު، ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން އަމާޒުހިފާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 62،000 މީހުންނަކީ ގަވައިދާ ހިލާފަށް އުުޅޭ މީހުންކަމަށް އިމިގްރޭޝަންގެ ރެކޯޑުތަކުން ފާހަގަވާ ނަމަވެސް، އެ އަދަދު 80،000 އާއި ލައްކައަކާ ދޭތެރޭ އުޅޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ.

ލިޔެކިޔުން ނެތި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި 43،000 މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ. ލިޔެކިޔުން ނެތި އުޅޭ މީހުންގެ 95 ޕަސެންޓަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން މިހާތަނަށް ބަންގްލަދޭޝްގެ 4000 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައި ވާއިިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 3800 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ މީހުން ކަމަށެވެ.

comment ކޮމެންޓް