ކުޑަކުދިންގެ ހިޔާގެ ކުއްޖަކު ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެ

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ --- ސަން ފައިލް ފޮޓޯ

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެ ކުއްޖާ އާއި ގުޅޭގޮތުން ޖެންޑާ މިނިސްޓްރީ އިން ބުނީ ކުއްޖާގެ ޓެސްތު ހެދީ އިއްޔެ ކަމަށާއި މިއަދު ނަތީޖާ ލިބުނު އިރު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެ ކުއްޖާއަކީ އުފެދުމުގައިވެސް ބަލި ކުއްޖެއް ކަމަށާއި އެގޮތުން ގަވައިދުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން މިއަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހު އެ ކުއްޖާއިންޑިއާގެ ކޮޗިންއަށް ބޭސްފަރުވާއަށް ދަތުރުކުރުމަށްފަހު، 30 ޖޫން 2020ގައި އެނބުރި ރާއްޖެ އައި ކަމަށާއި އުމުރުން 12 އަހަރުގެ އެ ކުއްޖާ ރާއްޖެ އައުމަށްފަހު އޭނާ ވަނީ 16 ދުވަސް ވަންދެން ކުޑަކުދިންގެ ހިޔާގައި ކަރަންޓީނު ކޮށްފައި ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އަދި، ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްފަހު، 16 ޖުލައި 2020ގައި ލިބުނު ޓެސްޓުގެ ނެގެޓިވް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

ނަމަވެސް، ކުއްޖާއަށްސިއްހީ އިތުރު މައްސަލަތަކެއް ކުރިމަތިވެ، 18 ޖުލައިގައި އޭނާ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އަދި، އެ ހޮސްޕިޓަލުގެ އިރުޝާދުގެ ދަށުން އިތުރު ފަރުވާ އަށް އެ ކުއްޖާ އައިޖީއެމްއެޗް އަށް ދެއްކި ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އައިޖީއެމްއެޗަށް ކުއްޖާ ބަދަލުކުރުމަށްފަހު، 19 ޖުލައިވަނަ ދުވަހުގެ ރޭ ހެދި ކޯވިޑް-19 ޓެސްޓުގެ ނަތީޖާ މިއަދު ހެނދުނު ލިބުނުއިރު، ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ކަމަށާއި އެހެންކަމުން، ކަމާގުޅޭ އިދާރާތަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާމަމަށް މިނިސްޓްރީ އިން ބުންޏެވެ.

ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ ކުދިންނާއި، އެ ތަނުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސގެ ގަވާއިދުތަކާ އެއްގޮތަށް ފުރިހަމަކޮށްފައިވާ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ބުނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކުއްޖާގެ ކޮންޓެކްޓް ޓެރޭސިން ގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ.

ރާއްޖެއިން މިހާތަނަށް 2،966 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 15 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. ބަލިން ރަނގަޅުވެފައިވަނީ 2362 މީހެކެވެ.

comment ކޮމެންޓް