ފަލަސްތީނު މައްސަލައިގައި މަޖިލީހުން ދެކޭގޮތް ދުނިޔެއަށް ހާމަކުރަން ގޮވާލައި ގަރާރެއް

ދައުރުން ބޭރުގައި ބާއްވާ ޙާއްޞަ ޖަލްސާ-- ފޮޓޯ / މަޖިލިސް އިދާރާ

އިޒްރޭލުން ފަލަސްތީނަށް ވެރިވެ ގަނެ ހިންގާ ޖަރީމާތައް ކުށްވެރި ކުރުމަށާއި ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައި ގަތުމަށް ދުނިޔެއަށް ގޮވާލުމުގެ ގޮތުން ރައްޔިތުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ.

އެ ގަރާރުގައި މެމްބަރު ވިދާޅުވެފައި ވަނީ 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ރާއްޖެއިން އަބަދުވެސް ގަބޫލުކުރާ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަނެ، އެ ބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިސްރޭލުގެ ސުލްހަވެ، ވަކި ދެ ދައުލަތެއް ގާއިމުކުރަން ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއް ކަމަށެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުމެއް ނެތް ގޮތުގައި ތަކުރާރުވަމުން ދިއުމަކީ އިންސާނީ ކަރާމާތާއި، އިންސާނީ ޝަރަފް ނަގާލުން ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.

އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމުން، އެ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލުމަކީ އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ކުރެވޭނެ މަސައްކަތެއް ކަމަށާއި ރާއްޖެ ބަލައިގެންފައިވާ އދ ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އިސްރާއީލުން ބޯނުލަނބައި މައްސަލައިގައި އެގައުމު ޖަވާބުދާރީކުރުވަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.

ދިވެހި ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީންގެ ލޮބުވެތި އަޚުންނާއި އުހުތުންނަށް ލޯބިކުރާ އަދި އަޚްވަންތަ ކަމާއި އުޚުއްވަތްތެރިކަން ދެމެހެއްޓުމަށް ކެނޑިނޭޅި މަސައްކަތްކުރާ ބަޔަކަށް ވާއިރު، މިފަދަ ހިތްދަތި ވަގުތެއްގައި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ އަނިޔާ ލިބެމުންދާ ރައްޔިތުންނާއި އެކުގައިކަން ރައްޔިތުންގެ މަޖިލީހުން ހާމަކުރުމަކީ ފަލަސްތީނުގެ ބިންތައް ފޭރިގަތުން ހުއްޓުވުމާއި، ފަލަސްތީނުގެ މިނިވަންކަމާއި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ މުހިންމު ކަމެއް ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އެ ގަރާރަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުން ވެސް ވިދާޅުވީ ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނާ، އެ ގައުމުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.

comment ކޮމެންޓް