ޓެކްސްގެ އާމްދަނީއަށް ކުޑަކުޑަ ކުރިއެރުމެއް

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިިދިޔަ މަހު ދައުލަަތަށް ލިބުނު އާމްދަނީއަށް އޭގެ ކުރީ މޭ މަހާ އަޅާބަލާއިރު ކުޑވަރެއްގެ ކުރިއެރުމެއް ލިބިއްޖެ އެވެ. މިއީ، ފާއިތުވި ދެތިން މަހަށް ފަހު އާމްދަނީއަށް ކުޑަ ނަމަވެސް ކުރިއެރުމެއް އައި ފުރަތަމަ ފަހަރެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އާންމު ކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހު ލިބިފައި ވަނީ 276.04 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް، އޭގެ ކުރީ މަސް ކަމަށްވާ މޭ މަހު މީރާއަށް ބަލައިގެންފައި ވަނީ، 206.28 މިލިއަން ރުފިޔާ އެވެ. އެހެންކަމުން، މިދިޔަ މަހު ލިބުނު އާމްދަނީ އަކީ މޭ މަހާ އަޅާބަލާއިރު 33.2 ޕަސެންޓް ބޮޑު އާމްދަނީއެކެވެ.

ނަމަވެސް މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 82.7 ޕަސެންޓް މަދު އަދަދެކެވެ. އެހެން ދިމާވަނީ، ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމް ހުއްޓި އިގްތިސާދު ވެސް ހުއްޓިފައި އޮތުމުގެ ސަބަބުންނެވެ.

މިދިޔަ މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ މުދަލާއި ހިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އިންނެވެ. އާމްދަނީގެ 47 ޕަސެންޓަކީ ޖީއެސްޓީ އާމްދަނީ އެވެ. ޖޫން މަހު ޖީއެސްޓީގެ ގޮތުގައި 132.2 މިލިއަން ރުފިޔާ ލިބުނުއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 14 ޕަސެންޓް ދަށް އަދަދެކެވެ.

ވިޔަފާރި ފައިދާ އިން ނަގާ ޓެކްސް ނުވަތަ ބީޕީޓީ އަކީ ޖުމްލަ އާމްދަނީގެ 17.2 ޕަސެންޓެވެ. ޖޫންމަހު ބީޕީޓީގެ ގޮތުގައި 12.8 މިލިއަން ރުފިޔާ ލިބުނު އިރު މިއީ 2019 ވަނަ އަހަރާ އާޅާ ބަލާއިރު 4.7 ޕަސެންޓް ދަށް އަދަދެކެވެ.

ޖުމްލަ އާމްދަނީގެ 16.6 ޕަސެންޓް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ހިއްސާކުރާއިރު، މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނީ 3.9 މިލިއަން ރުފިޔާ އެވެ.

އާމްދަނީގެ 6.7 ޕަސެންޓަކީ އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. މި މުއްދަތުގައި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 4.3 މިލިއަން ރުފިޔާ ލިބުނެވެ.

މީގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި 33 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ނަން ރެޒިޑެންޓް ވިތް ހޯލްޑިން ޓެކްސް ގެ ގޮތުގައި 22 މިލިއަން ރުފިޔާ ލިބުނު އިރު، ފަރުދުންގެ އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާ އިން ބުނީ މިއަހަރުގެ ޖޫން މަހު ލިބުނު ޓެކްސް އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފައިވަނީ ކޮވިޑް19 އާއި ގުޅިގެން މީރާ ބަންދުކޮށްފައިވާ ދުވަސްތަކުގައި މުއްދަތު ހަމަވާ ޓެކްސް ސުންގަޑިތައް ފަސްކުރުމުން ކަމަށެވެ.

comment ކޮމެންޓް