ޕޮޒިޓިވްވި ސްޓާފްގެ ޕްރައިމަރީ ކޮންޓެކްޓަކަށް ވާތީ މެމްބަރު އީސަ އެކަހެރިކޮށްފި

މެއި 30، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ކޮވިޑް19 އަށް ޕޮޒިޓިވްވި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގެ ސްޓާފުގެ ޕްރައިމަރީ ކޮންޓެކްޓަކަށް ވާތީ، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ އެކަހެރިކޮށްފަ އެވެ.

ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ އަންހެން މުވައްޒަފެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ އިއްޔެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މުވައްޒަފުގެ ޕްރައިމަރީ ކޮންޓެކްޓަކަށް ވާތީ އެ ކޮމެޓީގެ މުގައްރިރު އައިސޮލޭޝަންގައިވާ ކަމަށެވެ. އިޖުތިމާއީ ކޮމެޓީގެ މުގައްރިރަކީ މެމްބަރު އީސަ އެވެ.

މަޖިލިސް ރައީސް ވަނީ ކޮންމެ މީހަކު އެހެން މީހަކާ ބައްދަލުވާއިރު މާސް އަޅައިގެން އުޅުމަށް އިލްތިމާސް ކުރައްވައިފައެވެ.

"މީގައި ދަންނަވަން ބޭނުންވާ ވާހަކައަކީ ޕްރައިމަރީ ކޮންޓެކްޓަކާ ވެސް އަދި ކޮންމެ ގޮތަކަށް ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުވާ އިރުގައި މާސްކް އަޅުއްވައިގެން ހުންނަވާށޭ،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

އެޗްޕީއޭއާ ގުޅިގެން ޕޮޒިޓިވްވި މުވައްޒަފަކު ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އެތަން ޑިސްއެންފެކްޓު ކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ.

މީގެ ކުރިން މަޖިލީހުގެ ވެހިކަލެއް ދުއްވާ ޑްރައިވަރަކާއި އެތަނުގެ މެއިންޓަނަންސް ސްޓާފަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

comment ކޮމެންޓް