އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށްފި

އަލީ ވަހީދު -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ތަހުގީގުގައި ސުވާލު ކުރުމަށް ޓަކައި މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ. އަލީ ވަހީދު ފުލުހަށް މި ހާޒިރު ކުރީ މިރޭ 8:30 އެހާކަންހާއިރު އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ތުހުމަތަކީ އޭނާ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތެވެ.

އެހެން ނަމަވެސް، އަލީ ވަހީދު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައި، އެކަމުގެ ހަގީގަތް ފަހުން ހާމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައިގައި 15 މީހެއްގެ ބަޔާން ވަނީ ނަަގައިފަ އެވެ. މީގެ އިތުރުން އަލީ ވަހީދަށް ރާއްޖެއިން ފުރައިގެން ނުދެވޭ ގޮތަށް އޭނާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ. އަދި އަލީ ވަހީދު ދިރިއުޅުއްވައި ގެ ބަލައި ފާސްކޮށް އޭނާގެ ފޯނާއި ލެޕްޓޮޕް ފުލުހުން ވަނީ ގެންގޮސްފަ އެވެ.

ކުއްލި ގޮތަކަށް އަލީ ވަހީދު މިނިސްޓަރު ކަމުން އިސްތިއުފާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވީ، މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެހެން ނަމަވެސް، އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން ޖެހިގެން އައި، ޖުލައި ނުވަ ވަނަ ދުވަހު އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި އެވެ. ރައީސް އޮފީހުން އެކަމާ ބެހޭ ގޮތުން ބުނެފައި ވަނީ އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކުރަން ރައީސް ނިންމެވީ، މިނިސްޓްރީއެއްގެ ތެރޭގައި ހިނގައިގެން ނުވާނެ ފަދަ އަހުލާގީ ގޮތުން ދަށް ފެންވަރުގެ ކަންތައްތަކެއް ހިނގާފައިވާތީ، މިނިސްޓަރުގެ އަހުލާގީ މައްސަލައަކާ ވިދިގެން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ މިހާރު ވަގުތީ ގޮތުން ހިންގަވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

comment ކޮމެންޓް