ގައުމީ ހިދުމަތުގައި ތިބި ދެބެންގެ ކުއްލި ވަކިވުމެއް!

މިއަދު ނިޔާވި ފުލުސް ސާޖެންޓް އިސްމާއިލް ރިޒާ، 35އ. (ކ) އަދި މިދިޔަ އަހަރު ނިޔާވި އޭނާގެ ބޭބެ، ސިފައިންގެ ސްޓާފް ސާޖެންޓް އަލީ ރިޔާޒު، 37އ. --

މިދިޔަ އަހަރުގެ އޮކްޓޯބަރު 5 ވަނަ ދުވަހު ސިފައިންގެ ޓްރޭނިންއެއްގައި އުޅުއްވަނިކޮށް ކުއްލި ގޮތަކަށް ނިޔާވި، ދ. ކުޑަހުވަދޫ ފަހާގޭ ސްޓާފް ސާޖެންޓް އަލީ ރިޔާޒު، 37އ. އަކީ އޭނާގެ މަންމައަށް ލިބުނު ނުވަ ދަރިންގެ ތެރެއިން ދުނިޔޭގައި ތިބި ދެ ކުދިންގެ ތެރެއިން އެކަކެވެ. ދެހާސް ތިން ވަނަ އަހަރު ސިފައިންގެއާ ގުޅިވަަޑައިގަތް ފަހުން، 19 އަހަރުވީ އިރު، އެއްވެސް ސިއްހީ މައްސަލައެއް ރިޔާޒުއާ ކުރިމަތިވެފައި ނުވާ އިރު އޭނާގެ ކުއްލި ވަކިވުމާ އެކު އޭނާގެ މަންމަ އާއި އާއިލާއަށް އަދި އެކުގައި އުޅުނު އެކުވެރިންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. މީހުންނާ ގުޅޭ މަޖާ މިޒާޖެއްގެ ރިޔާޒު ވަކިވެ ދިޔުމަކީ، އެ އާއިލާއަށް ފޫބެއްދޭ ވަރަށް ވުރެ ބޮޑު ހިތާމައަކަށްވި އެވެ. މުސްކުޅި އުމުރުގައި ދުވަސްތައް ގުނަމުންދާ ރިޔާޒުގެ މަންމައަށް އެކަން ވީ އަދި އެއަށް ވުރެ މާ ބޮޑު ހިތާމައަކަށެވެ.

ރިޔާޒު ވަކިވެ ދިޔަފަހުން އަހަރެއްހާ ދުވަސް އަދި ނުވާއިރު، އެ ހިތާމަތަކުން އާއިލާއަށް މުޅިން އަރައި ނުގަނެވި އުޅެނިކޮށް، މިއަދަކީ އަނެއްކާވެސް އެ އާއިލާ ބޮޑު ހިތާމައަކާއި ކަރުނައިގެ ތެރެއަށް ގަންބާލި ދުވަހެކެވެ. ދުނިޔޭގައި ހުރި ހަމައެކަނި ދަރިފުޅު، ފުލުސް ސާޖެންޓް އިސްމާއިލް ރިޒާ، 35 އަހަރު މިއަދު ނިޔާވުމާ އެކު، ކައިރި ކައިރީގައި ދެ ބެން ނިޔާވުމުގެ ހިތާމަ އާއި ވޭން، އެ މުސްކުޅި މަންމައަށް ވަނީ އުފުލަން ޖެހިފަ އެވެ. މިއަދު އެ އާއިލާގައި ކަރުނަ އަޅައި ނުރޯ ލޮލެއް ނެތެވެ.

އޮކްޓޯބަރު 5، 2019: ސިފައިންގެ ރަސްމީ އިއްޒަތުގައި ސްޓާފް ސާޖެންޓް އަލީ ރިޔާޒު، 37އ. ފަސްތާނު ލަނީ -- ފޮޓޯ/ އެމްއެންޑީއެފް

"ދެބެން އެހާ ކައިރި ކައިރީގައި ވަކިވެ ދިޔުމުން ބޮޑުދައްތަ[ރިޔާޒާއި ރިޒާގެ މަންމަ]އަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި. އެއީ، ނުވަ ކުދިން ލިބިފައި ހަމައެކަނި ދުނިޔޭގައި ތިބީ އެ ދެ ކުދިން. ޝޮކެއް ގޮތަށް މިކަން އައީ. މި އާއިލާގެ އެންމެންނަށް މި ވަނީ މަތި މައްޗަށް ހިތާމައާ ކުރިމަތިވެފައި،" އާއިލާގެ މެންބަރަކު "ސަން"އާ ވާހަކަ ދައްކަމުން ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިއަދު ނިޔާވި ސާޖެންޓް ރިޒާ 2010 ވަނަ އަހަރުން ފެށިގެން ހިތުގެ މައްސަލަތަކެއް ކުރިމަތިވެ ގެންދެވީ ބޭސް ކުރަައްވަމުންނެވެ. ރޭ ފަތިހު ކުއްލި ގޮތަކަށް ނިޔާވި އިރުވެސް އުޅުއްވީ ބަލިވެ އެވެ. އެކަމަކު، އާއިލާގެ އެއްވެސް މެންބަރަކަށް ހީވެސް ކުރެވިފައި ނެތީ، ރިޒާ އެގޮތަށް ކުއްލި ގޮތަަކަށް ވަކިވެގެން ހިނގައިދާނެކަމެވެ.

"އިސްމާލްބެ [އިސްމާއިލް ރިޒާ] ވަރަށް މަޑުމައިތިރި ވެފައި ބަސް މަދުވާނެ. ވަރަށް އަހުލާގު ރަނގަޅުވާނެ. އާއިލާގެ އެންމެން ވެސް ވަރަށް އިހުތިރާމް ކުރާނެ. އާއިލާއަށް ވަރަށް ރަނގަޅު، ހުލުގުހެޔޮ މެންބަރެއް ގެއްލިގެން މިދިޔައީ. ހިތާމައިގާ މުޅި އާއިލާ މިވަނީ. ބުނާނެ އެއްޗެއް ވެސް ނޭނގެ،" ކުރިން ވެސް ވާހަކަ ދެއްކި އާއިލާގެ މެންބަރު ބުންޏެވެ.

ރިޒާ ނިޔާވި އިރު، ދެ އަންހެން ބޭފުޅަކާއި އެއް ފިރިހެން ބޭފުޅަކު އެބަ ތިއްބެވި އެވެ. ރިޒާ ވަނީ، 14 އަހަރު ދުވަސްވަންދެން ފުލުހެއްގެ ގޮތުގައި ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ނިޔާވި އިރު ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ޓީޑީ އޮފިސަރެއްގެ ގޮތުގަ އެވެ. މުޅި ފުލުހުންގެ އިދާރާއަށް ވެސް މިއަދަކީ ހިތާމަވެރި ދުވަހެކެވެ.

އޮކްޓޯބަރު 5، 2019: ސިފައިންގެ ރަސްމީ އިއްޒަތުގައި ސްޓާފް ސާޖެންޓް އަލީ ރިޔާޒު، 37އ. ފަސްތާނު ލަނީ -- ފޮޓޯ/ އެމްއެންޑީއެފް

ރިޒާގެ އާއިލާއަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ މިރޭ ތައުޒިޔާ ދަންނަވައިފަ އެވެ.

މުސްކުޅި މަންމައަކަށް ގެއްލިގެން އެ ދިޔައީ، ތިބި ހަމައެކަނި ދެ ދަރިންނެވެ. މުޅި އާއިލާއަށް ގެއްލިގެން އެ ދިޔައީ ވަރަށް ވެސް ހެޔޮ، އަހުލާގު ރަނގަޅު ދެ ބޭބެ އެވެ. ގައުމަށް ގެއްލިގެން އެ ދިޔައީ އަގުހުރި ދެ ހިދުމަތްތެރިންނެވެ. މިއީ ދެބެންގެ ގައުމީ ހިދުމަތަށް އައި ހިތާމަވެރި ނިމުމެކެވެ.

comment ކޮމެންޓް