އިގްތިސޯދު ކޮޅަށް ޖެހޭނީ ވަޒީފާތަކަށް ދިވެހިން ނުކުންނަ އަދަދު އިތުރުވެގެން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ފޮޓޯ/ރައީސް އޮފީސް

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ވެއްޓިފައިވާ އަޑިގަނޑުން ނަގައި، ކޮޅަށް ޖެހޭނީ ގައުމުގެ އިގްތިސޯދީ ހަރަކާތްތަކާއި، ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު، މިހާރަށް ވުރެ އިތުރުކޮށްގެން ކަމަށް ވިދާޅުވެ، ދިވެހިން ވަޒީފާތަކަށް ނުކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ތައުލީމީ ގޮތުން މަތީ ވަނަތައް ހާސިލުކުރާ ދަރިވަރުންނަށް މިފަދަ ސްކޮލާޝިޕްތައް ދެނީ ވަރަށް މަތިވެރި މަގްސަދެއްގައި ކަމަށެވެ.

އެއީ ޒިންމާދާރުކަމާ އެކު ގައުމު ބިނާކޮށް އާރާސްތު ކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވާނެ، އުފެއްދުންތެރި އިލްމީ ދަރިންތަކެއް ބިނާކުރުން ކަމަށާއި އެކަމަށްޓަކައި ދައުލަތުގެ ފަރާތުން މިހާރު ވެސް ވަރަށް ބޮޑެތި ހޭދަތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްގީވެ ކުރިއަރައިގެންދާ އެއްޗެއް ނޫން ކަމަށާއި އަދި އަމިއްލައަށް އާރާސްތުވެ ބިނާވެގެންދާ އެއްޗެއްވެސް ނޫން ކަމަށެވެ.

"ގައުމުގެ ތަރައްގީއާއި ކުރިއެރުމަކީ، އެ ގައުމެއްގެ ރައްޔިތުންގެ ސިކުނޑީގައި އުފަންވެގެން އަންނަ އީޖާދީ ފިކުރުތަކެއްގެ ނަތީޖާ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ދިވެހި ދަރީންގެ ސިކުނޑިތަކުގައި އީޖާދީ ވިސްނުން އާލާކޮށް ފައްކާކުރެވޭ ވަރަށް، ދިވެހި ދަރިންނަށް އިލްމު ހޯދައިދޭން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކުވެސް މަތީ ތައުލީމު ހާސިލުކުރަން ނުކުންނަނީ، އެކުއްޖެއްގެ އުންމީދުތަކަކާއި، ހާސިލުކުރަން ބޭނުންވާ މަގުސަދެއް އޮތުމުން ކަމަށްވާއިރު، އެ ކުއްޖާގެ މައިމީހާ ކަމުގައިވާ ދިވެހި ވަތަން، ވެސް އެކުދިންގެ ފަރާތުން ކުރާ އުންމީދުތަކެއް ވެސް ހުންނާނެ ކަމަށެވެ.

"އެއީ ގައުމަށް ވަފާތެރި، ތެދުވެރި އަދި އިހްލާސްތެރިކަމާއެކު ގައުމަށް ހިދުމަތްކުރާނެ ދަރިންތަކެއް ކަމުގައިވުން. ވަކިން ހާއްސަކޮށް މިދުވަސްވަރު، އެފަދަ ދަރިންތަކަކަށް ރާއްޖެ އެބަ ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ ހަޔާތުގައި ވެސް، މިއަދު އަރާ ހަމަކޮށްފައި މިވަނީ، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި އަދި ވައިރަހުގެ ނުރައްކަލުގެ ސަބަބުން، ގައުމުގެ އިގްތިސޯދު ވަރަށް ބޮޑަށް އަނަރޫފަވެފައިވާ ދުވަސްވަރެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަން، މުޅިންހެން ހުއްޓިފައި އޮންނަތާ ތިން މަހަށް ފަހު މިދިޔަ ބުދަ ދުވަހު އަލުން ރާއްޖެ ހުޅުވާލި އިރު، މިއީ ރާއްޖޭގައި ފަތުރުވެރިކަން ފެށި ފަހުން، ސިނާއަތް މެދުކެނޑިގެންދިޔަ ފުރަތަމަ ފަހަރުކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އަދި ފަތުރުވެރިކަން ހުއްޓުމުގެ ސަބަބުން އިގްތިސޯދީ ގޮތުން މިއިން ޒަމާނެއްގައިވެސް ނުލިބޭހާ ބޮޑު ގެއްލުމަކާ ރާއްޖެ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި މިއީ އެންމެން އެކުގައި މަސައްކަތްކޮށް، ގައުމުގެ އިގްތިސޯދު ކޮޅަށް ޖެހުމަށްޓަކައި ތެދުވަންވީ ވަގުތުކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ، ގައުމުގެ އިގްތިސޯދީ ހަރަކާތްތަކާއި، ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު، މިހާރަށް ވުރެ އިތުރުކޮށްގެން. ހާއްސަކޮށް ތިޔަފަދަ، ދިވެހި ޒުވާނުންގެ ތާޒާ ލޭގެ ހޫނުން، ގައުމުގެ އިގްތިސޯދަށް ދިރުން ލިބިގެން،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ޒުވާނުންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ މިއީ، ބިދޭސީ މަސައްކަތު މީހުންގެ ސަބަބުން، ރާއްޖެއިން ބޭރުވެގެންދާ ބޭރު ފައިސާގެ މިންވަރު މަދުކުރުމަށް ޓަކައި ވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި ޒުވާނުން ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވުމަކީ، އިޖުތިމާއީ ވަރަށް ގިނަ މައްސަލަތަކެއްގެ ވެސް ހައްލު ކަމަށެވެ.

"އެހެންވީމާ، ތިޔަ ދަރިވަރުން ވެސް މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ގައުމަށް ބޭނުންތެރި، ގައުމަށް ބޭނުންހިފޭ ފަދަ ޝަހްސިއްޔަތެއް، ތިޔައިން ކޮންމެ ދަރިވަރެއްގެ ކިބައިގައި އުފެއްދުމަށް. ތިޔަ ދަރިވަރުން ވިސްނަންވީ، ގައުމު ތިޔަ ދަރިވަރުންގެ ކިބައިން އެދެނީ ކޮން ކަމަކަށްތޯ؟ ގައުމަށްޓަކައި، ތިމާގެ ކިބައިގައި ތަރައްގީ ކުރަންވީ، ކޮން ދާއިރާއަކުން، ކޮންކަހަލަ ހުނަރެއްތޯ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ދަރިވަރުންނާއި، ހުރިހާ ޒުވާނުންނަކީ ވެސް، ގައުމާމެދު ފިކުރު ހިންގައި، ގައުމަށް ހިދުމަތް ކުރުމުގެ ރޫހުގައި އިލްމު އުނގެނި، މަސައްކަތާއި ހުނަރު ދަސްކޮށްގެން، ގައުމު ތަރައްގީކުރުމުގެ ޒިންމާއާ ހަވާލުވާނެ ބަޔަކަށްވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

comment ކޮމެންޓް