ހުޅުވުން ލަސްވާތީވެ، ސަލްމާން މިސްކިތުގެ މަސައްކަތް ދާގޮތް ބަލަން އިދިކޮޅުން އެދިއްޖެ

ކިންގް ސަލްމާން މިސްކިތް: ހުޅުވުން ލަސްވާތީވެ، އިދިކޮޅުން ވަނީ އެތަން ބަލައިލުމަށް އެދިފައި – ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ނުނިމި ލަސްވާތީވެ، އެ މިސްކިތުގެ މަސައްކަތްދާ ގޮތް ބެލުމަށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެދެފި އެވެ.

އެ ކޯލީޝަންގެ ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ސޮއިކޮށް، ހައުންސިން އެންޑް ޕްލޭނިން މިނިސްޓަރު އަހްމަދު އަސްލަމަށް މިއަދު ފޮނުވި ސިޓީގައި ބުނީ، އެ މިސްކިތަކީ، ރައީސް ޔާމީންގެ ސަރުކާރުގައި ފަށައި، ނިމުމަކާ ގާތްވެފައިވާ މިސިކިތެއް ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މިސްކިތް ހުޅުވައި ބޭނުން ކުރަން ފެށުން ލަސްވަމުންދާތީވެ، ރައްޔިތުންގެ ފަރާތުން ކަންބޮޑުވުން އަންނަ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

"އެ ކަންބޮޑުވުންތަކާ ގުޅުގެން، މިސްކިތުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރާއި، މިސްކިތުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބަލާލުމަށް މިކޯލިޝަނުން ބޭނުންވެ އެވެ،" ސިޓީގައި ބުނެފައި އެވެ.

ސިޓީގައި އެދުނީ، އެ ކޯލިޝަންގެ 20 ބޭފުޅަަކަށް މިސްކިތައް ޒިޔާރާތްކޮށް، މިސްކިތުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބަލާލުމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސައިދިނުމަށެވެ.

ސައުދީ ސަރުކާރުގެ އެހީއާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މާލޭގެ އިރުމަތީ ފަރާތުގައި އެޅި ކިންގް ސަލްމާން މިސްކިތް ހުޅުވުން މި ސަރުކާރުން ވަނީ ފަސްކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، އެ މިސްކިތް ހުޅުވުން ފަސް ކުރީ، ކޮވިޑް19އާ ގުޅިގެން ކަމަށެވެ.

މިސްކިތް ހުޅުވުން ފަސްކުރިއިރު އެ މިސްކިތުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އެ މިސްކިތް އަލުން ހުޅުވާނެ ތާރީހެއް ހާމައެއް ނުކުރެ އެވެ. ކުރިން ރާވައިފައި އޮތީ ނިމިދިޔަ ރޯދަމަހަށް މިސްކިތް ހުޅުވުމަށެވެ.

ހަތަރުހާހެއްހާ މީހުންނަށް ނަމަދު ކުރެވޭ އެ މިސްކިތް އެޅުމަށް ހަރަދުކޮށްފައިވަނީ 25 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަށް ސައުދީ އިން ދިނީ 14.5 މިލިއަން ޑޮލަރެވެ. އަދި ބާކީ ބައި ހަރަދުކުރީ ސަރުކާރުންނެވެ.

https://sun.mv/134697

comment ކޮމެންޓް