ސިއްރުން ހެކިބަސް ނަގަން ގާނޫނީ ހުރަހެއް ނެތް، ހުރަސް އެޅުނީ ހައިކޯޓުން މާއްދާ މާނަ ކުރި ގޮތުން: ދައުލަތް

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮތް ގޮތުން ސިއްރުން ހެކިބަސް ނަގަން ހުރަހެއް ނެތް ކަމަށާއި، މިހާރު އެކަމަށް ހުރަސް ކުރިމަތިވެފައި ވަނީ އަބްދުﷲ ސައީދުގެ މައްސަލައިގައި ސިއްރު ހެއްކާ ބެހޭ މާއްދާ ހައި ކޯޓުން މާނަ ކުރި ގޮތުގެ ސަބަބުން ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުން ނަމަ ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުން ބަޔާން ކުރާ ގޮތަށެވެ. ހެއްކާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ، ސިއްރުން ހެކިބަސް ނެގޭނީ، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަމަށެެވެ. ނަމަވެސް، އެފަދަ ގޮތެއް، 1976 ވަނަ އަހަރު ހެދި ހެއްކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައެއް ނުވެ އެވެ. އަދި އެ ގާނޫނަށް އެކަމާ ގުޅޭ އިސްލާހެއް ވެސް ގެނެސްފައެއް ނުވެ އެވެ.

އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ފުލުހުންގެ ތަހުގީގަށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އޭނާގެ ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅިކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ އެ ހުކުމް ބާތިލު ކުރާށެވެ. ސިއްރު ހެކީގެ ވާހަކައެއް ހެއްކާ ބެހޭ ގާނޫނުގައި ނެތް ކަމަށް ބުނެފައި ވަނީ ހައިކޯޓުގެ އެ ހުކުމުގަ އެވެ. އެ ހުކުމަށް ފަހު ދަށު ކޯޓުތަކުގައި ހުރި ސިއްރު ހެކި ހުށަހަޅާފައިވާ މައްސަލަތައް މިހާރު ވަނީ މަޑުޖެހިފަ އެވެ. އެހެންކަމުން، ހައިކޯޓުގެ ނިންމުމުގައި އެހެން ބުނާ ބައި ބާތިލުކޮށް، އެކަން ހައްލު ކުރަން ދައުލަތުން ވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒެވެ.

މީގެ ކުރިންވެސް އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އަޑުއެހުންތައް ބާއްވާފައިވާއިރު، މިއަދު ބޭއްވި އަޑުއެހުމަކީ ޝަރީއަތުން ދައުލަތާ ކުރަން ބޭނުންވާ ސުވާލުތަކެއް ހުރީތީ ބޭއްވި އަޑުއެހުމަކެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާ އޮތް ގޮތުން ސިއްރު ހެކިބަސް ނެގުމުގައި ދިމާވާ ދަތިތަކަކީ ކޮބައިތޯ ފަނޑިޔާރު މަހާޒު ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ، ގާނޫނުގެ އެ މާއްދާގެ ސަބަބުން ސިއްރު ހެކިބަސް ނަގަން ހުރަހެއް ނެތް ކަމަށާއި މައްސަލަ ދިމާވީ ހައި ކޯޓުން ނިންމި ގޮތުން ކަމަށެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާ މިހާރު އޮތް ގޮތުންވެސް ހެކިބަސް ނެގުމުގައި ދައްޗެއް ނެތް. ނަމަވެސް ދަތިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން އެ މާއްދާ މާނަ ކުރެއްވި ގޮތުން ކަމަށް ދަންނަވަން،" ނައުޝާދު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު އެކުލަވާލިއިރު، ހެއްކާ ބެހޭ ގާނޫނަށް ހަވާލާ ދީފައި އޮތުމުން އެއްވެސް ކަހަލަ އުނދަގުލެއްވޭތޯ ފަނޑިޔާރު މަހާޒު ސުވާލު ކުރެއްވުމުން ނައުޝާދު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު މަޖިލީހުން ފާސްކުރި އިރުގައި ތަސައްވުރަކަށްވެރައި އޮތީ އެއާއެކު ހެއްކާ ބެހޭ ބިލެއްވެސް ފާސް ކުރުން ކަމަށެވެ. ނަމަވެސް، މަޖިލީހުގެ ދައުރު ހަމަވިއިރު، އެ ބިލު ފާސްނުކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ނައުޝާދު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހެއްކާ ބެހޭ ގާނޫނަށް ހަވާލާ ދެވިފައި އޮތުމަކީ ދައުލަތުން ގަބޫލު ކުރާ ގޮތުގައި އޮޅުމެއް ކަމަށެވެ.

"ދައުލަތުން މި ދެކެނީ މި ދެންނެވި ކަންކަމަށް ރިއާއަތް ކުރާއިރު، މި ދެންނެވި ފަދައިން [ހެއްކާ ބެހޭ ގާނޫނުގެ ނަމްބަރު] ރިފާކޮށް 149 ވަނަ މާއްދާގައި ލިޔުއްވާފައި އެ އޮތީ އެއީ މިސްޓޭކެކޭ،" ނައުޝާދު ވިދާޅުވި އެވެ.

ނަމަވެސް، މިއީ ސިއްރުން ހެކިބަސް ނަގަން އޮތް ހުރަހެއް ނޫން ކަމަށް ބުނެ ހައިކޯޓުން މީގެ ކުރިން ސިއްރު ހެކިބަހާ ގުޅޭ ގޮތުން ނިންމާފައިވާ ނިިންމުންތައް ނައުޝާދު ފާހަގަކުރެއްވި އެވެ.

ނައުޝާދު ވިދާޅުވީ، ދަތިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހެއްކާ ބެހޭ ބިލާ ހަވާލާދިފައި އޮތުމުން ނޫން ކަމަށެވެ. ދަތިވަނީ ހެއްކާ ބެހޭ ބިލަށް އިސްލާހު ގެންނަން އުޅުނު ގޮތަށް އިސްލާހު ނުގެނެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މި މައްސަލައަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހުންނާއި ހެއްކާ ބެހޭ ބިލުން ހައްލު ހޯއްދަވާނެ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްރު ހެކިބަސް ނަގަނީ ކޮން ކަހަލަ މައްސަލަތަކެއްގައިތޯވެސް ފަނޑިޔާރު މަހާޒު ސުވާލު ކުރެއްވިއެވެ. ނައުޝާދު ވިދާޅުވީ، ސިއްރު ހެކިބަސް ނަގަނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ކަމަށެވެ. އެގޮތުން މަރުގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފާހަގަކުރި އެވެ.

ހެކިބަސް ނެގުމުގައި ރައްކާތެރިކަން ދެނީ ކިހާވަރަކަށްތޯ ސުވާލު ކުރުމުން، ދައުލަތުން ބުނީ، އަޑު ބަދަލުކޮށްގެން ނުވަތަ، އެއް ހާޒިރެއްގައި ނުވާ ގޮތަށް އަދި ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނަގަން ކޯޓުގައި އެދޭ ކަމަށެވެ.

ދައުލަތުން އެ މައްސަލައިގައި އެދިފައި ވަނީ، ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތްތަކެއް ހެއްކާ ބެހޭ ގާނޫނުގައި ނެތް ކަމަށް އެނގެން އޮންނަ ކަމަށް ހައިކޯޓުގެ ނިންމުމުގައި ނިންމަވާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލާ ހިލާފަށް ކަމަށް ކަނޑައަޅައިދެއްވުމަށެވެ.

މިއަދު މި މައްސަލައިގައި އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ. އެހެންކަމުން ދެން މި މައްސަލައިގައި އޮންނނީ ހުކުމް ކުރުމެވެ.

comment ކޮމެންޓް