އެމްއެމްޕީއާރްސީގެ މައްސައިގައި ޝަމީމްގެ މަސްލަހަތު ފުށޫ އަރާ ކަމަށް ބުނެ ބާ ކައުންސިލަށް މައްސަލައެއް ހުށަހަޅައިފި

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ދައުލަތް ތަމްސީލު ކުރެއްވުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށާއި، އެއީ ވަކީލުންގެ ސުލޫކާ ހިލާފު ކަމެއް ކަމަށް ބުނެ ބާ ކައުންސިލަށް މައްސަލައެއް ހުށަހަޅަައިފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޝަމީމް ދައުލަތް ތަމްސީލު ކުރެއްވުމަކީ މަސްލަހަތު ފުށޫ އަރާ ކަމެއް ކަމަށް ބުނެ އަމިއްލަ ފަރާތަކުން މިއަދު ވަނީ ބާ ކައުންސިލަށް މައްސަލަ ހުށަހަޅައިފަ އެވެ. އެފަދަ މައްސަލައެއް ހުށަހެޅިކަން ބާ ކައުންސިލުން ވަނީ "ސަން"އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، އަދި މި މައްސަލަ ބެލުމާއި ނުބެލުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ބާ ކައުންސިލުން ބުންޏެވެ.

ޝަމީމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން އަބްދުﷲ ޒިޔަތު ހައްޔަރު ކުރަން ނެރުނު އަމުރާއި، ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރުގެ މައްސަލައިގައިވެސް ޒިޔަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ޝަމީމް ކަމަށެވެ. އެގޮތުން އޭނާ ޒިޔަތުގެ ކޯޓު އަމުރުގެ މައްސަލައިގައި ހައިކޯޓުގައި ވަކާލާތު ކުރައްވައި، މީޑިއާއަށްވެސް މައުލޫމާތު ދެއްވާފައިވާ ކަމަށް މައްސަލައިގައިވެ އެވެ. އަދި އޭގެ ފަހުންވެސް ޒިޔަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ކަމަށާއި، ފުލުހުން ޒިޔަތަށް ދިން ގާނޫނީ އިންޒާރުގެ ފޯމުތަކުގައި ޝަމީމް ސޮއިކޮށްފައި ހުރުމުން ވެސް އެކަން އެނގޭ ކަމަށް ބުނެފައިވެ އެވެ. އަދި އެމްއެމްޕީއާރްސީ މެދުވެރިކޮށް މާބިންހުރާ ދޫކުރި މައްސަލައިގައި ޒިޔަތަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު އޭނާގެ ވަކީލެއްގެ ގޮތުގައި ސޮއި ކުރެއްވީވެސް ޝަމީމް ކަމަށް ބުނެފައިވެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުހުމަތު ކުރެވޭ ގ. އޮއިވާލި، މުހައްމަދު ހުސެއިންގެ ވަކީލެއްގެ ގޮތުގައިވެސް ޝަމީމް މަސައްކަތް ކުރެއްވި ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ. އެގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި މުހައްމަދު ހުސެއިންއަށް ދައުވާ ނުކުރުމަށް ދައުލަތާ އެކު ހެދި ޕްލީ ބާގެއިން އެގްރީމަންޓުގައި އޭނާގެ ވަކީލެއްގެ ގޮތުގައި ސޮއިކުރައްވާފައި ވަނީވެސް ޝަމީމް ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައިވެސް ޝަމީމް މަސައްކަތް ކުރައްވައި މީޑިއާއަށް އިންޓަވިއުވެސް ދެއްވާފައިވާކަން މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެކަމާ ބެހޭގޮތުން މީގެ ކުރިން ޝަމީމް ވިދާޅުވެފައި ވަނީ އޭނާ މަސަައްކަތް ކުރެއްވީ، އަދީބުގެ މައްޗަށް ތުހުމަތު ކުރެވުނު ފިނިފެންމާ ލޯންޗުގެ މައްސަލައިގައި ކަމަށާއި، އަދީބުގެ އެމްއެމްޕީއާރްސީ މައްސަލައިގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރައްވާ ކަމަށެވެ.

ބާ ކައުންސިލަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، އެ މީހުންގެ ވަކީލުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޝަމީމް އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުލަތުގެ އެންމެ އިސް ވަކީލެއްގެ ގޮތުގައި ހުނެންވުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށެވެ.

"އެމްއެމްޕީއާރްސީ މައްސަލައިގައި ތުހުމަތު ކުރެވޭ އެތައް ބައެއްގެ ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތްކޮށް އަދި ހާއްސަކޮށް މި މައްސަލައިގައި އެންމެ އިސް އެކަކު ކަމުގައި ބެލެވޭ އަބްދުﷲ ޒިޔަތުުގެ ވަކީލެއްގެ ހައިސިއްޔަތުން މައްސަލައިގެ އެކިއެކި ސްޓޭޖުގައި އެތައް ކަމެއްގައި ބައިވެރިވެފައިވަނިކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ހުސެއިން ޝަމީމް އައްޔަން ކުރެވުމުން ދައުލަތުގެ އެންމެ އިސް ވަކީލުގެ ގޮތުން އެމްއެމްޕީއާރްސީ މައްސަލައިގައިވެސް އިރުޝާދުދީ ހަރަކާތްތެރިވަމުންދިޔުމަކީ އެތައް ދަރަޖައަކުން މަސްލަހަތު ފުށުއެރުން ހުރި ކަމެކެވެ،" ބާ ކައުންސިލަށް ހުށަހެޅި މައްސަލައިގައިވެ އެވެ.

ކުރީގެ މުވައްކިލުންގެ ފަރާތުން ލިބިފައި ހުރި ސިއްރު މައުލޫމާތުގެ ނާޖާއިޒު ފައިދާ އެ މީހުންނާ ދެކޮޅަށް ބޭނުން ކުރުމަށް، ނޫނީ، އެ މީހުންނަށް ނާޖާއިޒު ފައިދާ ވާނެހެން ދައުވާ ކުރުމުގެ ފުރުސަތު ޝަމީމްއަށް އޮތް ކަމަށްވެސް އެ މައްސަލައިގައިވެ އެވެ.

އޭގެ އިތުރުން އެމްއެމްޕީއާރްސީގެ މައްސަލައިގައި އެ މީހުންގެ ވަކީލުކަންކޮށްދީ ބޮޑެތި އަދަދުތަކުން ފައިސާ ލިބިވަޑައިގެންނެވި ކަމަށާއި އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާ ލިބޭ ބައެއްގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، ޝަމީމް ހަމަ އެ މައްސަލައިގައި ދައުލަތުގެ ވަކީލެއްގެ ގޮތުން އެ މީހުންނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ވަކީލުންގެ ސުލޫކާ މުޅިން ހިލާފު ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ. އަދި އޭނާގެ އަމަލުތަކަކީ ގާނޫނީ ވަކީލުންނާމެދު އާންމުންގެ އިތުބާރު ގެއްލިދާނެ ފަދަ ކަމެއް ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ.

ގާނޫނީ ފަންނުގެ ބިލުގައި، ވަކީލުން ކޮށްގެން ނުވާނެ ކަންކަން ބަޔާންކޮށްފައިވާއިރު، އޭގެ ތެރެއިން، މަސްލަހަތު ފުށޫ އަރާނެ ކަމެއް ނުކުރުމަށާއި، ވަކީލުންނާ މެދު އާންމުންގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ނުކުރުމުމަށް ބަޔާން ކުރާ މާއްދާތަކާ ޝަމީމް ހިލާފުވެފައިވާ ކަމަށް ބުނެ އެކަން ބަލައިދިނުމަށް އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.

އަދި ވަކީލުން ހަވާލުވެގެން ނުވާނެ ބާވަތުގެ މައްސަލަތައް އެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، އޭގެ ތެރެއިން، މިނިވަންކަމާއެކު މަސައްކަތް ކުރަން ހުރަސްއެޅިދާނެ ފަދަ މައްސަލައަކާ ހަވާލުވެގެން ނުވާނެ ކަމަށް ބުނާ މާއްދާއާއި، ހަވާލުވާ މައްސަލައިގައި ހިމެނޭ އަނެއް ފަރާތަކީ މައްސަލައާ ގުޅިގެން ކުރިން ގާނޫނީ ލަފާ ދީފައިވާ ފަރާތަކަށް ނުވަތަ މައްސަލައިގެ މައުލޫމާތު ހިއްސާކޮށްފައިވާ މީހަކަށްވާ ފަދަ މައްސަލަތަކާ ހަވާލުވެގެން ނުވާނެ ކަމަށް ބުނާ މާއްދާއާވެސް ހިލާފުވެ އެކަން ބަލައިދިނުމަށްވެސް އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އެދިފައިވެ އެވެ.

ޝަމީމްގެ އަމަލުތަކުގެ ތެރޭގައި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށާއި، ޝަހްސު އޮޅުވާލުމުގެ ކުށާއި، އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށާއި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް ފަދަ ކުށްތައް ހިމެނޭ ކަމަށް ފެންނަ ކަމަށް ބުނެ އެ މައްސަލަތައް ޖިނާއީ ތަހުގީގު ހިންގާ އިދާރާއަކަށް ހުށަހެޅުމަށްވެސް ބާ ކައުންސިލަށް ހުށަހެޅި މައްސަލައިގައި އެދިފައިވެ އެވެ.

comment ކޮމެންޓް