ރޮޒެއިނާވެސް މަޖިލިސް ރައީސްގެ ރެޒިޑެންޓް ވިސާގެ އިސްލާހާ ދެކޮޅު ހައްދަވައިފި

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް --- ފޮޓޯ/ މަޖިލިސް

އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީންނަށާއި، ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭން ނުފެންނަ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީނަށާއި، 10 އަހަރަށްވުރެ ދިގު މުދަތަކަށް ގެއެއް ކުއްޔަށް ދޭ ފަރާތްތަކަށް އަދި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސިންނަށެް ރެސިޑެންސް ވިސާ ދިނުމަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދުގެ ހުށަހެޅުއްވީ، އިމިގްރޭޝަންގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދެވޭ ހާލަތްތަކަށް އިސްލާހު ގެނައުމަށެވެ.

މި އިސްލާހަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށް، ރޮޒެއިނާވެސް މިއަދު ވަނީ އެއާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، އެއް ލައްކަ ރުފިޔާ އިންވެސްޓު ކުރުމުން ރެޒިޑެންޓް ވިސާ ދިނުމާ ދެކޮޅު ކަމަށެވެ. ރެޒިޑެންޓް ވިސާ ދޭން ޖެހޭނީ ބޮޑު އިންވެސްޓްމެންޓުތައް ކުރާ ފަރާތްތަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަބްސްޓޭންޝަލް ރަނގަޅު އިންވެސްޓްމެންޓެއް ގެނައުމުން ނޫނީ ރެޒިޑެންޓް ވިސާ ދެވިގެން ނުވާނެ. ގެއެއް ކުއްޔަށް ހިފާލާ އިރަށް ރެޒިޓެންޓަކަށް ވާކަށް ނުޖެހޭ. ގަބޫލު ކުރެވޭ ކަމެއް ނޫން މިއީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު އިމިގްރޭޝަން ބިލަށް އިސްލާހު ހުށަހެޅުއްވީ، ބިލް އެ ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވުމުން، އަނބުރާ ކޮމިޓީ އަށް ބިލު ފޮނުއްވަމުންނެވެ. އެމަނިކުފާނު އެދިވަޑައިގެންވީ، ރިޔާސަތުން ހުށަހަޅާފައިވާ އިސްލާހާއެކު، އެ ބިލާ މެދު އަލުން ކޮމިޓީއިން ވިސްނުމަށެވެ.

ކޮމެޓީ މަރުހަލާގައިވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އެ ބިލަށް ފާޑު ވިދާޅުވެފައެވެ. އޭގެ ތެރޭގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދުއާއި މަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަރީފު ހިމެނެ އެވެ.

މި ވާހަކަ ދެކެވެމުންދާއިރު، ބިދޭސީންގެ މައްސަލައާ ގުޅޭ ގޮތުންވެސް ރައީސް ނަޝީދު އިއްޔެ ވަނީ ހިޔާލުފާޅުކުރައްވައިފައެވެ. އެމަނިކުފާނު ލިޔުއްވި މަޒުމޫނުގައި ވިދާޅުވީ، ބިދޭސީން ރަށަށް ފޮނުވާލުމާއި، އެމީހުން ހައްޔަރުކޮށް ބަންދު ކުރުމަކީ، މުޅި މައްސަލައަށް އޮތް ހައްލެއް ކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރަން ޖެހޭނީ އެ މީހުން ރާއްޖޭގައި ބައިތިއްބައިގެން ކަމަށް ވިދާޅުވި އެވެ. އަދި އެހެން ގައުމުތަކުންވެސް ބިދޭސީން ގައުމުގައި ބައިތިއްބައިގެން އެކަން ހައްލުކުރަން ވިސްނާ ކަމަށް ވިދާޅުވެ މިސާލު ދައްކަވާފައިވެ އެވެ.

comment ކޮމެންޓް