ނަޒާހަތްތެރިކަމާ ފުށުއަރާކަމެއް ކަސްޓަމްސް ސާވިސް އިން ބަލައި ނުގަންނާނެ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރާ ކަސްޓަމްސްގެ 130 ވަނަ އަހަރީ އާއި ގުޅުވައިގެން ދެއްވ ހިތޯބުގައި ސީޖީ ޝަރީފް ވިދާޅުވީ، ތެދުވެރިކަމާ، އަމާނާތްތެރިކަމާއއި، އިހުލާސްތެރިކަމާއެކު ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުން މަތީ ދެމިތިބުމަށް ކަސްޓަމްސްގެ މުވައްޒަފުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ކޮވިޑް19 އާއި ގުޅިގެން އުފެދިފައިވާ ބިރުވެރިކަމާއެކުވެސް، ރާއްޖޭގެ ދޮރާށި ބެލެހެއްޓުމުގައި ކަސްޓަމްސްގެ އޮފިސަރުން ސާބިތުކަމާއެކު ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވާ އެ މަސައްކަތުގައި އުޅުއްވާ އޮފިސަރުންނަށް ސީޖީ ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
ކޮވިޑް 19 އާއި ގުޅިގެން އިއުލާނުކޮށްފައިވާއާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކަސްޓަމްސްގެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް، އާއިލާތަކާ ވަކިން އެކަހެރިވެ ތިބެ މަސައްކަތް ކުރި އޮފިސަރުންނަށާއި ގޭގައި ތިބެގެން މަސައްކަތް ކުރެއްވި އޮފިސަރުންނަށް އަދި ރާއްޖެ އަންނަ ފަސިންޖަރުންނާއި ރާއްޖެއިން ފުރާ ފަސިންޖަރުން ބަލާ ފާސްކުރުމުގައި އުޅުނު އޮފިސަރުންގެ އިތުރުން ވޮލަންޓިއަރުންގެ ގޮތުގައި އެންއީއޯސީގައި މަސައްކަތް ކުރި ކަސްޓަމްސްގެ އޮފިސަރުންނަށް މިއަދު ވަނީ އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދީފަ އެވެ.