ދެކުނު ކޮރެއާއިން ރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްފި

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދެކުނު ކޮރެއާ ސަރުކާރުންރާއްޖެއަށް 150 ޓެސްޓް ކިޓް ހަދިޔާކޮށްފި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ދެކުނު ކޮރެއާއިން ފޯރުކޮށްދިން މި އެހީތެރިކަމަށް، އެގައުމުގެ ސަރުކާރާއި، ރައީސް މޫން ޖެއިއިން އާއި ހާރިޖީ ވަޒީރު ކަންގް ކުޔުންގްވާ އަށް ދިވެހި ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮރެއާ އިން މިއަދު ހަދިޔާކުރި 150 ޓެސްޓް ކިޓް ބޭނުންކޮށްގެން 15،000 (ފަނަރަ ހާސް) ކޮވިޑް-19 ޓެސްޓް ހެދޭނެ އެވެ.

މިއީ ކޮވިޑް-19 ކޮންޓްރޯލްކޮށް، އިތުރަށް ފެތުރުނަ ނުދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށް ސަރުކާރުން ބުންޏެވެ.

ރާއްޖެއާއި ދެކުނު ކޮރެއާ އާއި ދެމެދު ގާތް ގުޅުމެއް އުފެދިފައިވާއިރު، ކުރިއަށް އޮތްތަނުގައި މިގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީ އިންް ބުންޏެވެ.

ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެކުވެރި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޓެސްޓް ކިޓާއި ޕީޕީއީ އަދި ބައްޔަށް ފަރުވާދޭން ބޭނުންކުރާ ބޭހާޢި އެހެނިހެން އިކުއިޕްމެންޓް އެ ފަރާތްތަކުން ދަނީ ހަދިޔާ ކުރަމުންނެވެ.

ދެކުނު ކޮރެއާ އިން އެ ތަކެތި ރާއްޖެ އަށް ހަވާލު ކުރި އިރު، ސައުތު ކޮރެއާގެ ފަރާތުން ރާއްޖޭގައި ހުންނަވާ އޮނަރަރީ ކައުންސެލް އަކީ ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

comment ކޮމެންޓް