މިއަދުވެސް ބަންގްލަދޭޝްގެ 200 މީހުން ފުރުވާލައިފި

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެކި ސަބަބުތަކާ ހުރެ އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން އިތުރު 200 މީހަކު ފުރުވާލައިފި އެވެ.

މޯލްޑިވިއަންގެ ފްލައިޓުތަކުގައި މިހާތަނަށް 4500 އަށްވުރެ ގިނަ މީހުން ފުރުވާލާފައިވާ އިރު މީގެ ތެރޭގިނައީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސިންނެވެ.

އިއްޔެ ވެސް ވަނީ އައްޑޫ ސިޓީ ގަމުން 135 ބިދޭސިންނާއެކު މޯލްޑިވިއަންގެ ފްލައިޓު ބަންގްލަދޭޝް އަށް ގޮސްފަ އެވެ.

މިއަދު ވީއައިއޭ އިން ޑާކާ އަށް ދިޔަ ފްލައިޓަކީ ބަންގްލަދޭޝް ރައްޔިތުން ގައުމަށް ގެންދިޔުމަށް ވީއައިއޭ އާއި ޑާކާ އާއި ދެމެދު މޯލްޑިވިއަން އިން ބޭއްވި 22 ވަނަ ފްލައިޓެވެ.

މި އޮޕަރޭޝަނުގެ ދަށުން މިހައިތަނަށް ފުރުވާލި ގިނަ މީހުންނަކީ ސައްހަ ލިޔެކިޔުން ނެތް މީހުންނެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގަ އާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.

މި އަހަރު ނިމޭ އިރު، ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން އަމާޒުހިފާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 62،000 މީހުންނަކީ ގަވައިދާ ހިލާފަށް އުުޅޭ މީހުންކަމަށް އިމިގްރޭޝަންގެ ރެކޯޑުތަކުން ފާހަގަވާ ނަމަވެސް، އެ އަދަދު 80،000 އާއި ލައްކައަކާ ދޭތެރޭ އުޅޭނެކަމަށް ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ.

ލިޔެކިޔުން ނެތި އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި 43،000 މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ. ލިޔެކިޔުން ނެތި އުޅޭ މީހުންގެ 95 ޕަސެންޓަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން މިހާތަނަށް ބަންގްލަދޭޝްގެ 4000 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައި ވާއިިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 3800 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ މީހުން ކަމަށެވެ.

comment ކޮމެންޓް