އޭއެފްސީ ކަޕުގެ ބާކީ ހުރި މެޗުތައް ބާއްވަން ރާއްޖޭން ބިޑް ކޮށްފި

ފެބްރުއަރީ 12، 2020: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޫބަރުގައި އެއް ދަނޑެއްގައި އަލުން ފަށާއިރު، ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ހުރިހާ މެޗެއް ރާއްޖޭގައި ބާއްވަން އެފްއޭއެމުން ރަސްމީ ބިޑެއް ހުށައަޅައިފި އެވެ.

އަންނަ އޮކްޓޯބަރު މަހު 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭ ގޮތަށް މިހާރު ނިންމާފައިވާއިރު، 13 ދުވަހު ތެރޭގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމޭނެއެވެ. މެޗުތައް އެއް ދަނޑެއްގައި ކުޅެން ނިންމިއިރު، އޭއެފްސީން މި ވަގުތު އޮތީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު މެންބަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފަ އެވެ.

އެއާ އެކު ރާއްޖޭގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ބޭއްވުމަށް އޭއެފްސީއަށް ރަސްމީކޮށް މިއަދު ބިޑު ހުށައަޅާފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.

ބައްސާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭއެފްސީ ކަޕު 2020 ގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ރަސްމީކޮށް މިއަދި ބިޑު ކޮށްފައިވާ ކަމަށާއި، އެ ބިޑު ހުށައެޅުއްވުމަށް ސަރުކާރާއި، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު ވާދަކުރަމުން އަންނަނީ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ޝެޑިއުލް ހަމަޖެހިފައިވާ ގޮތް:

  • މާޒިޔާ - ބަޝުންދުރާ، ޓީސީ - ޗެންނާއީ (23 އޮކްޓޯބަރު)
  • މާޒިޔާ - ޓީސީ، ޗެންނާއީ - ބަޝުންދުރާ (26 އޮކްޓޯބަރު)
  • ޓީސީ - މާޒިޔާ، ބަޝުންދުރާ - ޗެންނާއީ (29 އޮކްޓޯބަރު)
  • މާޒިޔާ - ޗެންނާއީ، ޓީސީ - ބަޝުންދުރާ (1 ނޮވެމްބަރު)
  • ޓީސީ - ބަޝުންދުރާ، މާޒިޔާ - ޗެންނާއީ (4 ނޮވެމްބަރު)

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރާއިރު، މީގެ ކުރިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފަ އެވެ. އެ ދުވަހު ޓީސީ ނުކުތީ ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށެވެ. އަދި އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ ދެކޮޅަށް ކުޅެފަ އެވެ.

comment ކޮމެންޓް