ލިލީ ވެސް އަންނަ ސީޒަން ނިމެންދެން މާޒިޔާގައި މަޑުކުރަން ނިންމައިފި

ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) މާޒިޔާއަށް ސޮއި ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ މާޒިޔާ

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މިހާރު ކުޅެމުން އަންނަ އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގައި އިތުރު އަހަރަކަށް މަޑު ކުރަން އެއްބަސްވެއްޖެ އެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށާއި ޓީސީ އަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާ ލިލީ ވަނީ މިދިޔަ ސީޒަނުގައި މާޒިޔާއިން ލީގުގެ ޗެމްޕިއަންކަން ހޯދުމަށާއި، މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދިއިރު ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

އުމުރުން 20 އަހަރުގައި ފުރަތަމަ ޑިވިޝަނަށް ކުޅެން ފެށި ލިލީ ފުރަތަމައިން ވެސް ފެނިގެން ދިއައީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމު ކަމަަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސްއިންނެވެ. އޭނާ އެ ކުލަބުގައި ހަތް އަހަރު މަޑު ކުރުމަށްފަހު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ ކޯޗު ކަމުގައި އޮތް ޓީސީއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނަށެވެ.

ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) މާޒިޔާއަށް ސޮއެ ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ މާޒިޔާ

ލިލީ އަނބުރާ ނިއުރޭޑިއަންޓަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ޑިފެންސްގެ ހުރިހާ މަގާމަކަށް ކުޅެފައިވާ ލިލީ ވަނީ ނިއުރޭޑިއަންޓުން 2013 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ހޯދެން ހުރ ހުރިހާ ތައްޓެއް ކާމިޔާބު ކުރި އިރު މުހިއްމު ދައުރެއް އަދާ ކޮށްފައެވެ.

ލިލީ ވަނީ ވަރަށް ފަހަކާ ޖެހެންދެން ގައުމީ ޓީމަށް ވެސް ކުޅެދީފަ އެވެ. އަދި އޭނާ އަންނަނީ އޭނަގެ އަމިއްލަ ރަށް ކަމަށްވާ ޅ. ހިންނަވުގައި ފުޓުބޯޅަ އެކެޑެމީއެއް ހިންގަމުންނެވެ.

ކުރިއަށް އޮތް ސީޒަނަށް މާޒިޔާ އިން ޓީމު ވަރުގަދަ ކުރަން މަސައްކަތް ފަށާފައިވާއިރު ސެއިން ވިންސެންޓް ގައުމީ ޓީމުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ވެސް ވަނީ މާޒިޔާގައި މަޑުކޮށްފަ އެވެ.

އެކަމަކު މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކޯޗުކޮށްދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އަންނަ ސީޒަނުގައި އެ ޓީމުގެ ބެންޗުން ނުފެންނާނެ އެވެ. މާޒިޔާގެ ވިސްނުން ހުރީ ދިވެހި ކޯޗަކާ ޓީމު ހަވާލުކުރާށެވެ. އަދި ވަރަށް އަވަހަށް އާ ކޯޗަކާ ޓީމު ހަވާލުކުރާނެ ކަމަށް އެ ޓީމުން މައުލޫމާތު ދެ އެވެ.

މިހާރު އޮތްގޮތުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޑިސެމްބަރު މަހުގަ އެވެ. އޭރު ސީޒަން ފަށަން ނިންމި އެއް ސަބަބަކީ އޮކްޓޫބަރާއި ނޮބެމްބަރު މަހު އޭއެފްސީ ކަޕާއި ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް އޮތުމުންނެވެ.

comment ކޮމެންޓް