ވެރިކަމަށް ކުރިމަތިލުމުގެ ޝައުގެއް ނެތް: އަދުރޭ

އަދުރޭ: ވެރިކަަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ނެތް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްގެ މިހާރުގެ އެންމެ އިސްފަރާތް އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިގޮތަށް ވިދާޅުވީ، މިރޭ "ސީއެންއެން"އިން ގެނެސްދިން އިތުރުކާފު ޕްރޮގްރާމްގައި ޕްރެސްޓަރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިދިޔަ މަޖިލިސް އިންތިހާބުގައި ތިންވަނަ ދައުރަކަށް ކުރިމަތިލައްވައި، ނާކާމިޔާބާ ކުރިމަތިވި އަދުރޭ ވިދާޅުވީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓުކަން ހޯދުމަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެވެސް ނެތް ކަމަށާއި ކޯލިޝަނުން އޭނާއަށް ޓިކެޓް ދިން ނަމަވެސް ގަބޫލު ނުކުރައްވާނެ ކަމަށެވެ.

"ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުނިކުންނާނަން. [ރިޔާސީ ކެންޑިޑޭޓުކަން ދިނަސް] ދެކޮޅު ހަދާނަން. އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުގެ އެއްވެސް އިންޓްރެސްޓެއްވެސް ނެތޭ، ޝައުގުވެރިކަމެއްވެސް ނެތޭ، އަދި ނުވެސް ނުކުންނާނަމޭ. ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް އަޅުގަނޑު ނުނިކުންނާނަމޭ،" ހިނގައިދާ ހާލަތަކުން ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ވެއްޖެ ނަމަ، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަ ކުރައްވާފާނަންތޯ ޕްރެސެންޓަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލަށްލުމާއެކު ކޯލީޝަނުން ވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނުކަމަށް ނިންމަވާފައެވެ. ނަމަވެސް، އެމަނިކުފާނު މައްޗަށް ކުރި މަނީލޯންޑަރިންގެ ހުކުމް ދެމިއޮތްހާ ހިނދަކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެއެވެ.

އަދުރޭ ވިދާޅުވީ، އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ހާލަތެއް ނާންނާނެ ކަމަށެވެ. އަދި މިހާރު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންގެ ވިސްނުން ހުރީވެސް އެމަނިކުފާނު މިނިވަން ކުރުމަށްކަމަށް އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ލީޑާޝިޕުން ރައީސް ޔާމީން މިނިވަން ކުރުމަށް މާބޮޑު މަސައްކަތެއް ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި އަދުރޭވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ބޭނުން ނުވާކަމަށް ވާހަކަ ދެކެވެއެވެ.

އެ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ، އެއީ ކޯލިޝަން ބައިބައި ކުރުމަށް ސަރުކާރުން ފަތުރާ ދޮގުު ވާހަކަތަކެއް ކަމަށެވެ. އަދި ކޯލިޝަނުން އެންމެ އިސްކަމެއް ދެއްވައިގެން ކުރާ ކަމަކީ، ރައީސް ޔާމީން މިނިވަން ކުރުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ޚުދު ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާނެ، ރައީސް ޔާމީން މިނިވަން ކުރުމަށް އެންމެ ބޮޑަށް ބޭނުންވާނީ އަޅުގަނޑުކަން. މި ރާއްޖޭގައި ރައީސް ޔާމީން މިނިވަން ކުރުމަށް އެކަކު ހުރި ނަމަ އެމީހަކީ އަޅުގަނޑު،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ސަރުކާރުން ކިތަންމެ ވަރަކަށް ދޮގު ވާހަކަ ދައްކައިގެން އެ ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ބައިބައިކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

"ވަރަށް ސާފުކޮށް ދަންނަވަން. އަޅުގަނޑު ސިޔާސީ ހަޔާތް ފެށީވެސް ރައީސް ޔާމީންއާއެކު. ނިންމާނީވެސް ރައީސް ޔާމީންއާއެކު. ރައީސް ޔާމީން ދޫކޮށްލާފައި މި ރާއްޖޭގައި އަޅުގަނޑު ދާނެ އެހެން ސިޔާސީ ޕްލެޓް ފޯމެއްވެސް ނެތް،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމިން ޖަލަށް ލާފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން އެމަނިކުފާނު އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން މައްސަލައިގައި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ހުކުމުން ކުރުމުންނެވެ. އެ މައްސަލަ މިހާރު އޮތީ، ހައި ކޯޓުގެ އިސްތިއުނާފު މަރުހަލާގައެވެ. އިދިކޮޅުން ބުނާ ގޮތުގައި އެ ހުކުމަކީ، ސަރުކާރުން ކޯޓަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ސިޔާސީ ހުކުމެކެވެ.

comment ކޮމެންޓް