15 މީހެއްގެ ބަޔާން ނެގިއިރު އަލީ ވަހީދާ ސުވާލެއް ނުކުރޭ

މާޗް 8، 2020: ކޮވިޑ 19 އާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އިސްބޭފުޅުންނާއިއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރެއްވި ކަމުގެ ސީރިއަސް ތުހުމަތުތަކެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި، އަލީ ވަހީދާ އެ މައްސަލައާ ގުޅިގެން މިހާތަނަށް ސުވާލުކޮށް ބަޔާން ނަގާފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، މައްސަލައިގެ ތަހުގީގުގައި މިހާތަނަށް އާދެވިފައިވާ ހިސާބުން އަލީ ވަހީދުގެ ބަޔާން ނަގަން އަދި ނުފެންނާތީ، މިހާތަނަށް އޭނާގެ ބަޔާން ނަގާފައި ނުވާ ކަމަށެވެ.

އެ މައްސަލައިގައި އަލީ ވަހީދު ދިރިއުޅުއްވާ ގެއެއް ބަލައި ފާސްކޮށް އޭނާގެ ފޯނާއި ލެޕްޓޮޕް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އަލީ ވަހީދު ފުރުން މަނާކޮށް ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ޕާސްޕޯޓް ހިފެހެއްޓީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ޖެހޭ ވަގުތުގައި އެކަން ކުރަން ހުރަސް އެޅިދާނެތީ ކަމަށެވެ. އަދި މައްސަލައިގައި ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ތަހުގީގުގެ ކުރީކޮޅު ވުމުން ހެއްކާ ބެހޭ މާބޮޑު މައުލޫމާތެއް ވެސް ހާމަކޮށްފައެއް ނުވެއެ ވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރްޔަމް އަޒްމާ ވިދާޅުވީ އެ މަައްސަލައިގައި މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ފުރައްސާރަ ލިބުނު މީހުން ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރެއްވި ކަމުގެ ތުހުމަތާ އެކު އެ މަނިކުފާނު އިސްތިއުފާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާއަށް އެންގެވި ނަމަވެސް، އިސްތިއުފާ ނުދެއްވުމުން ރައީސް ވަނީ އަލީ ވަހީދު އެމަގާމުން ވަކިކުރައްވައިފަ އެވެ.

comment ކޮމެންޓް