ހިޔާ ފްލެޓުތައް: މުއިއްޒާއި އަސްލަމް ދެއްކި ވާހަކަ ދިމަލެއް ނުވި

މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގައި ކުރީގެ ހައުސިންގް މިނިސްޓަރު މުހައްމަދު މުއިއްޒު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ގާއިމްކޮށްފައިވާ 7000 ހައުސިންގް ޔުނިޓާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގައި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ދިން މައުލޫމާތާއި މިހާރު މިނިސްޓަރު މުހައްމަދު އަސްލަމް ދިން މައުލޫމާތާ ދިމާ ނުވެ އިތުރު ސުވާލުތަކެއް އުފެދިއްޖެ އެވެ.

ޑރ މުއިއްޒު އަދި އަސްލަމްވެސް މިއަދު ހާޒިރު ކުރީ އެއް ބައްދަލުވުމަކަށެވެ. ކޮމިޓީގެ މެމްބަރުން ވަނީ އެ ދެ ބޭފުޅުންނަށް އަމާޒުކޮށް ހައުސިންގް ޔުނިޓްތަކާ ބެހޭގޮތުން ގިނަ ސުވާލުތަކެއް ކުރައްވައިފަ އެވެ. ކޮމިޓީގައި އަސްލަމް ވިދާޅުވީ 7000 ހައުސިންގް ޔުނިޓް ކީ ނަމަވެސް އެތާގައި ހުރީ 6720 ހައުސިންގް ޔުނިޓް ކަމަށެވެ. އެތަނުގައި ފްލެޓް މަދުވީ ކީއްވެތޯ މެމްބަރުން މުއިއްޒުއާ ސުވާލު ކުރި އެވެ.

މުއިއްޒު ވިދާޅުވީ އޭނާވެސް ވަރަށް ފަހުން އެތަނަށް ގޮސް ހައުސިންގް ޔުނިޓްތައް ބަލާލި ކަމަށެވެ. އަދި އެތަނުގައި ހައުސިންގް ޔުނިޓް މަދުކަން ފާހަގަވި ކަމަށާއި މައުލޫމާތު ލިބޭގޮތުން މަދުވީ މިސަރުކާރުން އިމާރާތްތަކުގެ ގްރައުންޑް ފްލޯ ކޮމާޝަލް ބޭނުންތަކުގަިއ ބޭނުން ކުރަން ނިންމާފައިވާތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު އަސްލަމް އެކަން ދޮގު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގައި ހައުސިންގް މިނިސްޓަރު މުހައްމދު އަސްލަމް --- ސަންފޮޓޯ/ ފަޔާޒު މޫސާ

"ވަކި ހިސާބަކަށް ދެއްތޯ އަޅުގަނޑުމެން ވާހަކަދެއްކުމުގައި ހަމައެއް ހިފަހައްޓަން ޖެހޭނީ. ނޫން މިސަރުކާރުން އެ ޓަވަރުތަކުގެ ތެރެއިން ފްލެޓްތަކެއް އުނިކޮށްގެނެއް ނޫން އަދަދު މަދުވީކީއެއް. އެއީ އެކަން ކުރަން އޭރުއްސުރެއް އޮތްގޮތް. އެގޮތަށް އެކަން ކޮށްފައި އެ އޮތީ. އަޅުގަނޑުމެން އައިސްފައި އެތަނުން ފްލޯތަކެއް ނަގާފައި އެކަން ކުރަން ނިންމީކީ ނޫން. ސާފު ބަހުން މި ދަންނަވަނީ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

އޭގެ އިތުރުން ފްލެޓްތަކުގެ އަގުތަކާ ބެހޭގޮތުން ދެބޭފުޅުން ދެއްކި ވާހަކަވެސް ދިމާނުވެ އެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ ފްލެޓް މަޝްރޫއުގައި ޔުނިޓަކަށް 62،000 ޑޮލަރު އަރާ ކަމަށެވެ. އަދި މުޅި ކޮންޓްރެޓްގެ އަގަކީ 434 މިލިއަން ޑޮލަރު ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވަނީ ކޮންޓްކްޓް ކުރެވުނު އަގަކީ 52،000 ޑޮލަރު ޔުނިޓަކަށް ޖެހޭ ގޮތަށް ކަމަށެވެ. ދެން އެ އަދަދު 62،000 ޑޮލަރަށް ބަދަލުވީ ކީއްވެތޯ މެމްބަރުން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ 25 ބުރިއަށް ނަގާ ތަނަކަށް ވެފައި ތަނުގެ ސްޓްރަކްޗާއަށް ބަދަލު ގެންނަން ޖެހޭތީ އަގަށް ބަދަލެއް ގެންނަން ޖެހިފައި އޮތީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެކަމުގައި އުޅުނީ ރައީސް އޮފީހުން އެކުލަވާލި ކޮމިޓީއަކާއި އެޗްޑީސީ ކަމަށް އޭނާ ވިދާޅުވި އެވެ.

"25 ބުރީގެ ޓަވަރުތައް މުޅިންވެސް ހުރީ. ޗައިނާ ސްޓޭޓް ޕްރޮޖެކްޓްގެ ތެރޭގައި އަޅާފައި. އެހެންވީމަ އޭގެ ސަބަބުން އަންނާނެ ހަމަ ފައުންޑޭޝަނުން ފެށިގެން މައްޗަށް ވަރަށް ބޮޑެތި ސްޓްރަކްޗަރަލް ބަދަލުތަކެއް އަގު މައްޗަށް ދާނެ ކަމެއް އެއީ." މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ 6849 ރުފިޔާ މަހަކަށް ހައުސިންގް ޔުނިޓަކަށް ދައްކަން ޖެހޭކަން ހިސާބުތަކުން ފެންނަން އޮތް ކަމަށެވެ. އެކަމަކު މުއިއްޒު ވިދާޅުވީ މިނިސްޓަރު އަސްލަމް ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. އެއްވެސް ސަބްސިޑީއަކާ ނުލައި 5600 ރުފިޔާއަށް ޔުނިޓެއް ދެވޭނެ ކަމަށް އޭރު ރައީސް އޮފީހާ އެޗްޑީސީއިންވެސް މަޝްވަރާކޮށް ނިންމާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވާގޮތުން މިހާރު އަޅާފައި އެހުރީ މިހާތަނަށް އެޅި އެންމެ ކުޑަ ފްލެޓް ނޫން ކަމަށެވެ. މީގެ ކުރިން ހުޅުމާލޭ ފޭސް އެކެއްގައި އެޅި ފްލެޓްގެ ކޮޓަރިތައްވެސް އެއަށްވުރެ ކުދިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް