ގްލީގެ ޕްރޮޑިއުސަރުން ނާޔާގެ ދަރިފުޅަށް ކޮލެޖު ފަންޑެއް

ނާޔާ ރިވޭރާ -- އޭނާ މަރުވެފައިވަނީ ލޭކް އަކަށް ގެނބިގެން --- ފޮޓޯ : ސީއެންއެން

ދާދި ފަހުން މަރުވި ކަމަށް އިއުލާނުކުރި "ގްލީ"ގެ އެކްޓަރު ނާޔާ ރިވޭރާގެ ހަތަރު އަހަރުގެ ދަރިފުޅު ހޮސޭ އަށް ކޮލެޖު ފަންޑެއް ހަދަން ގްލީގެ ކްރިއޭޓަރުން ނިންމައިފި އެވެ.

ކެލިފޯނިއާގެ ލޭކް ޕިރޫއިން ދާދި ފަހުން ވަނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފަ އެވެ. ފުލުހުން ވަނީ އެ ހަށިގަނޑަކީ ނާޔާ ކަން ކަށަވަރުކޮށްދީފަ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު އޭނާގެ ދަރިފުޅާއެކު ލޭކް އަށް ގޮސް އުޅުމުގެ ތެރޭގައި ނާޔާ ވަނީ ގެއްލިފަ އެވެ. އެއާ އެކު އެ ހަށިގަނޑު ފެނިފައި ވަނީ ނާޔާ ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދަނިކޮށެވެ.

ގްލީގެ ޕްރޮޑިއުސަރުން ކަމަށްވާ ރާޔަން މާފީ އާއި ބްރެޑް ފެލްޗަކް އަދި އީއަން ބްރެނަން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޮސޭއަށް ކޮލެޖަށް ދިޔުމަށް ފަންޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އެ ފަންޑުން ހޮސޭ ކޮލެޖަށް ދާއިރު އޭނާގެ ކޮލެޖުގެ ހުރިހާ ހަރަދެއް ހަމަޖެހިގެންދާނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. އޭގެ އިތުރުން އިތުރު މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

ނާޔާގެ މަރާ ގުޅިގެން އޮޓޯޕްސީ ވަނީ މިހާރު ހަދާފައެވެ. އޮޓޯޕްސީއިން ދައްކާގޮތުގައި ނާޔާ މަރުވެފައިވަނީ ގެނބިގެންނެވެ.

ފުލުހުން މީގެ ކުރީންވެސް ބުނެފައިވަނީ ނާޔާގެ މަރުގެ ފަހަތުގައި ބޮޑަށް ބެލެވެނީ އެކްސިޑެންޓެއް ވީ ކަމުގަ އެވެ. އަދި އޭނާ އަމިއްލައަށް މަރުވާން އުޅުނު ކަމަށް ނުބެލޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް