ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއަށް އުންމީދީ ފެށުމެއް!

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން: ހުޅުވާލުމުގެ ގޮތުން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 104 ޓޫރިސްޓަކު މިއަދު ރާއްޖެ ވަނީ އައިސްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިން މަހަށްވުރެ ދިގު އިންތިޒާރަކަށް ފަހު ރާއްޖޭގެ ބޯޑަރު މިއަދު ވަނީ ހުޅުވާލާފަ އެވެ. ހެނދުނު 8:27 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަތަރު އެއާވޭސްގެ ފްލައިޓު ޖެއްސުމާއެކު ހުއްޓިފައި އޮތް ފަތުރުވެރިކަމުގެ ސިނާއަތް އަލުން ވަނީ ފަށާފަ އެވެ.

މިއަދު ޖެއްސި ގަތަރު އެއާވޭސްގެ ފްލައިޓަށް ވީއައިއޭއިން މަރުހަބާ ކީ ވޯޓާ ސެލިއުޓަކުންނެވެ. އެ ބޯޓުން އައި 104 ފަތުރުވެރިންގެ އިސްތިގުބާލުގައި އޭޕްރަންގައި ތިބީ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ވީއައިއޭގެ މުވައްޒަފުންނެވެ. ރައްކާތެރިކަމާއެކު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށްޓަކައި ވީއައިއޭ އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފަ އެވެ.

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން: ހުޅުވާލުމުގެ ގޮތުން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 104 ޓޫރިސްޓަކު މިއަދު ރާއްޖެ ވަނީ އައިސްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތުރުވެރިން ޓާމިނަލަށް ވަދެގެން އަންނައިރު ޓެމްޕަރޭޗާ ޗެކް ކުރެވޭ ގޮތަށް ކެމެރާއެއް ވަނީ ބަހައްޓާފަ އެވެ. އިމިގްރޭޝަން ކައުންޓަރާ ހަމައަށް ދެވޭނީ އެ ޕޮއިންޓު ހުރަސް ކުރުމަށްފަހުގަ އެވެ. ޓާމިނަލްގެ ހުރިހާ ސަރަހައްދަކާއި އެ ނޫން ވެސް ފަތުރުވެރިން ޖަމާވާ ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަނދާން ކޮށްދިނުމަށް ނޯޓިސްތަކެއް ވަނީ ހަރުކޮށްފަ އެވެ. ލަގެޖު ބަލާ ގޮސް ތިބޭ ބެލްޓުގެ ވަށައިގެން ހުއްޓިގެން ތިބެން ޖެހޭ ތަންތަން ފާހަގަކޮށްދިނުމަށް ބިންމަތީގައި ވެސް ނިޝާންތަކެއް ވަނީ ކުރަހާފަ އެވެ.

އިކޮނޮމިކް މިނިސްޓަރު އަދި ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ފައްޔާޒު އިސްމާއިލް ސިފަކުރެއްވީ މިއީ ވަރަށް އުންމީދީ ދުވަހެއްގެ ގޮތުގަ އެވެ.

"މިއީ ވަރަށް އުންމީދީ ދުވަހެއް. ގާތްގަނޑަކަށް 100އެއްހާ ޓޫރިސްޓުން މިއަދު މިއައީ. މިހާ ހިސާބަށް ކުރީގެ ޓޫރިޒަމް މިނިސްޓަރާއި އެމްއެމްޕީއާރުސީ އަދި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނާއި އެމްއޭސީއެލް އަދި ފޮރިން މިނިސްޓްރީ، މި ބޭފުޅުންގެ މަސައްކަތާއެކު މިހާ ހިސާބަށް އާދެވުނީ. މިހާރު ވެސް ބައިވަރު މަސައްކަތްތައް ކުރެވެމުން ދަނީ ރާއްޖެއަށް ފަތުރުވެރިން ގެނައުމަށްޓަކައި." މިނިސްޓަރު ވިދާޅުވި އެވެ.

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ޖެއްސި ފުރަތަމަ ފްލައިޓުން ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރޭގައި ގިނައީ ޔޫރަޕުގެ ގައުމުތަކުގެ ފަތުރުވެރިންނެވެ. އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ އެއްފަހަރާ މާ ބައިވަރު ފަތުރުވެރިން ނައި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ފްލައިޓްތައް އިތުރުވެ، އަންނަން ބޭނުންވާ މީހުންގެ އަދަދު ވެސް ދާނީ އިތުރުވަމުންނެވެ.

"ކުއްލިއަކަށް މިއަދަކު ބައިވަރުތަކެއް ނާންނާނެ. ދުނިޔޭގެ ހާލަތަށް ވެސް ވިސްނަން ޖެހޭ. ދުނިޔޭގެ ހާލަތަށް ބަލާއިރު އެއްބައި ގައުމުތަކަކީ އަނބުރާ ދާއިރު ޓެސްޓުކުރަން ޖެހޭ ގައުމުތަކެއް. އެހެންވީމަ، އުނދަގޫ ދުވަސްވަރެއް، ދަތި ދުވަސްވަރެއް، ތަފާތު ދުވަސްވަރެއް." ތޮއްޔިބު ވިދާޅުވި އެވެ.

"މި ހާލަތުގައި އުނދަގޫވާނެ ފަތުރުވެރިންގެ ކަންތައްތަކުގައި ވެސް އެކަމަކު މިކަން ނުކޮށް ވެސް ވާކަށް ނެތް. މި ގޮތުން ފަށައިގަނެވުނީ، އިރާދަކުރެއްވީތީ ފުރަތަމަ ދުވަސް، ފުރަތަމަ ފްލައިޓް، އަޅުގަނޑުމެންގެ އުންމީދު އާވެއްޖެ. ދެން އޮތީ މިކަން ސަސްޓެއިން ކުރުން."

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން: ހުޅުވާލުމުގެ ގޮތުން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 104 ޓޫރިސްޓަކު މިއަދު ރާއްޖެ ވަނީ އައިސްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ޕެންޑެމިކްއަކީ ރާއްޖެއަށް އެކަނި ދިމާވެގެން އުޅޭ ކަމަކަށް ނުވުމާއެކު ބޭރުގެ ގައުމުތަކުން، ވަކިން ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު މާކެޓުތަކުގައި އަޅާ ފިޔަވަޅުތަކަށް ވެސް ބަލައި، ފާރަވެރިވާން ޖެހެ އެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވީ ވައިރަހާ ގުޅިގެން މުހިންމު މާކެޓުތަކުން އަޅާ ފިޔަވަޅުތަކަށް ވެސް ކުރިއަށް އޮތް ތަނުގައި ބަރޯސާވާން ޖެހިފައިވާ ކަމަށެވެ.

"ނަމަވެސް ޔަގީންވާ ކަމަކީ [ހުރިހާ ސާވޭތަކުންނާއި ހުރިހާ އިންޓަރެކްޝަންސްތަކުން] ރާއްޖެއަށް އަންނަން ބޭނުން އާންމު ރައްޔިތުން ތިބިކަން. މިސާލަކަށް އިނގިރޭސިވިލާތުގައި ކުރި ސާވޭގައި 50 ޕަސެންޓު މީހުން ދާން ބޭނުންވާ ތަނަކަށް އޮތީ ރާއްޖެ. އެހެންވީމަ އަޅުގަނޑުމެންނަށް އޮތް އެޑްވާންޓޭޖް ހަމަ އެބައޮތް. މީގައި މައްސަލައަކީ އެހެން ގައުމުތަކުން އަޅާ ފިޔަވަޅުތަކާއި އަޅުގަނޑުމެން އަޅާފައިހުރި ފިޔަވަޅުތަކާ އެއާލައިންތަކުގެ ޝެޑިއުލް." މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އަލުން ފަށައިގަތް ފެށުމަށް އިނގިރޭސި ބަހުން މިނިސްޓަރު ދެއްވި މެސެޖުގައި ވިދާޅުވީ "ދަ ސަން އިޒް ޝައިނިން އަގެއިން" ކަމަށެވެ. އަދި މި ޕެންޑެމިކްގައި އެންމެ ވަރުގަދަ ސިއްހީ ފިޔަވަޅުތައް އެޅޭނެ އެއް ގައުމަކީ ރާއްޖެ ކަމަށް ވިދާޅުވި އެވެ.

ދިގު އިންތިޒާރަކަށްފަހު ބޯޑަރު ހުޅުވާލައި، ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް މި ވަނީ ފެށިފަ އެވެ. ފަތުރުވެރިކަން ކުރިން އޮތް ހިސާބަށް ގެންދިއުމަށް ދުވަސް ނަގާނެ އެވެ. ވައިރަހާއެކު ސިނާއަތް އަނެއްކާ ބަންދުވިޔަ ނުދީ ހިފަހައްޓަން ކުރަން ޖެހޭ މަސައްކަތް ވެސް އެތައް ގުނައެއް ބުރަވާނެ އެވެ.

comment ކޮމެންޓް