ސެޕްޓެމްބަރުގެ ކުރިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓް އާންމު ކުރެވޭނެ: ކޮމެޓީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް: މި ފްލެޓުތަކުގެ 90 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގަ އާއި މާލޭގެ ގާ ކޮށީގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އިއުލާން ކޮށް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ބުނެފި އެވެ.

"ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް މުރާޖައާކޮށް، އިންސާފުވެރި ދެފުށް ފެންނަގޮތަކަށް، ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް، ފްލެޓް ލިބޭނޭގޮތް ހެދުމަށް މަގުފަހިކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮމެޓީއެއް އެކުލަވައިލެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

އެ ކޮމެޓީގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް ހާޒިރުކޮށްފައިވާއިރު ފްލެޓް ލިބޭނެ މީހުންގެ ލިސްޓް، މިމަސް ނިމޭއިރު އާންމު ކުރަން ފަށާނެ ކަމަށް އެ ކޮމެޓީގެ މެންބަރު ތޯހާ މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

ފްލެޓް ލިބޭ ހުރިހާ ފަރާތްތަކުގެ ލިސްޓް އާންމުކޮށް ނިންމާލެވޭނެ ސީދާ ތާރީހެއް ވިދާޅުވެ ދެއްވުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އެދިވަޑައިގަތުުން ތޯހާ ވިދާޅުވީ، އަދިވެސް ގިނަ މަސައްކަތްތަކެއް ހުރި ނަމަވެސް ސެޕްޓެމްބަރު ނިމޭ އިރު ހުރިހާ ކެޓަގަރީތަކަކުން ފްލެޓް ލިބޭ މީހުންގެ ނަންތައް އާންމު ކުރެވޭވަރު ވާނެ ކަމަށެވެ.

"ލޮކްޑައުންގެ ހާލަތާ ގުޅިގެން ވަކިވަރަކަށް މަސައްކަތް ކުރިއަށް މި ގެންދެވެނީ. އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް ސެޕްޓެމްބަރުގެ ނިޔަލަށް އެއްކޮށް އެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމަށް،" ތޯހާ ވިދާޅުވި އެވެ.

ފްލެޓް ލިބޭނެ ކަމަށް 2500 މީހުންގެ ލިސްޓެއް އޮތް ނަމަވެސް އެ ފްލެޓްތައް އަދި 'ވުޖޫދު' ގައި ނެތް ކަން ތޯހާ ފާހަގަކުރެއްވި އެވެ.

"2500 ހައުސިން ޔުނިޓެއްގެ ވާހަކަ ދެކެވޭ. ނަމަވެސް މިއަކީ ވުޖޫދުގައިވާ ފްލެޓްތަކެއް ނޫން. އެހެން ނަމަވެސް 2500 މީހުންގެ ލިސްޓެއް އެެބައޮތް،" ތޯހާ ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުން ފްލެޓް ލިބުނު ކަމަށް އާންމުކުރި ލިސްޓްގެ ތެރެއިން 7000 މީހުންގެ ފްލެޓް އިން ވެސް 7017 މީހަކަށް ލިޔުން ދޫކޮށްފައިވާއިރު ޖުމްލަ 9517 މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ލިޔުން ދޫކޮށްފައި ހުރިކަން ލިސްޓްތަކުން ސާފުވާން އެބައޮތް ކަން ތޯހާ ފާހަގަކުރެއްވި އެވެ.

އެނެމް މަތިން މާކްސް ލިބުނު 7000 މީހުނަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާއިރު އޭގެ ދަށުން އޮތް 2500 މީހުންނަކީ ދެން ފްލެޓް ލިބޭނެ މީހުން ކަމަށް އޭރު ނިންމާފައިވާ ކަމަށް ތޯހާ ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ފެށި ހިޔާގެ މަޝްރޫއުގެ 7000 ފްލެޓުގެ އަދަދު 6720 އަށް މަދުކޮށްފައިވާއިރު މީގެ ތެރޭގައި މުޅިން ވެސް ހުރީ، ދެ ކޮޓަރީގެ ފްލެޓްތަކެވެ. މިހާރު އެ ކޮމެޓީން ކުރަމުން އަންނަ މަސައްކަތަކީ ފްލެޓް ލިބުނު ކަމަށް އާންމުކުރި ލިސްޓްގައި ތިބި މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތެވެ.

comment ކޮމެންޓް