އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ދެގުނަ ބޮޑުކުރަން ފާސްކޮށްފި

އެނާޖީ ޑްރިންކުގެ ތެރޭގައި ހިމެނޭ ރެޑްބުލް ---

އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ދެގުނަ ބޮޑުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އެކްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފަ އެވެ. އެގޮތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އިސްލާހު ހުށަހެޅުއްވީ އެނާޖީ ޑްރިންކުން މިހާރު ނަގަމުން ދާ ޑިއުޓީ ބޮޑު ކުރާށެވެ.

މިހާރު އެނާޖީ ޑްރިންކުން ޑިއުޓީގެ ގޮތުގައި ނަގަނީ ލިޓަރަކަށް 33 ރުފިޔާ 64 ލާރި އެވެ. ޔާސިރު ހުށަހެޅުއްވީ އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ 60 ރުފިޔާ 55 ލާރި އަށް ބޮޑު ކުރާށެވެ. އެ އިސްލާހަށް 58 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރި ނަމަވެސް އަތޮޅުތަކުގެ ޕޯޓުތަކަށް ގެންދާ އެނާޖީ ޑްރިންކުން ނަގާނީ ހަމަ ކުރިން ނަގަމުން އައި އަދަދު ލިޓަރަކަށް 33 ރުފިޔާ 64 ލާރި އެވެ.

އަތޮޅުތަކުގެ ޕޯޓުތަކަށް ގެންދާ މުދަލުގެ ތެރެއިން ސިނގިރެޓް އަދި ރަލާއި އޫރުމަސް ފިޔަވާ އެހެން ހުރިހާ މުދަލަކުން ނަގާ ޑިއުޓީން 50 ޕަސެންޓް މާފުދޭން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެ އިސްލާހާއެކު އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހުތައް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

comment ކޮމެންޓް