ކޮވިޑްގެ ދެވަނަ ރާޅާއެކު ލަންކާ ބޯޑަރު ހުޅުވުން ފަސްކޮށްފި

ސްރީލަންކާގެ މައި އެއާޕޯޓު --

ސްރީލަންކާ އިން ކޮވިޑް 19 ގެ ކޭސްތަކެއް ފެނުމާއެކު އެގައުމުގެ ބޯޑަރު ހުޅުވުން ފަސްކޮށްފި އެވެ.

މީގެ ކުރިން ލަންކާގެ ބޯޑަރު ހުޅުވަން ނިންމާފަި އޮތީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް އެގައުމުގެ ކަންޑަކަޑު ރިހެބިލިޓޭޝަން ސެންޓަރުން ކޮވިޑް19 ގެ އެތައް ސަތޭކަ ކޭސް ފެނުމާއެކު ލަންކާގެ ރައްޔިތުންގެ ތެރެއިން ގައުމުން ބޭރުގައި ތިބި މީހުން އެނބުރި ގައުމަށް ގެންދިޔުމަށް ބާއްވާ ރެޕިޓްރިއޭޝަން ފްލައިޓުތައްވެސް އިއްޔެ އިން ފެށިގެން ވަނީ މެދުކަނޑާލައިފަ އެވެ.

މި ނިންމުން ނިންމާފައިވަނީ ކަރަންޓީނު ފެސިލިޓީތަކުގެ ޖާގަ ފުރެމުންދާތީ ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. ލަންކާ އަށް އެނބުރިދާ ރައްޔިތުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހެ އެވެ.

ލަންކާގެ ޓޫރިޒަމް އެންޑް އޭވިއޭޝަން މިނިސްޓަރު ޕްރާސަނާ ރަނަޓުންގާ ވިދާޅުވީ ބައިނަލްއަގުވާމީ ދަތުރުތަކަށް އެއާޕޯޓު ހުޅުވޭނެ ސީދާ ތާރީހެއް ބުނަން ނެނގޭ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގެ ރައްޔިތުން އެނބުރު ގައުމަށް ގެންދިޔުމަށް ބާއްވާ ރެޕިޓްރިއޭޝަން މަސައްކަތްވެސް މިހާރު ފެންނަމުންދާ ކޭސްތައް މަޑުޖެހުމުން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ލަންކާގެ ބޮޑަރު ޓޫރިސްޓުންނަށް ބަންދު ކުރީ މާޗު 18 ވަނަ ދުވަހު އެވެ. ލަންކާގެ އިގްތިސޯދަކީ ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވާ އިގްތިސޯދެކެވެ.

ލަންކާގެ ރެހިބިލިޓޭޝަން ސެންޓަރަކުން ކޮވިޑް ކޭސްތަކެއް ފެނިފައިވަނީ އެގައުމުގައި ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލު ވެފައި ވަނިކޮށެވެ. ލަންކާގެ ސްކޫލުތައްވެސް މިދިޔަ ހަފްތާ ހުޅުވާލިއެވެ. ނަމަވެސް ބަލި ފެތުރެން ފެށުމާއެކު ބަލަންޖެހޭ ކަންތައް ބެލުމަށް ސްކޫލުތައްވެސް ވަނީ ބަންދުކޮށްފަ އެވެ.

ސްރީލަންކާ އިން މިހާތަނަށް 2646 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު 1981 މީހުން ވަނީ ބަލިން ރަނަގޅުވެފައެވެ. އެ ގައުމުން 11 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް