ހާލަތު ރަނގަޅުވުމުން ރާއްޖޭގެ ކްރިކެޓް ޓީމުތައް ޗެންނާއީގައި ކޭމްޕް ކުރާނެ: ސަފީރު

ދިވެހި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމާއި ސްރީލަންކާ ކުޅުނު މެޗުގެ ތެރެއިން--ފޮޓޯ / ކްރިކެޓް ބޯޑް

ކޮވިޑް-19 ގެ ސަބަބުން ވަގުތީ ގޮތުން ކެންސަލް ކުރި ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ކުރިކެޓު ޓީމުގެ ޗެންނާއީ ޓްރެއިނިންގް ކޭމްޕް އާއްމު ހާލަތަކަށް އައުމާ އެކު އަލުން އެފުރުސަތު ދޭނެ ކަމަށް އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކުރިކެޓު ކުރިއެރުވުމަށް ސްޓްރެޓެޖިކް ޕްލޭނެއް ހެދުމަށްޓަކައި ބޭނުންވާ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ކުރުމަށް މިދިޔަ އަހަރުގެ ތެރޭ ކްރިކެޓް ބޯޑުގެ ސީނިއާ އޮފިޝަލް އަދި ކުރީގެ ކުޅުންތެރިޔާ ސަބާ ކަރީމް އާއި އިންޑިއާ ގައުމީ ކްރިކެޓް ޓީމުގެ ފީލްޑިން ކޯޗު އަބޭ ޝަރްމާ ރާއްޖެ އައެވެ.

އަދި ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ޓްރެއިނިންގް ކޭމްޕުތައް ހަމަޖައްސައިދިނުމަށާއި ކޯޗުންނާއި އަމްޕަޔަރުން ތަމްރީނުކުރުމުގެ ހަރަކާތްތަކެއް ހިންގުމަށް އޭރު ކުރެވުނު މަޝްވަރާތަކުގައި އިންޑިއާއިން ވަނީ އެއްބަސް ވެފަ އެވެ.

އެގޮތުގެ މަތިން މިދިޔަ އަހަރުގެ ތެރޭގައި، ކްރިކެޓް ކޯޗުންނާއި އަންޕަޔަރުން ތަމްރީން ކުރުމުގެ ކޯސްތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު މިއަހަރުގެ އޭޕްރީލް މަހަށް އިންޑިއާގެ ޗެންނާއީގައި ގައުމީ އަންހެން އަދި ޓީމުތައް ކޭމްޕް ކުރުމަށް އޮތީ ކުރިން ހަމަޖައްސައިފަ އެވެ.

"ކުރިން ހަމަޖެހިފައި އޮތް ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ކްރިކެޓް ޓީމުތަކުގެ ޗެންނާއީ ޓްރެއިނިންގް ކޭމްޕް މި އަހަރުގެ އޭޕްރީލް މަހަށް ހަމަޖެހިފައި އޮތީ. އެކަމަކު ކޮވިޑްގެ ސަބަބުން އެކަން ނުވީ. މިހާރު މި ބަލަނީ މިކަންތަކުން އަރައިގަނެވުނުހާ އަވަހަށް އެ ކޭމްޕްތައް އަލުން ކުރެވޭނެ ގޮތް ހެދުމަށް،" އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި 61 ޖިމު ސާމާނު ރާއްޖޭގެ ސަރުކާރާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ސަންޖޭ ސުދީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުޅިވަރުގެ ރޮނގުންނާއި، ސިއްހީ ރޮނގުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތީ ވަރުގަދަ ގުޅުމެއް ކަމަށެވެ. އެގޮތުގެ މަތިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި، ކުރިއަށް އޮތްތާގައި ވެސް ޓްރެއިނިން ކޭމްޕްތަކާއި، ޕްރޮގުރާމުތައް ހިންގުމަށް ފުރުސަތު ހޯއްދަވާދެއްވާނެ ކަމަށެވެ.

comment ކޮމެންޓް