އަތޮޅު ޕޯޓްތަކަށް ގެންނަ މުދާ އެ ރަށުގައި ގުދަން ކުރަން ލާޒިމް ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ މުދަލުން 50 ޕަސެންޓް ޑިއުޓީ މާފުކުރަން ބޭނުންވާނަމަ އެ މުދަލެއް އެ ޕޯޓް ހުންނަ ރަށުގައި ގުދަން ކުރަން ގާނޫނުން ލާޒިމް ކުރަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކޮށްފި އެވެ.

އެކްޕޯޓް އިމްޕޯޓް ގާނޫނަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހަޅާފައިވާ އިސްލާހުތަށް ދިރާސާ ކުރުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީއިން ނިންމާފައިވަނީ އައްޑޫ އަދި ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް އެތެރެ ކުރާ ބައެއް މުދަލުގެ 50 ޕަސެންޓް ޑިއުޓީ ކަނޑާލާށެވެ. ނަމަވެސް ރޭ އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވަނީ ސިނގިރެޓް ނޫން ހުރިހާ މުދަލެއްގެ 50 ޕަސެންޓް ޑިއުޓީ މާފު ކުރާށެވެ.

ނަމަވެސް އެގޮތަށް ޑިއުޓީ މާފުކޮށްދޭނީ އެ ޕޯޓެއް ހިމެނޭ ރަށުގައި ގުދަން ކުރާ މުދަލުން ކަމަށް ވަނީ ނިންމާފަ އެވެ.

"މި ގާނޫނުގެ ދަށުން މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ މައާފުކޮށްދެވޭނީ އެ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގައި ގުދަން ކުރެވޭ ނުވަތަ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގެ ލޯކަލް ބަނދަރުން ބޭރުކުރެވޭ މުދަލަށެވެ." ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލްލަތީފު ހުށަހަޅައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ފާސްކުރި އިސްލާހުގައި ބުނެފައިވެ އެވެ.

އެ އިސްލާހުތައް ތަޅުމަށް ހުށަހެޅުމުގެ ފުރުސަތު މިއަދު މަޖިލީހުގެ ޖަލްސާގައި ލިބޭނެ އެވެ. އަދި އިސްލާހުތަކަށް ވޯޓަށް އެހުންވެސް މިއަދުގެ ޖަލްސާގައި އޮންނާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް