ނިއު ނޯމަލްގެ އުސޫލުތަކަށް 68 ޕަސެންޓް ތަނުން އަމަލުކުރޭ

ފެބްރުއަރީ 17، 2020: މާލޭގެ މޭޔަރު ޝިފާ އަދި ޑެޕިއުޓީ މޭޔަރު ޝަމާއު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމު ހިދުމަތްދޭ ތަންތަން ނިއު ނޯމަލްގެ އުސޫލުތަކަށް އަމަލު ކުރޭތޯ ބެލުމަށް ގެންދިޔަ އިންސްޕެކްޝަންގައި 1475 ތަނެއްގެ ހާލަތު ބަލައިފައިވާ ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވި އެވެ.

ކޮވިޑާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ހެލްތު އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާއު ވިދާޅުވީ އެ 1475 ތަނުގެ ތެރެއިން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރަނީ 1000 ތަނެއް ކަމަށެވެ. އެއީ 68 ޕަސެންޓެވެ.

އެ އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭއާ އެހެނިހެން އިދާރާތަކާ ގުޅިގެންނެވެ.

އެކަމުގައި 44 އިންސްޕެކްޓަރުން ބައިވެރިވެފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ތިން ދުވަސް ވަންދަން އަޅުގަނޑުމެންނަށް 1475 ތަނެއް ވަނީ ބެލިފައި. ބެލިއިރު މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އެއްވަނަ ކެޓަގަރި ނުވަތަ ހުރިހާ ކަމެއް ފުރިހަމަވެފައި ވަނީ 1000 އެއްހާ ތަން. ދެން މެދު މިންގަނޑެއްގައި ގިނަ ތަންތަން ހުރި ކަމުގައި ވިޔަސް ހާލަތު ވަރަށް ގޯސްކޮށްވެސް ވަރަށް ގިނަ ތަންތަން ހުރިކަން ފާހަގަކުރެވޭ،" ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންސްޕެކްޓްކުރީ، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކާއި ބޯކޮށާ ތަންތަނާއި ސެލޫންތަކާއި މާރުކޭޓުގެ ގޮތުގައި ހެދިފައި ހުރި ތަންތަން ކަމަށެވެ.

މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ކުރިއަށް ދިޔަ އިންސްޕެކްޝަންގައި ނުބެލި މިހާރު ހުރީ ވަރަށް މަދު ތަންތަނެއް ކަމަށް ޝަމާއު ވިދާޅުވި އެވެ. އަދި ދެ ދުވަހެއްގެ ތެރޭގައި އެ ހުރިހާ ތަނެއްވެސް ބަލައި ނިމޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ފިހާރަތަކުގައި ތިބި ގިނަ މުވައްޒަފުން އަދިވެސް ކޮވިޑަށް ހޭލުންތެރިވެފައި ނެތް ކަން ފާހަގަކުރެވިފައިވާކަމަށް ޝަމާއު ވިދާޅުވި އެވެ.

"ޖުމްލަގޮތެއްގައި ފާހަގަކުރެނީ ދިވެހިން އުޅޭ ތަންތަނުގައި ކަންކަން ވަރަށް ބޮޑަށް ރަނގަޅަށް ހުރިކަން. އެހެން ނަަމަވެސް ބިދޭސީން މަސައްކަތް ކުރާ ތަންތަނުގައި އެންމެ ރަނގަޅަށް ކަންތައްތައް ނެތް ކަން ފާހަގަކުރެވޭ." ޝަމާއު ވިދާޅުވި އެވެ.

comment ކޮމެންޓް