މީރާއަށް މިހާރު ހުރިހާ ފައިސާއެއް އޮންލައިންކޮށް ދެއްކޭނެ

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މީރާއިން ބަލައިގަންނަ ޓެކުހާއި ފައިސާ، އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މި ހިދުމަތް މީރާއިން ފަހިކޮށްދީފައިވަނީ ޓެކްސް ފިޔަވައި އެހެނިހެން ފައިސާ އޮންލައިންކޮށް ބަލައިގަތުމަށް މިހާރު ވެސް ބޭނުންކުރަމުންދާ ވާރުޕޭ މެދުވެރިކޮށެވެ.

ވާރުޕޭއިން މީގެ ކުރިން ކުންފުނިތަކުގެ އަހަރީ ފީ، އެއްގަމު އަދި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ، ޓްރެފިކް ޖޫރިމަނާ އަދި މުދަލު ޒަކާތް ފަދަ ކަންކަމުގެ ފައިސާ ދިޔައީ ބަލައިގަންނަމުންނެވެ.

މީރާއިން ބުނީ އަލަށް ގެނައި ބަދަލާއެކު މީރާއަށްއާންމުކޮށް ބަލައިގަންނަ ހުރިހާ ފައިސާ، ވާރުޕޭ މެދުވެރިކޮށް އޮންލައިންކޮށް ދެއްކޭނެ ކަމަށެވެ.

ވާރުޕޭއަކީ މީރާގެ ވެބްސައިޓު އަދި މީރާގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ހިދުމަތެކެވެ.

ވާރުޕޭ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުން ފައިސާގެ ރަސީދު ގެއްލިގެން ނުވަތަ ފައިސާގެ ރަސީދުގެ ކޮޕީއެއް ބޭނުންވެއްޖެނަމަ، ވާރުޕޭ މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެ ގޮތް ވެސް މީރާއިން ވަނީ ހަމަޖައްސައިދީފަ އެވެ. އަދި މީރާ ކަނެކްޓް ހިދުމަތަށް ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ވާރުޕޭ މެދުވެރިކޮށް ޖީއެސްޓީ ސުންބަޔާން ހުށަހެޅުުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ.

މީގެ އިތުރުން މީރާ ކަނެކްޓް މެދުވެރިކޮށް ޓެކްސް ދައްކާ ފަރާތްތަކުން، ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އެއްފަހަރާ ނުދެއްކޭނަމަ، ދެއްކެން އޮތް އަދަދެއް މީރާ ކަނެކްޓް މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމުވެސް މީރާއިން ވަނީ ހަމަޖައްސައިދީފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް