"ޕްރިތުވީރާޖް"ގެ ޝޫޓިން ނޮވެމްބަރުގައި

އަކްޝޭ ކުމާރު --

ކޮރޯނާވައިރަހުގެ ސަބަބުން ޝޫޓިން މެދުކެނޑުނު އަކްޝޭ ކުމާރުގެ ފިލްމު "ޕްރިތުވީރާޖް"ގެ ޝޫޓިން އަލުން ފަށަން ނިންމައިފި އެވެ.

މި ފިލްމުގެ ޝޫޓިން އަލުން ފަށާނީ އޮކްޓޯބަރު މަހު ފަހުކޮޅު ނޫނީ ނޮވެމްބަރު މަހު ފެށޭކޮޅު ކަމަށް ޚަބަރުތައް ބުނެ އެވެ. ޕްރިތުވީރާޖްގެ ޝޫޓިން މެދުކެނޑުނުއިރު ފިލްމުގެ ޝޫޓިން ނިމުނީ 60 އިންސައްތައެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ އަދިތިޔާ ޗޯޕްޅާ އެވެ. އަދި ޑައިރެކްޓަރު ކުރަނީ ޗަންދުރަޕްރަކާޝްއެވެ.

އަކްޝޭ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާއިރު ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ 2017 ވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީއަކަށް ހޮވުނު މަނޫޝީ ޗިއްލަރު އެވެ. މި ފިލްމަކީ އޭނާ ބޮލީވުޑަށް ތައާރަފްވާ ފިލްމުވެސްމެއެވެ.

ބޮލީވުޑާ ގުޅުމުގެ ވިސްނުން ހުރިކަމަށް މަނޫޝީ ވަނީ މީގެ ކުރިން ބުނެފަ އެވެ. މަނޫޝީ ކުރިން ދިން އިންޓަވިއުއެއްގައި ބުނީ އަދި ފިލްމެއްގެ ހުށަހެޅުން ލިބިފައި ނުވި ނަމަވެސް، އެފަދަ ފުރުސަތަކަށް އޭނާ އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.

މަނޫޝީ އަކީ މިސް ވޯލްޑް ހޯދި އިންޑިއާގެ ހަ ވަނަ ރީތީގެ ރާނީ އެވެ. އަދި މަނޫޝީ އަކީ 2000 ވަނަ އަހަރުގެ ފަހުން މިސް ވޯލްޑް ލިބުނު ފުރަތަމަ އިންޑިއާގެ ރީތީގެ ރާނީ އެވެ. ދެހާސް ވަނަ އަހަރު މިސް ވޯލްޑް ލިބުނީ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަށެވެ.

comment ކޮމެންޓް