ރައީސް ނަޝީދުގެ ވާހަކަތައް ޗައިނާ ސަފީރު ދޮގުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޗައިނާގެ ސަފީރު ޖަންގް ލީޖޮންގް ބައްދަލުކުރެއްވުން -- ފޮޓޯ/ ރައްޔިތުންގެ މަޖިިލިސް

ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ 12 ރަށެއް ޗައިިނާ ސަރުކާރުގެ ކުންފުނިތަކަށް ވިއްކާލާފައިވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވާހަކަ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގް ދޮގުކުރައްވައިފިއެވެ.

ނަޝީދު އެހެން ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރަށް ފާޑުކިޔައި، އިންޑިއާ ނޫސްވެރިިޔަކު ލިޔުނު ލިޔުމަކާ ގުޅިގެން އެމަނިކުފާނު ލިޔުއްވި ހުޅުވާލެވިފައިވާ ސިޓީފުޅެއްގައެވެ. އެ ސިޓީފުޅައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގެ އިސްތިގުލާލު ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ވިއްކާލާފައިވާ ކަމަށެވެ.

އެ ސިޓީފުޅާ ގުޅިގެން ޗައިނާ ސަފީރު ވިދާޅުވީ ޗައިނާއާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކުގައި އެއްވެސް ހަގީގަަތެއް ނެތް ކަމަށެވެ.

އަދި ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސަށް ކަމުގެ ދެކޮޅު ހަގީގަތް ބައްލަވާލައްވަން ވަގުތު ނެތުމުން ހިތާމަކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

"ބާރަ ރަށެއްގެ ވާހަކައެއް ނޯންނާނެ. ތެދުވެރިކަމާއެކު ބައްލަވާ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ޓެގް ކުރައްވައި ކުރެއްވި ޓުވީޓުގައި ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަކީ ހަމަހަމަކަމާއި، ގައުމުގެ އިސްތިގުލާލަށް އިހްތިރާމްކުރުމާއި އަދި ދެގައުމަށް ފައިދާކުރާ ކަންކަމުގެ މައްޗަށް ކަމަށެވެ.

އެގޮތުން މިއަހަރު ޗައިނާ ސަރުކާރަށް ދައްކަން އޮތް 100 މިލިއަން ޑޮލަރުގެ ތެރެއިން، ޖީ20ގެ އެއްބަސްވުމުގެ ދަށުން 25 މިލިއަން ޑޮލަރުގެ ވޭވް އޮފްއެއް ދޭން ޗައިނާއިން ނިންމާފައިވާކަން ވެސް ސަފީރު ވަނީ ފާހަގަކުރައްވައިފައެވެ.

ހަމައެއާއެކު މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަތުމަށް ވެސް އިތުރު ލުއިތަކާއި އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރަމުން އަންނަކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައާއި ފަތުރުވެރިކަމާއި އެހެނިހެން ބޮޑެތި މަޝްރޫއުތަކުގައި ވެސް ޗައިނާއިން ރާއްޖެއާއެކު ވަރަށް ކައިރިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދު ޗައިނާއާ ގުޅޭގޮތުން ދައްކަވާ އެކި ވާހަކަތަކާ ގުޅިގެން އެކި ފަހަރުމަތިން ހޫނު ރައްދުތައް ސަފީރު ދެއްވަ އެވެ.

comment ކޮމެންޓް