ބިރުވެރި! ދިވެހިން މިދަނީ ދެވަނަ ރާޅަކާ ދިމާލަށް!

މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއް ދިން ފަހުން މަސްދުވަސް ވާން މިވަނީ ގާތްވެފަ އެވެ. ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން ކަމެއް ވެގެން އުޅޭހެން ވެސް ހީ ނުވާ ފަދަ އެވެ. ދެ މަސް ވަންދެން ގޭގައި ބަންދުވެގެން ތިބީ ކީއްވެގެން ކަން ހަނދާނުން ކައްސާލައިފި އެވެ. ދުވަހެއް ދުވަހަކަށް ކޮވިޑަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު އިތުރުވަމުންދާ ދިއުމުން ވެސް މިކަން ޔަގީންވެ އެވެ.

އެޗްއީއޯސީން ބާއްވާ ކޮންމެ ޕްރެސް ކޮންފަރެންސެއްގައި ވެސް ކަމާބެހޭ ފަރާތްތަކާއި ޑޮކްޓަރުން ދަނީ މިކަމުގައި ހުރި ބިރުވެރިކަން އާންމުންނަށް ހަނދާންކޮށްދޭން މަސައްކަތް ކުރަމުންނެވެ. މިއީ ކޮވިޑުގެ ކުރިން އޮތް "ނޯމަލް" ނޫން ކަމަށާއި މިއީ ނިއު ނޯމަލްއެއް ކަން ތަކުރާރުކޮށް ހަނދާން ކޮށްދެއްވަ އެވެ. ޑޮކްޓަރުންގެ ތަފާސްހިސާބުތަކުން އެނގެނީ މި ބަލި މިހާރު ފެތުރެމުންދަނީ ދިވެހިންގެ ތެރޭގައި ކަމެވެ.

ލޮކްޑައުންއަށް ލުއިދިން ދުވަސްވަރާއި (ޖޫން މަހުގެ މެދެއްހާ ހިސާބު) މި މަހުގެ ފުރަތަމަ ހަފުތާގެ ތަފާސްހިސާބުތައް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަލީ ލަތީފު ވަނީ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާކުރައްވާފަ އެވެ. ޑރ. ލަތީފުގެ ތަފާސްހިސާބުތަކުން އެނގެނީ ބަލި ޖެހޭ ދިވެހިންގެ އަދަދުގެ އިތުރުން، ކޮންޓެކްޓުންގެ އަދަދާއި އެޑްމިޓު ކުރާ މީހުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމެވެ.

މާޗް 29، 2020: ކޮވިޑް19 އާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޖޫން މަހުގެ ފަހު ހަފުތާއަށް ބަލާއިރު ގާތްގަނޑަކަށް ހަތަރު ޕަސެންޓު މީހުން އެޑްމިޓުކުރީ. ޖުލައިގެ ފުރަތަމަ ހަފުތާއަށް ބަލާއިރު 15 ޕަސެންޓަށް މައްޗަށް ގޮސްފައި." ޑރ. އަލީ ވިދާޅުވި އެވެ.

ކޮވިޑް އެންމެ ފުރަތަމަ ފެތުރިގެންދިޔަ ދުވަސްވަރު ކޮންޓެކްޓް ބަބުލް ނުވަތަ ޕޮޒިޓިވްވާ މީހަކާ ދިމާވާ މީހުންގެ އަދަދު ވަރަށް ގިނަ އެވެ. ލޮކްޑައުންއާ ގުޅިގެން އެ އަދަދު ވަރަށް ބޮޑަށް މަދު ކުރެވުނު ނަމަވެސް، ޑރ. އަލީ ވިދާޅުވީ ލޮކްޑައުންއަށް ލުއިދިނުމާއެކު ކޮންޓެކްޓް ބަބުލް އަނެއްކާ ވެސް ބޮޑުވާން ފަށާފައިވާ ކަމަށެވެ.

ނިއު ނޯމަލް އާއެކު މާލޭގެ މަޖީދީމަގު ބާރު ބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޖޫން މަހުގެ މެދާ ހިސާބަށް ބަލާއިރު އެވަރޭޖް ކޮންޓެކްޓްސްއަކީ ނުވައެއް. ނަމަވެސް މިހާރު އެވަރޭޖް ކޮންޓެކްޓްސް އެބަހުރި ގާތްގަނޑަކަށް 15. އައިޖީއެމްއެޗް ކޭސްތަކަށް ބަލާއިރު، އައިޖީއެމްއެޗްގެ ވެސް 19 ކޭހާ ގުޅިގެން 124 ކޮންޓެކްޓް އެބައުޅޭ. މި ކަންތައްތަަކަކީ ކަންބޮޑުވާ ކަންތައްތަކެއް." ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ނަންބަރުތައް އިތުރުވުމާއެކު ބިރުގަންނަން ޖެހޭ އަނެއް ކަމަކީ ދިވެހިންގެ ތެރޭގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަ ކަމަށް ވުމުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އަދި ދިވެހީންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ނޫނަސް، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

"ބިދޭސީންނަށް މި ބަލި ޖެހިގެންދިޔައިރު އެހާ ކަންބޮޑުނުވާ ސަބަބަކީ އެމީހުންގެ އުމުރަކީ ފުދޭވަރަކަށް ޅަ އުމުރެއް. އެކަމަކު ދިވެހިންގެ ތެރޭގައި އެބަތިބި ވަރަށް ޅަ އުމުރުގައި ވެސް ފުދޭވަރަކަށް ގިނަ ބަލިތައް ހުންނަ މީހުން. ގާތްގަނޑަކަށް 40 އަހަރުގެ މީހުންގެ އެބަހުރޭ ޑައިބެޓީސް، ހިތުގެ ބަލިތައް. އެހެން ކަމަށް ވާނަމަ ދިވެހިންގެ ތެރޭގައި މި ބަލި ފެތުރިގެންދާނަމަ ޗާންސަސް މާބޮޑު، ނުރައްކާތެރި ކަމެއް ދިމާވެގެން ނިޔާވުމުގެ." ޑރ. އަލީ ވިދާޅުވި އެވެ.

ލޮކްޑައުންއަށް ލުއިތަކެއް ދިން ފަހުން އެންމެ ގިނަ މީހުން ދަނީ ކެފޭ/ ރެސްޓޯރެންޓްތަކަށެވެ. އެތަންތަނުގައި ގައިދުރުކަމާއެކު ތިބެވޭނެ ގޮތް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުން ނަސޭހަތްތެރިވި ނަމަވެސް އެއްވެސް ބަދަލެއް ގެނައި ތަނެއް ނުފެނެ އެވެ. ބައެއް ތަންތަނުގެ ސާފުތާހިރުކަމުގެ ފެންވަރު އަދިވެސް ހުރީ ވަރަށް ދަށްކޮށެވެ. ޖުލައި އެއްވަނަ ދުވަހު ކެފޭތައް ހުޅުވިއިރު ބެހެއްޓި ސައިބޯނި ފުޅި ހުސްވުމުން އާ ފުޅިއެއް ބެހެއްޓުމުގެ ބަދަލުގައި ހުސްވި ފުޅިއަށް މިހާރު އަޅާފައި ހުންނަނީ ފެނެވެ. އެއް މޭޒާ އަނެއް މޭޒާ ދެމެދު ފޫޓެއްގެ ދުރުމިން ހުންނަނީ ހަމަ ކިރިޔާ އެވެ.

ދިވެހިން މާސްކު އެޅުމުގެ ވައްޓާފަޅިއަކީ އާދަޔާހިލާފު ވައްޓަފާޅިއެކެވެ. ބައެއް މީހުން މާސްކު އަޅައި އުޅެނީ ދަތްދޮޅީގަ އެވެ. ނުވަތަ ނޭފަތް ނިވާނުކޮށް ހަމައެކަނި އަނގަމަތީގަ އެވެ. އެކި ކުލަތަކާއި ޑިޒައިންތަކާއެކު މާސްކު އެޅުން ވެސް މިހާރު ފެޝަން ޓްރެންޑަކަށް ވަނީ ބަދަލުވެފަ އެވެ. ބަލައިލަން ކިތަންމެ ރީތި ނަމަވެސް އެއީ ބަލިތަކުން ރައްކާތެރިކޮށްދޭ ފަދަ މާސްކެއްތޯ ނުވަތަ އޭގައި ބޭނުންކުރާ މެޓީރިއަލްއަކީ ކޯއްޗެއްކަން ބަލައިލުމެއް ނޯވެ އެވެ.

--ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއީ ހައްތާހާ ވެސް ބަލި އިތުރަށް ފެތުރިގެންދާނެ ކަންކަމެވެ. ކޮވިޑް އެންމެ ފުރަތަމަ ފެތުރިގެންދިޔަ ދުވަސްވަރާ އަޅާބަލާއިރު މިހާރު ފެންނަ ކޭސްތައް ނަންބަރުގެ ގޮތުން ބަލާއިރު މަދެވެ. އެހެން ނަމަވެސް ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ދިވެހިންނެވެ. އެންމެ ބިރުބޮޑު އެއް ކަމަކީ އެތަނުން ގިނަ ކޭސްތަކަކީ އެއްވެސް ކްލަސްޓާއަކީ ގުޅުމެއް ނެތް ކޭސްތަކަށް ވުމެވެ. މިކަމުން ދޭހަވަނީ ދިވެހިން ތެރޭގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމެވެ.

މިދިޔަ ހަފުތާގައި ފެނުނު ކޭސްތަކާއި އޭގެ ތެރޭގައި ހިމެނޭ ދިވެހިންގެ އަދަދު:

ޖުލައި 12، 2020: 67 މީހުން (52 ދިވެހިން)
ޖުލައި 11، 2020: 47 މީހުން (43 ދިވެހިން)
ޖުލައި 10، 2020: 64 މީހުން (44 ދިވެހިން)
ޖުލައި 9، 2020: 36 މީހުން (33 ދިވެހިން)
ޖުލައި 8، 2020: 16 މީހުން (11 ދިވެހިން)
ޖުލައި 7، 2020: 10 މީހުން (ހަތް ދިވެހިން)
ޖުލައި 6، 2020: 23 މީހުން (16 ދިވެހިން)

އިތުރަށް ވިސްނަން ޖެހޭ ކަމަކީ މި ކޭސްތަކުގެ ތެރޭގައި ކްލަސްޓާއަކަށް ނިސްބަތްނުވާ ކޭސްތައް ހުރި މިންވަރު ވެސް އިތުރުވަމުންދާ ކަމެވެ. މާނައަކީ ދިވެހިންގެ މެދުގައި މި ބަލި ފެތުރޭ މިންވަރު ވެސް އިތުރުވަނީ އެވެ. ލޮކްޑައުންއަށް ދިން ލުއިތަކާއެކު މީހަކަށް ބަލި ޖެހުނީ ކާކުގެ ފަރާތުން ނުވަތަ ކޮންތަނަކަށް ގޮސްގެންކަން ދެނެގަންންނަ އުނދަގޫ ހިސާބަކަށް ދާން މިވަނީ ފަށާފަ އެވެ.

ބަލި ޖެހޭ ދިވެހިންގެ އަދަދު އިތުރުވަމުންދާއިރު، އަލުން ލޮކްޑައުންއަކަށް ދާން ޖެހިދާނެކަމުގެ އިޝާރާތްތައް ކަމާބެހޭ ފަރާތްތަކުން އަންނަނީ ދެމުންނެވެ. މިއީ އެއްވެސް ބަޔަކު ބޭނުންވާނެ ކަމެއް ނޫނެވެ. އަދި ލޮކްޑައުންއަކަށް ނުގޮސް، ހާލަތު ރަނގަޅުކޮށް ދެމެހެއްޓުމުގެ ބާރު އޮތީ ވެސް އާންމުންގެ އަތުގައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

https://sun.mv/139852

comment ކޮމެންޓް