އިމްޕޯޓް، އެކްސްޕޯޓް ދަށަށް ގޮސް އާމްދަނީ ދަށަށް

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: ކަސްޓަމްސް

ހުސްވި ޖޫން މަހު ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓް ދަށްވެ، ދައުލަތަށް ލިބުނު އާމްދަނީ ވެސް ދަށްވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިިދިޔަ ޖޫން މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު އެތެރެކުރި މުދަލުގެ ސީއައިއެފް އަގު 3.3 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ 36 ޕަސެންޓު ދަށްވުމެކެވެ.

މިދިޔަ ޖޫން މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އެފްއޯބީ އަގަކީ 217 މިލިއަން ރުފިޔާ އެވެ. މިިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކުރި މުދަލުގެ އަގާ އަޅާބަލާއިރު 33 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު އެކްސްޕޯޓު ކުރި މުދަލުގެ އެފްއޯބީ އަގަކީ 326 މިލިއަން ރުފިޔާ އެވެ.

މިއާއެކު އިމްޕޯޓް/އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 21 ޕަސެންޓު ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު 266 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިއަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 211 މިލިއަން ރުފިޔާ އެވެ.

އަހަރުން އަހަރަށް ބަލާއިރު އިމްޕޯޓް/އެކްސްޕޯޓު ދަށްވި ނަމަވެސް، ޖޫން މަހު މުދާ އިމްޕޯޓު އަދި އެކްސްޕޯޓު ކުރި މިންވަރު މިއަހަރުގެ މެއި މަހާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން މެއި މަހާ އަޅާބަލާއިރު ޖޫން މަހުގެ އިމްޕޯޓަށް 36 ޕަސެންޓު އަދި އެކްސްޕޯޓަށް 46 ޕަސެންޓުގެ ކުރިއެރުމެއް ވަނީ އައިސްފަ އެވެ.

ޖޫން މަހު އަގުގެ ގޮތުން އެންމެ ގިނައިން މުދާ އިމްޕޯޓު ކުރި ފަސް ގައުމަކީ ޗައިނާ، އިންޑިއާ، ސިންގަޕޫރު، އޮމާޏް އަދި ޔޫއޭއީ އެވެ. އެންމެ ގިނައިން އެކްސްޕޯޓު ކުރީ ތައިލެންޑް، އިޓަލީ، އިނގިރޭސިވިލާތް، ޖަރުމަންވިލާތް އަދި އެމެރިކާއަށެވެ.

comment ކޮމެންޓް