ބިދޭސީ މުޒާހަރާ: ބިރެއް ނެތް، ފުލުހުންނަށް ހަމަލާދިނީ އޮށްގަލުން!

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ އެތައް މަހެއްގެ މުސާރަ ނުލިބުމުގެ ސަބަބުން އެ މީހުންގެ ހައްގު ހޯދަން މި ފަހުން ވަނީ މަގުމައްޗަށް ނިކުންނަން ފަށާފަ އެވެ.

ނަމަވެސް އެ އިހުތިޖާޖުތައް ގޯހުން ގޯހަށް ގޮސް އަމަން ބަލަހައްޓަން ތިބޭ ފަރާތްތަކާއި ބޮޑެތި ކުރިމަތިލުންތަކެއް ހިނގާ މަންޒަރުތައް ވަނީ ތަކުރާރުވާން ފަށާފަ އެވެ.

އެ ބޮޅަށް އަނެއްކާ ވެސް އިތުރުވެގެން ދިޔައީ މިއަދު އެރި އިރާއި އެކު ހުޅުމާލެ އިން ފެނުނު ބިދޭސީންގެ މުޒާހަރާ އެވެ.

ސަލާމަތީ ހިދުމަތްދޭ ފުލުހުންނާއި ސިފައިންގެ ބޯހިޔާވަހިކަމަށް އަޅަމުންދާ ފްލެޓްތަކުގެ މަސައްކަތް ކުރަމުންދާ އައިލެންޑް އެކްސްޕާޓްގެ މަސައްކަތްތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ މީގެ މަސްތަކެއް ކުރިން ވެސް އެ މީހުން ވަނީ އިހުތިޖާޖު ކޮށްފަ އެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ.

ބޮޑުފިނޮޅުގައި ހިނގާ ދިޔަ ހާދިސާއިން ހިތްވަރު ލިބިގެން މިދިޔަ ހަފްތާގެ މި ދުވަހު އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މަސައްކަތްތެރިން މަގުމައްޗަށް ނިކުމެ އެ މީހުނަށް ވެސް މުސާރަ ނުލިބޭ ކަމަށް އުފުލި އަޑުތައް ތަކުރާރުކުރި އެވެ. އެ އިހުތިޖާޖުގައި ވެސް ކޮންމެވެސް ވަރެއްގެ ކުރިމަތިލުމެއް ފެނުނު ނަމަވެސް މާގިނަ އިރުތަކެއް ނުވެ މުޒާހަރާ ނިންމާލީ "އަދިވެސް ނިކުންނާނެ ކަމުގެ އިންޒާރު" ދީފަ އެވެ.

ނަމަވެސް ހަފްތާއެއް ވެގެން ދިޔައިރު އެ މީހުނަށް އެކަށީގެންވާ ޖަވާބެއް ނުލިބުމުން މިއަދު އަނެއްކާ ވެސް އެ މީހުން ނިކުތެވެ. ހުޅުމާލެ ޕެޓްރޯލް ކުރަން ވެހިކަލްގައި އުޅުނު ހައެއްކަ ފުލުހުންނަށް އެ މަންޒަރު ފެނި އެކަން ހުއްޓުވަން ދިއުމުން ދެން ފެނުނީ މާ ބިރުވެރި މަންޒަރެކެވެ.

ބައެއް މީހުން އެ މަންޒަރު ސިފަ ކުރީ ފަލަސްތީނު ރައްޔިތުން އިޒްރޭލް ސިފައިންނާ ދެކޮޅަށް "އޮއްގާ އުކާ" މަންޒަރާ އެއްފަދަ ގޮތަކަށެވެ. އެތަނަށް ދިޔަ ފުލުހުންނަށް ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވީ ވެހިކަލް، ނިވާފަތްގަނޑަކަށް ހަދައި އެ ސަރަހައްދު ދޫކޮށް ދިއުމުންނެވެ. ވެހިކަލްގެ ބިއްލޫރިތައް ވަނީ ތަޅާލާފަ އެވެ. އެ ބިދޭސީން ވަނީ އެ ސަރަހައްދުގައި މަންޒަރު ބަލަން ތިބި އާންމު ރައްޔިތުންނާ ދިމާލަށް ވެސް އޮއްގާ އުކާފަ އެވެ.

ބައެއް ދިވެހިން ވެސް ރުޅިގަދަވެ އެ މީހުންނާ ދިމާލަށް އޮއްގާއުކި އެވެ. ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ބައެއް ދިވެހިން ރުޅިގަދަ، "އެމީހުންނަށް ބޭނުންހާ އެއްޗެއް ނުހެދޭނެ" ކަމަށް ބުނެ ބިދޭސީންނަށް ހަމަލާދޭން އުޅުމުން ފުލުހުން އެ މީހުން މައިތިރި ކުރުވަ އެވެ.

ބިދޭސީން ފުލުހުންނާ ކުރިމަތިލި ވަގުތުކޮޅު ހީވީ، އޮށްގަލުގެ ވާރެއެއް އޮއްސާލިހެންނެވެ. ފުލުހުން އެ ސަރަހައްދު ދޫކޮށްދަންދެން އެ މީހުން އޮށްގާ އުކާތަން ވީޑިއޯތަކުންފެނެ އެވެ.

މި ފަހުން ދިވެހިން ކުރި އިހުތިޖާޖުތަކާއި މުޒާހަރާތަކުގައި ވެސް މި ފަދަ ގޮތަކަށް ފުލުހުންނާއި ސިފައިންނާއި ކުރިމަތިލާފައެއް ނުވެއެވެ.

"މިއީ ފިލްމެއްގެ މަންޒަރެއް ނޫން. ހަގީގަތް. ބިދޭސީ ލޭބަރުންގެ ހައްގު ހޯދުމަށް ކުރާ އިހުތިޖާޖު ފުޅާވެގެން ދާ މަންޒަރު. ގައުމުގެ އަމާންކަމާއި މަސްލަހަތައް އޮތް ގޮން ޖެހުން. ގުޅުން ހުރި ހުރިހާ ފަރާތަކުން ވެސް ޒިންމާ ނަގަން އެބަ ޖެހޭ. ގާނޫނު ތަންފީޒުވާން އެބަ ޖެހޭ،" އެ ވީޑީއޯ ސޯސަލް މީޑިއާއަށް ދޫކޮށްލަމުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވި އެވެ.

https://sun.mv/139599

comment ކޮމެންޓް