ޒަހާއަށް ނަސްލީ ތަފާތު ކުރި 12 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ކްރިސްޓަލް ޕެލްސްގެ ތަރި ވިލްފްރައިޑް ޒަހާ --- ފޮޓޯ/ލައިވްސްކޯ

ކްރިސްޓަލް ޕެލްސްގެ ތަރި ވިލްފްރައިޑް ޒަހާއަށް ނަސްލީ ތަފާތުކޮށް އިންސްޓަގުރާމުން މެސެޖުތަކެއް ކުރި މައްސަލާގައި 12 އަހަރުގެ ކުޑަ ކުއްޖަކު ހައްޔަރު ކޮށްފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާއި ކްރިސްޓަލް ޕެލަސް ބައްދަލު ކުރި މެޗުގެ ކުރިން ޒަހާއަށް އިންސްޓްގުރާމު މެދުވެރިކޮށް މީހަކު ކޮށްފައިވާ މެސެޖުތަކެއްގެ ސްކްރީންޝޮޓުތަކެއް އޭނާ ވަނީ މީސް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. އެއާ ގުޅިގެން އިނގިރޭސި ވިލާތުގެ ވެސްޓް މިޑްލޭންޑް ޕޮލިހުން އެ މައްސަލަ ވަނީ ބަލަން ފަށައިފަ އެވެ. އަދި އެކަން ކުރި ކަމުގެ ތުހުމަތުގައި މިހާރު ވަނީ 12 އަހަރުގެ ކުއްޖަކު ވެސް ހައްޔަރު ކޮށްފަ އެވެ.

ޒަހާއަށް އެކުއްޖާގެ އިންސްޓަގުރާމް އައިޑީއިން ފޮނުވާފައިވާ މެސެޖުތަކުގައި ނަސްލީ ތަފާތުކޮށް ވާހަކަތައް ދައްކާފައިވާ އިރު އެސްޓަން ވިލާ ކޮޅަށް ގޯލު ނުޖެހުމަށް ވެސް ވަނީ އިންޒާރު ކޮށްފަ އެވެ. އަދި އެ ކުއްޖާ ވަނީ ނަސްލީ ތަފާތުކޮށް ޒަހާއަށް މަލާމަތް ކުރުމުގެ ގޮތުން އެޑިޓް ކޮށްފައިވާ ފޮޓޯތަކެއް ވެސް ފޮނުވާފަ އެވެ.

އިންސްޓްގުރާމުން ފޮނުވާފައިވާ މި މެސެޖުތަކުގެ ސްކްރީންޝޮޓުތައް މީސްމީޑިއާގައި ހިއްސާ ކުރަމުން ޒަހާ ބުނީ އޭނާއަށް ނިދިން ހޭލެވުނީ މި މެސެޖުތަކަށް ކަމަށެވެ.

އެކަމާ ގުޅިގެން ފަށާފައިވާ ތަހުގީގާ ގުޅިގެން އިނގިރޭސިވިލާތުގެ ސޮއިލްހަލްއަށް ނިސްބަތްވާ 12 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ނަސްލީ ތަފާތު ކުރުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އެކަން ފުރިހަމައަށް ތަހުގީގް ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.

އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައި މަރާލުމާއި ގުޅިގެން މިފަހުން ވަނީ ނަސްލީ ތަފާތު ކުރުން ހުއްޓާލުމަށް މުޅި ދުނިޔޭގައި ވެސް ވަރުގަދަ ކެމްޕޭނެއް ފަށައިފަ އެވެ. މި ކެމްޕޭނުގައި ނަގާކިޔަން ފުޓުބޯޅަ ތަރިންތަކެއް ވެސް ތިބި އިރު ގިނަ ކުޅުންތެރިންތަކެއް ވަނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.

comment ކޮމެންޓް