ބޭރު ނޫސްވެރިއެއްގެ ފާޑުކިޔުންތަކަށް ނަޝީދުގެ ހުޅުވާލެވިފައިވާ ސިޓީއެއް

ފެބްރުއަރީ 22، 2020: އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ / އަހްމަދު ސައީދު

ދިވެހި ސަރުކާރަށް ފާޑުކިޔައި، އިންޑިއާ ނޫސްވެރިިޔަކު ލިޔުނު ލިޔުމަކާ ގުޅިގެން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައި، ހަގީގަތް ބެލުމަށް އެ ނޫސްވެރިޔާ ރާއްޖެ އައުމަށް ދައުވަތު ދެއްވައިފި އެވެ.

އެރެބް ނިއުސް ޕާކިސްތާނަށް، ސީމާ ސެންގުޕްތާ ލިޔުއްވި ލިޔުމެއްގައި ބުނެފައި ވަނީ ރާއްޖޭގައި އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގުވެސް މަޑުމަޑުން ނިގުޅައިގަންނަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަޝްރަހު ގޯސްވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ޑިމޮކްރަސީ ނަގަހައްޓަވާނެ ކަަމަށް ވައުދުވެ ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ސިޔާސީ ހުކުމްތައް އިއްވައި ޖަލަށް ލަމުން އަންނަ ކަމަށާއި، މިއީ ޑިމޮކްރަސީއެއްގައި ވަރަށް ބޮޑު ވެއްޓުމެއް ކަމަށް ބުނެފައިވެ އެވެ.

ސީމާގެ ލިޔުމަށް މައުލޫމާތު ހޯދުމަށް ވާހަކަދައްކާފައި ވަނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހުސައިން މަނިކާ އެވެ.

ރައީސް ސޯލިހުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވެސް އެ ސީމާ ވަނީ ފާޑުކިޔައިފަ އެވެ. އެގޮތުން ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ނަމަވެސް، އެމްޑީޕީއަށް މަޖިލީހުގެ ތެރެއިން ލިބިފައިވާ ސުޕަ މެޖޯރިޓީގެ ބޭނުން ހިފައިގެން، ޖުޑީޝަރީއާ ކުޅުމުގެ މަސައްކަތް މަޖިލީހުން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މަޖިލީހުގެ ކޮމެޓީތަކުން ޖިނާއީ މައްސަލަތަކުގެ ތެރެއަށް ވަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މަޖިލީހުގެ ކޮމެޓީތަކުން އަމަލުކޮށްފައިވާ ގޮތް ފާހަގަކޮށްފައިވެއެވެ.

ސީމާގެ ލިޔުމާ ގުޅިގެން، އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން، ރައީސް ނަޝީދު ވަނީ ސިޓީއެއް ލިޔުއްވާ އެމްޑީޕީގެ ރަސްމީ އެކައުންޓުން ހާމަކުރައްވައިފަ އެވެ.

ސިޓީ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ސީމާގެ ލިޔުމަކީ ވަރަށް ބޮޑަށް އެއް ކޮޅަކަށް ބުރަވެ ހުރެ ލިޔެފައިވާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން އަށް ނާކާމިޔާބުވީ ވައްކަމާއި ކޮރަޕްޝަނާއި، ޑިމޮކްރަޓިކް އިންސްޓިޓިއުޝަންތަކަށް ދަތިކުރުމާއި، އަދި އެއް ބިލިއަން ޑޮލަރުގެ ބޮޑު ހިޔާނާތުގައި ޖެހި މަނީ ލޯންޑާކުރުން ފަދަ ބޮޑެތި މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

ހަމައެއާއެކު ރައީސް ޔާމީން ރާއްޖޭގެ އިސްތިގުލާލު ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ވިއްކާލާފައިވާ ކަަމަށާއި ރާއްޖޭގެ 12 ރަށެއް ޗައިނާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވިއްކާލާފައިވާ ކަމަށް ވެސް ނަޝީދުގެ ސިޓީގައި ވަނީ ތުހުމަތުކުރައްވައިފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ކަމަށާއި، އަދި ރާއްޖޭގެ މިނިވަންކަމަށް އަސަރުކޮށް އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ވެސް އެކަމުގެ އަސަރުކޮށްފައިވާ ކަމަށެވެ.

ރައީސް ސޯލިހަށް ދިވެހި ރައްޔިތުން ކުރި ތާއީދު، މަޖިލިސް އިންތިހާބުގައި ވެސް ތަކުރާރުކޮށް، އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ދީފައިވާކަން ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އަދި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ހުރިހާ ސިޔާސީ ހައްޔަރީން މިނިވަންކޮށް، ކުނިވަމުން ދިޔަ ޖުޑީޝަރީ ސާފުކޮށްފައިވާ ކަމަށާއި ކޮމަންވެލަތާ އަލުން ގުޅި، ބައިނަލްއަގުވާމީ ދުނިޔެއިން ރާއްޖެއާ މެދު ދެކެމުން އައި ގޮތް މަޑުމަޑުން ބަދަލުވާން ފަށާފައިިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ސީމާއަށް އެއިން އެއްވެސް ކަމެއް އެނގިވަޑައިގެންފައި ނުވަނީ، ހަމައެކަނި ރައީސް ޔާމީންގެ ދައުރުގެ ބޭފުޅުންގެ އަޑުއައްސަވައިގެން ލިޔުއްވާފައިވާތީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ޣައްސާން އަކީ ރައީސް ޔާމީންއާ އެކު މަނީ ލޯންޑާ ކުރުމުގައި ބައިވެރިވި މީހެއް ކަމަށް ބުނެ، އަމިއްލަ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުހައްގުން ޖަލަށް ލީއިރުވެސް ޣައްސާން އެކަމާ ދެކޮޅަށް އަޑުއުފުއްލަވާފައި ނުވާކަން ފާހަގަކުރައްވައިފައެވެ.

ޑރ. ވަހީދަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ވަހީދު ވެރިކަމަށް ވަޑައިގަތީ ބަޣާވާތެއް ކޮށްގެން ކަމަށާއި އެއަށްފަހު އިންތިހާބެއްގައި ވާދަކުރައްވައިގެން ލިބިވަޑައިގަތީ އެންމެ ހަތަރު ޕަސެންޓު ވޯޓު ކަމަށެވެ.

އަދި އެއީ މުޅި ދުނިޔޭގައި ވެސް ކުރިން ވެރިކަން ކުރައްވާފައިވާ ބޭފުޅަކު އިންތިހާބެއްގައި ވާދަކޮށްގެން ލިބުނު އެންމެ ދަށް ނަތީޖާ ކަމަށާއި އެކަމުގެ ދުނިޔޭގެ ރެކޯޑު އޮންނެވީ ޑރ. ވަހީދުގެ އަތްޕުޅުގައި ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައިވެއެވެ.

"އެހެންކަމުން ދުރުގައި ހުންނަވައި އޮޕީނިއަން ލިޔުއްވުމުގެ ބަދަލުގައި ސީމާ ރާއްޖެ ވަޑައިގެން ބައްލަވައިލައްވައިފި ނަމަ ފެނިގެންދާނީ ލިޔުމުގައި ސިފަކޮށްދެއްވާފައިވާ ގައުމާ ވަރަށް ތަފާތު ގައުމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ބޭރު ނޫސްވެރިން ރާއްޖޭގައި މަސައްކަތްކުރުަން މަނާކުރި ފަދައިން މި ސަރުކާރުން އެކަން ނުކުރާނެ ކަމަށާއި، އިމިގްރޭޝަނުން އެއްވެސް ކަހަލަ ފިއްތުންތަކެއް ކުރިމަތި ނުވާނެ ކަމަށެވެ.

ހަމައެއާއެކު ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއަށް ކުރިއެރުން ލިބިގެންދިޔަކަން ވެސް ފާހަގަކުރެއްވިއެވެ.

އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ރިޕޯޓާސް ވިތައުޓް ބޯޑާސްއިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި، ރާއްޖެ 22 ދަރަޖަ ކުރިއަށް ޖެހިލާފައިވާ ކަމަށާއި އެހެންކަމުން ސީމާ ބޭނުން މީހަކާ އިންޓަވިއު ކުރުމުގެ ފުރިހަމަ މިނިވަންކަން ވެސް އޮންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް