ސީއެސްސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

މަޖިލިސް ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ޝަހީދު މުހައްމަދާއި އިތުރު ދެ މެމްބަރަކު ހިމެނޭ ގޮތަށް ހަތަރު މެމްބަރުން މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައި އެކުލަވާލި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ސީއެސްސީގެ ރައީސާއި ނައިބު ރައީސްގެ އިތުރުން މެމްބަރު ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު ވަކިކުރަން ކޮމެޓީން ނިންމީ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.

އެ ހަތަރު މެމްބަރުންގެ އިތުރުން ކޮމިޓީގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއިން ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކޮމެޓީން ވަނީ ނިންމައިފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ކުރީ ސަރުކާރުން އައްޔަންކުރި ހަތަރު މެންބަރަކު ވަކި ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ވެސް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ނިންމައިފައެވެ.

އެ ހަތަރު މެމްބަރުންނަކީ އެންއައިސީގެ ރައީސް އަހްމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން ހަދީޖާ އަބްދުﷲ އެވެ.

ކޮމެޓީން އެގޮތަށް ނިންމާފައި ވަނިކޮށް ސުލައިމާނު ފިޔަވައި އަނެއް ތިން މެމްބަރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.

comment ކޮމެންޓް