ރަޝިއާއިން ތާލިބާނަށް ފައިސާ ދިން ކަމަށް ބުނަނީ ސިޔާސީ ބޭނުމެއްގައި: ލަވްރޮފް

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޮފް -- ފޮޓޯ: އޭޕީ

މޮސްކޯ (ޖުލައި 12): އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން މަރަން ރަޝިއާއިން ތާލިބާނަށް ފައިސާ ދިން ކަމަށް ބުނާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަތަކެއް ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޮފް ވިދާޅުވެއްޖެ އެވެ.

ލަވްރޮފް އެފަދައިން ވިދާޅުވީ، އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން މަރަން ރަޝިއާގެ ޖާސޫސީ އިދާރާގެ ޔުނިޓަކުން ތާލިބާނާ ގުޅުން ހުރި ހަނގުރާމަވެރިންނަށް ފައިސާ ދިން ކަމަށް އެމެރިކާގެ ޖާސޫސީ އޮފިޝަލުން ނިންމާފައިވާ ކަމަށް ނިއު ޔޯކް ޓައިމްސްއިން މިދިޔަ މަހުގެ 26ގައި ރިޕޯޓު ކުރި ފަހުންނެވެ.

ލަވްރޮފް ވިދާޅުވި ގޮތުގައި ރަޝިއާއާއި ތާލިބާނާ ދެމެދު ގުޅުން އޮތް ކަމަށާއި އެމެރިކާގެ ސިފައިން މަރަން ރަޝިއާއިން އިނާމެއް ކަނޑައެޅި ކަމަށް ބުނެ އެމެރިކާގައި ދަނީ ވާހަކަ ދެކެވުމުންނެވެ. ނަމަވެސް އެވާހަކަތައް ބިނާކޮށްފައި ވަނީ ހަގީގަތެއް ނެތް ހިޔާލުތަކެއްގެ މައްޗަށެވެ. އަދި އޭގެ ބޭނުމަކީ އެމެރިކާގައި ނޮވެމްބަރު މަހު ބާއްވަން އުޅޭ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރަށް ގެއްލުން ދިނުމެވެ.

"ހީވާގޮތުގައި އެ ވާހަކަތަކަކީ އިންތިހާބާ ދިމާކޮށް [އެމެރިކާގައި] ސިޔާސީ ހަލަބޮލިކަމެއް އުފެއްދުމަށް ތައްޔާރުކޮށް ލިޔެފައިވާ ވާހަކައެއް. އެމީހުން އަނެއްކާވެސް މަސައްކަތް ކުރަނީ މިހާރު [އެމެރިކާގައި އޮތް] ސަރުކާރަށް ހަމަލާދީ، އެ ސަރުކާރުން ކުރާ މަސައްކަތުގެ އަގު ވައްޓާލަން. ހާއްސަކޮށް ރަޝިއާއާ ގުޅުން ހުރި މަސައްކަތްތައް،" ލަވްރޮފް ވިދާޅުވި އެވެ.

މީގެ އިތުރުން ލަވްރޮފް ވަނީ އަފްޣާނިސްތާނުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އާއި ތާލިބާނުން މިދިޔަ ފެބްރުއަރީ މަހު ސޮއި ކުރި ސުލްހައިގެ އެއްބަސްވުމަށް ރަޝިއާއިން މަރުހަބާ ކިޔާފައިވާ ކަން ފާހަގަ ކުރައްވާފަ އެވެ. އަދި އެ އެއްބަސްވުމުން ހެދުމަށް ރަޝިއާއިން އެހީވި ކަމަށްވެސް ވިދާޅުވެފަ އެވެ.

އެމެރިކާގެ ޑިފެންސް ޑިޕާޓްމެންޓުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގައި އިސްކޮށް ހުންނަވާ ޖެނެރަލް މާކް މިލޭ ވަނީ ނިއު ޔޯކް ޓައިމްސްގެ އެ ރިޕޯޓާ ބެހޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކޮންގްރެސްގައި ވާހަކަ ދައްކަވާފަ އެވެ. އަދި ރަޝިއާއިން ތާލިބާނަށް އެހީވި ކަމަށް އެމެރިކާއަށް އެނގިފައިވީ ނަމަވެސް، އެމެރިކާގެ ސިފައިން މަރަން ރަޝިއާއިން ފައިސާ ދިން ކަމަށް ޔަގީން ކުރެވިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް