ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ގިނަ އަދަދެއްގެ މެޑިކަލް އިކުއިޕްމަންޓް ހަދިޔާކޮށްފި

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ބޭނުންވާ ބައެއް ސިއްހީ އާލަތްތައް ހަދިޔާކުރުން-- ފޮޓޯ/ހެލްތު މިނިސްޓްރީ

ދިވެހިރާއްޖެއިން ކޮވިޑް19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދީ، ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ބޭނުންވާ ބައެއް ތަކެތި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ހަދިޔާކޮށްފި އެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީންއާ ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތުރު އެވެ.

ޑަބްލިއުއެޗްއޯއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި އައިސީޔޫ އެނދާއި އައިސީޔޫ ގާއިމްކުރުމަށް ބޭނުންވާ އާލާތްތަކާއި ބޭހުގެ އިތުރުން، މެޑިކަލް ލެބޯޓްރީތަކަށް ބޭނުންވާ ތަކެއްޗާއި 10،000 ކޮވިޑް-19 ޓެސްޓިންގ ކިޓް ހިމެނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދު ލިބުނު އައިސީޔޫ އާލާތްތަކާއެކު ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ގާއިމުކުރެވޭ އައިސީޔޫތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޑރ. މާތުރު ވަނީ ކޮވިޑް-19 ދުނިޔޭގައި އަދިވެސް ހަލުވިކަމާއިއެކު ފެތުރެމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގައި މި ބަލި ކޮންޓްރޯލްކުރުމަށް ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަށް ގޮވާލައްވާފަ އެވެ.

ރާއްޖޭގައި ކޮވިޑް19އަށް ޓެސްޓްކުރުމުގެ ހިދުމަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ޑަބްލިއުއެޗްއޯއިން ދަނީ ޓެސްޓް ކިޓްތައް ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް19އަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވެސް އެ ޖަމިއްޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެގޮތުން "ޖީން އެކްސްޕާޓް މެޝިން" ބޭނުންކޮށްގެން ތަހުލީލްކުރުމަށް ބޭނުންވާ ކާޓްރިޖް ވެސް ހުސްވި ޖޫން މަހުގެ 29ވަނަ ދުވަހު އެ ޖަމިއްޔާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

comment ކޮމެންޓް