ޖިންސީގޯނާގެ ތުހުމަތު ކުރެވޭ އަލީ ވަހީދު ދިރިއުޅުއްވާ ގެ ބަލައިފާސްކޮށްފި

އަލީ ވަހީދު ދިރިއުޅުއްވާ މ. ފުރަހަނި ގެއިން ފުލުހުން ނިކުމެގެން ވެހިކަލަށް އަރަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޖިންސީ ގޯނާގެ ތުހުމަތުގައި މަގާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅުއްވާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރަމުންދާ ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން އަލީ ވަހީދު ދިރިއުޅޭގެ ބަލައިފާސްކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ބަލައި ފާސްކޮށްފައިވަނީ މ. ފުރަހަނި އެވެ.

އާދައިގެ ހެދުމުގައި ހުރި ފުލުހުންގެ ޓީމަކާއި ފޮރިންސިކް ޔުނީފޯމްގައި ހުރި ފުލުހެއް، ގަޑިއެއްހާއިރު އެ ގެ ބަލާފާސްކުރުމަށްފަހު ނިކުމެފައިވަނީ މިރޭ ނުވައެއް ޖަހަނިކޮށެވެ. އަދި އެ ގެއިން ބައެއް ތަކެތި ކޮތަޅަކަށް އަޅައިގެން ފުލުހުންގެ ވެހިކަލަށް އެރުވި މަންޒަރު އެ ސަރަހައްދުގައި ހުރި 'ސަން' ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

އަޚްލާގީ މައްސަލަތަކާ ގުޅިގެން އަލީ ވަހީދު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އޭނާއަށް އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ވަނީ މަގާމުން ވަކިކުރައްވާފައެވެ.

އެ މައްސަލަތަކާ ގުޅިގެން ޖޭޕީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރުމަށް އެޕާޓީގެ ކައުންސިލަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

ނަމަވެސް އަދިވެސް އެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފަ އެއް ނުވެއެވެ. އެހެން ކަމުން ޖޭޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ގާސިމް ވެސް ވަނީ އޭނާއަށް އަންގަވާފައެވެ.

އަލީ ވަހީދު ދިރިއުޅުއްވާ މ. ފުރަހަނި ގެއިން ފުލުހުން ނިކުންނަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޖިންސީ ގޯނާއާއި ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކަކާއެކު އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކުރިއިރު، މިއަހަރު ކުރީކޮޅު އަލީ ވަހީދު ކަމަށް ބެލެވޭ މީހެއްގެ ފޯނުކޯލް ރިކޯޑިން އެއް ވަނީ ލީކްވެފަ އެވެ. އެ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ވާހަކަ ދައްކާ އަޑު އިވެ އެވެ.

އެ އޯޑިއޯގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަ މިނިސްޓަރު ނަހުލާއާ އަލީ ވަހީދު ދައްކަވަ އެވެ. އެކަމާ ގުޅިގެން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އޭރު އާންމުން ގޮވާލި އެވެ. އަދި އެ މައްސަލަ ވަރަށް ހޫނުވެ، ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި މިނިސްޓަރު ރައީސް އޮފީހަށް ހާޒިރުކޮށް ވަނީ ނަސޭހަތް ދީފަ އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ވެއްޖެ ނަމަ، ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާކަން އެނގިފައިވެ އެވެ.

comment ކޮމެންޓް