ތައުލީމުގެ ބިލަށް ހިޔާލު ހޯދުމުގެ ބައްދަލުވުން މާދަމާ ރޭ

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ދިރާސާކުރަމުން އަންނަ ތައުލީމުގެ ބިލަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފިއެވެ.

މަޖިލީހުން ބުނީ ތައުލީމުގެ ބިލަށް ހިޔާލު ހޯދަން ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާ ރޭ 20:30 ގައި މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ.

މަޝްވަރާ ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް، ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ، މަންދު ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއިލް (އިބްރާ) އާއި ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތްކުރެއްވި އަހްމަދު ސައީދު (ގަހާ ސައީދު) އެވެ.

ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލީ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މެމްބަރު މުހައްމަދު މުހްތާޒެވެ.

ތައުލީމާ ބެހޭ ބިލަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމުކޮށްދޭންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުމުގެ މަގްސަދުގައި ފޮނުވާފައިވާ ބިލެކެވެ.

އެ ބިލުގައި ރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސުތަކާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ރާއްޖޭގައި ތައުލީމު ދިނުމާ ގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

ތައުލީމުގެ ބިލުގެ އިތުރުން، މަތީ ތައުލީމުގެ ބިލެއް ވެސް ކޮމިޓީގައި ދިރާސާކުރަމުން އެބަދެއެވެ. އެ ބިލަށް ވެސް އާންމުންގެ ހިޔާލަށް ވަނީ ހުޅުވާލައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މީގެކުރިން ވިދާޅުވެފައި ވަނީ މަތީ ތައުލީމުގެ ބިލާއި ތައުލީމުގެ ބިލަކީ މުޅި ރާއްޖޭގެ ރައްޔިތުން ބައިވެރިކޮށްގެން، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަންޖެހޭ ބިލުތަކެއް ކަމަށެވެ.

comment ކޮމެންޓް