ގައިދުރުކަން ނެތި ޖަމާއަތް ހެދުމުން ކަންބޮޑުވެ ހިޔާލު ތަފާތު ވުމެއް!

ޖުލައި 10، 2020: ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލިތާ ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން މާލޭ ސަރަހައްދުގައި ޖަމާއަތުގައި ހުކުރު ނަމާދު ނުކުރާތާ ތިން މަހާއި 22 ދުވަސް ފަހުން ފުރަތަމަ ފަހަރަށް ހުކުރު ނަމާދުގެ ޖަމާއަތް ހަދައި ނަމާދުކުރީ މދިޔަ ހުކުރު ދުވަހު އެވެ. ގިނަ ދުވަަސްތަކަކަށް ފަހު ހުކުރު ނަމާދު ކުރުމުގެ ފުރުސަތު ލިބުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މިސްކިތަށް ގޮސްފަ އެވެ. އެކި އުމުރުގެ މީހުންނެވެ. ދޭސީންނާ ބިދޭސީންނެވެ.

ހުރިހާ އެންމެން ވެސް މިސްކިތަށް ދިޔައީ ޑޮކްޓަރުންނާ އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކުރި ގޮތަށް ވަކި މުސައްލަ ހިފައިގެން މާސްކް އަޅައިިގެންނެވެ. ނަމަވެސް ޖަމާއަތުގައި ބައިވެރިވި ގިނަ މީހުންގެ ކަންބޮޑުވުމަކަށްވީ، ގައިދުރުކަމެއް ނެތި ޖަމާއަތް ހަދަން ޖެހުމުންނެވެ.

މި މަހުގެ ފުރަތަމަ ދުވަހު މިސްކިތުގައި ޖަމާއަތް ހެދުމުގެ ހުއްދަ ދިނުމަށްފަހު އިސްލާމިކް މިނިސްޓްރީ އިން ބުނީ ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބަހައްޓަން ނުޖެހޭނެ ކަމަށެވެ. ނަމާދަށް ސަފުހަދާނީ ކޮނޑާއި ކޮނޑު، ފަޔާއި ފައި ޖެހޭނެހެން ކަމަށެވެ.

ޖުލައި 10، 2020: ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލިތާ ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ނަމަވެސް އެހެން ނަމާދުތަކާ ހިލާފަށް، ހުކުރު ނަމާދަކީ ގިނަ ވަގުތު ހޭދަވާ، އަދި ޖަމާއަތް ވެސް ބޮޑު ނަމާދަކަށް ވުމުން، ޖަމާއަތް ހެދުމުގެ ހުއްދަ ދިން ނަމަވެސް ހުކުރު ކުރުމުގެ ހުއްދަ މިނިސްޓްރީން ނުދެ އެވެ.

ސަބަބެއް ކަމަށް ބުނީވެސް ހުކުރު ނަމާދުގެ ޖަމާއަތަކީ ވަރަށް ގިނަ އަދަދެއްގެ މީހުން އެއްތަންވެ، ގިނަ ވަގުތު ހޭދަވާ ޖަމާއަތަކަށް ވުމާއި، އަދިވެސް ބަލިމަޑުކަން ފެތުރުމުގެ ބިރުވެރިކަން އޮތް ކަމަށް ޑޮކްޓަރުން ލަފާކުރައްވާތީ އެވެ. އަދި މިފަދަ ހާލަތެއްގައި އަމަލުކުރުމަށް އިސްލާމްދީނުގައި އައިސްފައިވާ ޝަރުއީ ގަވާއިދުތަކާ ހަމަތަކަށް ރިއާޔަތްކުރުމަށްފަހު، އިލްމުވެރިން ވެސް އެގޮތަށް ލަފާދެއްވުމުންނެވެ.

ނަމަވެސް ބަލި ފެތުރުމުގެ ޖާގަ އަދިވެސް އޮތް އިރު، އަދި އިއްޔެ އެކަނިވެސް ރާއްޖެއިން 64 މީހުން ޕޮޒިޓިވްވެފައި ވާއިރު، ގައިދުރުކަމެއް ނެތި ޖަމާއަތް ހެދުން ބުއްދިވެރިތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޖުލައި 10، 2020: ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލިތާ ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހާއްސަ ގޮތެއްގައި އެހެން އިސްލާމީ ގައުމުތަކުގައި ވެސް ނަމާދުގެ ޖަމާއަތް ހަދާއިރު ގައިދުރުކަން ބަހައްޓާއިރު، ރާއްޖެއިން އެގޮތަށް އަމަލުނުކުރަނީ ކީއްވެގެންތޯ ވެސް ގިނަ ބަޔަކު އަންނަނީ އަހަމުންނެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކޮމެންޓެއް ލިބޭގޮތެއް ނުވިއެވެ. ނަމަވެސް ރައްޔިތުންްގެ ކަންބޮޑުވުންތަކަށް ޖަވާބު ދިނުމަށް ދީނީ އިލްމުވެރިންް އަންނަނީ ސޯޝަލް މީޑިއާގައި މަސައްކަތް ކުރަމުންނެވެ. އަދި މައުޟޫގައި އިލްމުވެރިންގެ މެދުގައި ވެސް ހިޔާލުތަފާތުވުން ވަނީ އުފެދިފައެވެ.

ދީނީ އިލްމުވެރިން ކަމަށްވާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފާއި ޝެއިހް އަލީ ޒައިދުގެ ވިސްނުން މި މައްސަލަލައިގައި ހުރީ ދާދި އެއްގޮތަކަށެވެ.

ޖުލައި 10، 2020: ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލިތާ ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑރ. އިޔާޒް ވިދާޅުވަނީ ހަމައެކަނި ނަމާދަށް ސަފު ހަދާއިރު ގައިދުރުކަން ބަހައްޓައިގެން ނުފުދޭނެ ކަމަށެވެ. އަދި ނަމާދަށް ސަފު ހަދަންވީގޮތް ސުންނަތިގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި ނަމާދަށް ސަފު ހެދުމުގައި "ސޯޝަލް ޑިސްޓެންސިން" ބަހައްޓަންޖެހޭ ސަބަބެއް ރާއްޖޭގައި ނެތް ކަމަށެވެ.

"ކޮވިޑް19 ފެތުރެނީ މިސްކިތުގައި ހޭދަކުރާ ކުޑަ ވަގުތުކޮޅުގެ ސަބަބުންތޯ؟ އާންމު ދިރިއުޅުމުގެ އެހެން ކަންކަމުގައި ސޯޝަލް ޑިސްޓެންސް ބެހެއްޓުމެއް ނެތިފައި މިސްކިތަށް އަރާ ގަޑީގައި ސޯޝަލް ޑިސްޓެންސް ބަހައްޓަން ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން،" އިޔާޒް ވިދާޅުވި އެވެ.

ޝެއިޚް ޒައިދު ވިދާޅުވީ ކޮންމެ މީހަކުވެސް މިސްކިތަށް ދާއިރު މުސައްލަ ގެންދިއުމަށާއި މާސްކް އަޅައިގެން ދިއުމަށް މިނިސްޓްރީން އަންގާފައިވާއިރު، ބަޔަކު އެ އިރުޝާދަށް ކިޔަމަން ނުވުމަކީ އެބައެއްގެ މައްސަލަ ކަމަށެވެ.

"ހަރަމްފުޅު ސިފައިން ބަލަހައްޓާހެން ރާއްޖޭގައި އެކަން ކުރެވެން އޮތް ނަމަ އެކަން ކުރައްވާ. މާސްކާ މުސައްލަ ނެތް ނަމަ ނުވައްދާ،" ޒައިދު ވިދާޅުވި އެވެ.

ފެބްރުއަރީ 14، 2020: އަދާލަތު ޕާޓީގެ ފަރާތުން ބާއްވަމުން އަންނަ ސިލްސިލާ ދަރުސްތަކުގެ ތެރެއިން "އިސްރާއާއި މުޢުރާޖު" ނަމުގައި ޝޭހް އިލްޔާސް ކާނިވަލުގައި ދެއްވި ދަރުސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑރ. އިޔާޒް ވިދާޅުވީ މިސްކިތުގެ ވާހަކަ ދައްކަން ވާނީ މިސްކިތަށް ގޮސް އުޅޭ، އެތަނުގެ ހާލަތު ރަނގަޅަށް ދަންނަ މީހުން ކަމަށެވެ. އަދި އެޗްޕީއޭ އިން ދީފައިިވާ ސިއްހީ ލަފަޔާއެކު، ނަމާދަށް ސަފު ހަދަންޖެހޭ ގޮތް އިސްލާމިކް މިނިސްޓްރީން ވަރަށް ސާފުކޮށް ބުނެދީފައިވާ ކަމަށެވެ.

ކޮވިޑް19 އަކީ އަނގައިގެ ކުޅުން ނުވަތަ ނޭވާލާއިރު ނިކުންނަ ވައިން އަނެކާގެ ގަޔަށް އަރާ ބައްޔެއް ކަމަށް ވާއިރު، ނަމާދުކުރާ އެންމެން މާސްކް އަޅައިގެން ތިބޭނަމަ އެކަންތައްތަކުން ސަލާމަތްކަން ލިބޭނެ ކަމަށާއި ނަމާދަށް ތިބޭ އިރު ގައިދުރުކަން ބަހައްޓަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެއާއެކު ޒަރޫރީ ހާލަތުގައި ދުރުގައި ތިބެގެން ސަފު ހެދުމުގެ ވާހަކަ ދައްކާއިރު، އެނޫން ގޮތެއް އޮތްތޯ ނުބަލަންވީ ކީއްވެތޯ ވެސް އިޔާޒު ސުވާލުއުފެއްދެވި އެވެ. އަދި 15 މިނެޓަށް ވުރެ ކުރުކޮށް ނަމާދު ނިންމާނަމަ އެއީ ކޮންޓެކްޓްވުން ނޫން ކަމަށް
އެޗްޕީއޭއިން ލަފާދީފައިވާ ކަމަށާއި އެހެންކަމުން ނަމާދުގައި ގައިދުރު ކުރަން ބުނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"ގައިދުރުކޮށް ސަފު ހަދަން ބުނާ ސަބަބަކީ ބަލި ފެތުރުމުގެ ބިރުވެރިކަން އޮތުން ކަމަށް ވަނީނަމަ، މާސްކް އެޅުމުން ނުވަތަ 15 މިނިޓަށް ވުރެ އަވަހަށް ނަމާދު ނިންމައިފި ނަމަ
އެޗްޕީއޭގެ މިންގަނޑަށް ފެތޭ. ވީމާ، ގައިދުރުކޮށް ސަފު ހަދަން ޖެހޭ ސަބަބެއް ނެތް،" އިޔާޒް ވިދާޅުވި އެވެ.

އިޔާޒް ވިދާޅުވީ ކޮފީގައި އެތައް ގަޑި އިރެއް ހޭދަކުރާއިރު ގައިދުރު ކަމެއް ނުހުންނަ ކަމަށާއި އެއީ ބޮޑު ކަމަކަށް ވެގެން ވެސް ނޫޅޭ ކަަމަށެވެ. އެހެން ނަމަވެސް ނަމާދުގައި ހޭދަވާ ކުޑަވަގުތުކޮޅަށް ޓަކައި ކޮރޯނާގެ ބިރުވެރިކަން ވައްދަން އުޅޭ އުޅުން އެއީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައި ސޯޝަލް ޑިސްޓެންސް ބަހައްޓާނަމަ ނަމާދުގައި ސޯޝަލް ޑިސްޓެންސް ބެހެއްޓުމާމެދު ވާހަކަ ދެއްކޭނީ. އެހެން ނޫންނަމަ ނަމާދާ ކުޅެން އުޅެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ޖުލައި 10، 2020: ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލިތާ ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މައްސަލައިގައި ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައި ވިޔަސް، އެކަށީގެންވާ ސަބަބަކަށްޓަކައި ދުރު ދުރުގައި ތިބި ނަމަވެސް ނަމާދު ސައްހަ ވާނެ ކަމަށެވެ.

"ޖަމާއަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައި ވިޔަސް، އެކަށީގެންވާ ސަބަބަކަށް ޓަކާ ދުރު ދުރުގައި ތިއްބަސް ނަމާދު ޞައްޙަ ވާނެ. މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއް. ދުނިޔޭގެ އެހެން އިސްލާމީ ގައުމު ތަކުގައިވެސް މިދުވަސް ކޮޅު ޖަމާއަތުގައި ސަފު ހަދަނީ ގައި ދުރުކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުމުގެ މަތިން،" މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން މީޑިޔާ އަށް މައުލޫމާތު ދެއްވަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ބަލިމަޑުކަމެއް ފެތުރިފައިވުން ފަދަ ޝަރުއީ އުޒުރެއް މެދުވެރިވެގެން ގައިދުރުކޮށް ތިބެ ނަމާދު ކުރުމަކުން ނަމާދަށް ލިބޭ ސަވާބަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.

އަދި ނަމާދުގެ ސަވާބު ބިނާވެގެންވަނީ ނަމާދުގައި ޚުޝޫއަތްތެރިވުމުގެ މައްޗަށް ކަމަށާއި އުޒުރަކީ އިސްތިސްނާ ހާލަތެއް ކަމަށެވެ.

"ބަލިމަޑުކަން ފެތުރިއްޖެނަމަ އިސްލާމީ ޝަރީއާގެ އެންމެ މަތީ ފަސް މަގްސަދަށް އޭގެ ގެއްލުން ފޯރާ. ދީނާއި ފުރާނަ އާއި ބުއްދިއާއި ނަސްލާއީ މުދަލަށް ގެއްލުންވޭ. މި ފަސް ކަންތައް ހިމާޔަތް ކުރުމަށް ދީން ބާވާލެއްވުނީ. މިކަންކަން ހިމާޔަތް ކުރުމުގެ ފިޔަވަޅުތަކަކީ ޝަރުޢުގައި ގަބޫލުކުރެވިގެންވާ ކަންކަން،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މާލޭގައި މިވަގުތު ބަލީގެ ހާލަތު އޮތްގޮތުން ޖަމާއަތުގައި ނަމާދުކުރާ އިރު އެންމެ ރަނގަޅުވާނީ ގައިދުރުކޮށް ތިބެ ނަމާދުކުރުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިވަގުތު ދުނިޔޭގެ ޖުމްހޫރު ދަންނަ ބޭކަލުން ދެކެވަޑައިގަންނަވަނީ ބަލި ފެތުރިފައި އޮތް ސަރަހައްދުތަކުގައިި އެގޮތަށް އަމަލުކުރުމަށް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ދަރުހެއްގައި ޑރ. ޝަހީމް ތަގުރީރު ކުރައްވަނީ --- ފޮޓޯ/ އަސުރުމާ

"ބަލި ފެތުރިގައި އޮތް ސަރަހައްދުތަކުގައި ނަމާދުގެ ޖަމާއަތުގައި ގައިދުރުކަން ބަހައްޓައިގެން ސަފުހެދުމުގެ ކަންކަން އިސްލާމީ ދުނިޔޭގެ އިސްލާމީ ރަސްމީ އިދާރާތަކާއި ޖުމްހޫރު ފިގުހުވެރިންގެ ނިންމުންތަކަށް ދިވެހި ރާއްޖެއިން ރިއާޔަތް ނުކުރަނީ ކީއްވެބާއޭ ހިތަށް އަރާ،" ޝަހީމް ވިދާޅުވިއެވެ.

ރައީސް މައުމޫން އާއި ޝަހީމްގެ އިތުރުން ވެސް ގިނަ ދީނީ އިލްވެރިން ވިދާޅުވަނީ މިހާލަތުގައި އެންމެ ބުއްދިވެރި ގޮތަކީ ގައިދުރުކަން ބަހައްޓައިގެން ނަމާދުގެ ޖަމާއަތް ހެދުން ކަމަށެވެ.

"ބަލިމަޑުކަމެއް ފެތުރެމުންދާ އިރެއްގައި، އިންސާނާގެ ރައްކާތެރިކަމަށްޓަކައި، ޖަމާއަތުގެ ނަމާދުގައި ގައިދުރުކޮށް ތިބުމަކީ ހުއްދަކަމެކެވެ. އަދި، ހާލަތައް ރިއާޔަތްކޮށް އެންމެ މޮޅުގޮތަކީވެސް އެއީއެވެ." ދީނީ އިލްވެރިޔާ މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ހަމައެއާއެކު އާންމު ހާލަތުގައި ނަމާދުކުރާއިރު، އަނގައާއި ނޭފަތް ނިވާކުރުމަކީ މަކުރޫހަކަމާއެކު ނަމާދު ސައްހަވާ ކަމަކަށްވާއިރު، ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ އިހްތިމާލުއޮތްނަމަ، ޖަމާއަތުގައި ނަމާދުކުރާމީހާ މާސްކު އަޅައިގެން ނަމާދުކުރުން މަކުރޫހަވެގެންނުވާ ކަމަށާއި ރަނގަޅުގޮތަކީ މާސްކް އެޅުން ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

comment ކޮމެންޓް