މާވަށަށް ބިންދާލީ ހަތަރު ފޫޓުގެ ރާޅު، ހީވީ ސުނާމީއެއް ހެން!

ލ. މާވަށަށް އިއްޔެ އުދަ އަރާފައި -- ފޮޓޯ/ ކައުންސިލް

ލ. މާވަށަކީ މީގެ ކުރިން މާބޮޑަށް އުދަ އަރާ ރަށެއް ނޫނެވެ. އުދަ އަރާ ފަހަރަކުވެސް އަރަނީ ރަށުގެ ހުޅަނގު އުތުރު ފަރާތުންނެވެ. އެހެން ނަމަވެސް އިއްޔެ އިރުއްސުނު ފަހުން އެ ރަށުގެ ހުޅަނގު ދެކުނު ފަރާތުން ރަށު ތެރެއަށް ބިންދަން ފެށި ރާޅުތަކާއެކު ރަށުގެ ރައްޔިތުން މިވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިފައެވެ.

މާވަށު ކައުންސިލްގެ ރައީސް، އަހްމަދު މޫސާ "ސަން" އަށް ވިދާޅުވީ ރަށަށް އުދަ އަރަން ފެށީ އިއްޔެ އިރުއޮއްސުނު ފަހުން ކަމަށާއި، މިއަދު ހެނދުނު އަށެއް ޖެހުމާ ހަމައަށް ވެސް އެކި ފަހަރުމަތުން ރަށަށް އުދަ އަރާފައިވާ ކަމަށެވެ.

އަދި ލޮނުގަނޑު ރަށުގެ ތެރެއަށް ވަދެ، 100 އެއްހާ ގެއަށް ލިނު ވަދެފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް ރަށުގެ ތިންބައި ކުޅަ އެއްބައި ގެއެވެ. މޫސަ ވިދާޅުވީ ދެތިން ހަތަރު ގެއެއްގައި ދިރިނޫޅެވޭ ވަރު ވެފައިވާ ކަމަށާއި އަދި މިހާރު އެއް ގެއަކުން މީހުން ހުސްކޮށްފައިވާ ކަމަށެވެ.

ލ. މާވަށަށް އިއްޔެ އުދަ އަރާފައި. ގިނަ އަދަދެއްގެ ގެތަކަށް ވަނީ ލޮނު ވަދެފައި -- ފޮޓޯ/ ކައުންސިލް

މޫސަ ވިދާޅުވީ އިއްޔެ ރަށަށް އެރި އުދަ ސިފަކޮށްދޭން ދަތިކަމަށެވެ. އަދި އެއީ އުދަޔަށް ވުރެ ބޮޑަށް ސިފަވީ ސުނާމީއެއް ގޮތަށް ކަމަށެވެ.

"އަޅުގަނޑާ ވާހަަކަދެއްކި އުދަ އަރައިގެން އައިއިރު އެތަނުގައި ހުރި މީހެއް. އޭނަ ބުނީ ރަށު ތެރެއަށް ބިންދާލީ ވެސް ތިން ފޫޓު ހަތަރު ފޫޓު އުސްމިނުގައި ހުރި ރާޅު ކަމަށް. އަޅުގަނޑުގެ އުމުރުން މިހާރު 50 އަހަރު. މިގޮތަށް އުދަ އެރި ހަނދާނެއް ނުވޭ. އުދަޔަށް ވުރެ ބޮޑަށް ހަމަ ސުނާމީއެއް ގޮތަށް ސިފަވަނީ،" މޫސަ ވިދާޅުވިއެވެ.

އަނބުގަސްތަކުގެ 80 ޕަސެންޓް ނެތިދާނެ!

އިއްޔެ އެރި އުދަ، މޫސަ ސިފަކުރެއްވީ 2004 ވަނަ އަހަރުގެ ސުނާމީއަށްފަހު އެރަށަށް ލިބުނު އެންމެ ބޮޑު ގެއްލުމުގެ ގޮތުގައެވެ.

މޫސަ ވިދާޅުވީ މިފަހަރު އުދަ އެރީ ރަށުގެ ރައްޔިތުން އަނބާއި، ޖަންބު އަދި ޖަނބުރޯލު ފަދަ ތަކެތި ހައްދާފައި ހުރި ދިމާލުން ކަމަށެވެ.

"މި އެއްޗެއްސަކީ ލޮނަށް ވަރަށް ބަލި އެއްޗެހި. ވަރަށް ބޮޑަށް ލޮނުގަނޑު ވަދެފަ މިއޮތީ. އެހެންވެ އަނބު، ޖަންބު، ޖަނބުރޯލުގެ 80 ޕަސެންޓު ނެތިގެންދާނެ ކަމަށް ބެލެވޭ. ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް މީ. ސުނާމީއަށް ފަހު ހިޔެއް ނުވެ މިވަރުގެ ގެއްލުމެއް ލިބުނު ހެނެއް،" އޭނާ ވިދާޅުވިއެވެ.

ލ. މާވަށަށް އިއްޔެ އުދަ އަރާފައި -- ފޮޓޯ/ ކައުންސިލް

އެކުވެރިކަމާއި ބަދަހިކަން

މޫސަ ވިދާޅުވީ އިއްޔެ އެރި އުދައިގެ ސަބަބުން ރައްޔިތުން ނުތަނަވަސްކަމުގައި ތިބި ކަމަށެވެ. އަދި ރޭގަނޑުވެސް އުދަ އަރައި ގެތަކަށް ލޮނުގަނޑު ވަންނަމުން ދިއުމުގެ ސަބަބުން ނުތަނަވަސްކަން ބޮޑުވިކަމަށެވެ.

އެހެން ނަމަވެސް ނުތަނަވަސްކަމާއެކު ރަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ އެކުވެރިކަމާ އެއްބައިވަންތަކަމުގެ މިސާލެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

އުދަ އަރަން ފެށުމާއެކު ފުލުހުންނާއި، ރަށުގެ ބަނދަރު ފުން ކުރުމުގެ މަސައްކަތުގައި އުޅޭ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒަފުންނާއި ރަށު ރައްޔިތުން ގުޅިގެން ކުރި އަވަސް މަސައްކަތުގެ ސަބަބުން، އުދައިގެ ގެއްލުން ވަރަށް ބޮޑަށް ކުޑަކުރެވުނު ކަމަށެވެ.

"ނަސީބު ދިމާކުރި ގޮތުން އެމްޓީސީސީގެ ވެހިކަލްތައް ވެސް އެބަހުރި. އަދި ފަޅު ފުންކުރަން ކޮނެފައި ހުރި ވެލި ވެސް އެބަހުރި. އެހެންކަމުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ވަރަށް އަވަސްކޮށް ރަނގަޅަށް ކުރެވިގެން ދިޔަ،" މޫސަ ވިދާޅުވިއެވެ.

ދޭތެރެއަކުން އުދަ އަރަމުން އަންނާތީ ރަށު ރައްޔިތުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ވެސް ދަންފަޅިއަށް ބަހާލައިގެންނެވެ. ރޭ ދަންވަރު "ޑިއުޓީ"ގައި ތިބި މީހުން ހެނދުނު އަރާމުކުރުމަށްފަހު މިހާރު އަނެއްކާވެސް ރަށުގެ އެންމެން ތިބީ ތައްޔާރީ ހާލަތުގައެވެ.

އުދައިގައި ރަށު ތެރެއަށް ޖަމާވި ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ ކައުންސިލް

މޫސަ ވިދާޅުވީ މިހާރު އެމްއެންޑީއެފް އާވެސް ގުޅިގެން ރާޅު އަރާ ސަރަހައްދުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އުދައިގައި ރަށު ތެރެއަށް ޖަމާވެފައިވާ ކުނިބުނި ނަގައި ސާފުކުރުމުގެ މަސައްކަތް ވެސް އަންނަނީ ރަށުގެ އެންމެން ގުޅިގެން ކުރަމުންނެވެ.

މިއަދުވެސް އުދަ އަރާނެ ކަމަށް ބެލެވޭތީ، ގެތަކުގައި ހިފާ ގެންގުޅޭ އެއްޗެހި ވެސް ރައްކާތެރިކޮށް ރައްޔިތުން ވެސް އެކަމަށް ސަމާލުވެގެން ތިބި ކަމަށެވެ.

މޫސަ ވިދާޅުވީ ގެތަކުގައި ހިފާ ގެންގުޅޭ އެއްޗެއްސަށް މާބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް ގަސްތަކަށް ލޮނުގެ އަސަރު ކުރުމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި އެކަމާމެދު ރައްޔިތުން ކަންބޮޑުވެފައި ތިބި ކަމަށެވެ.

މި ފަހުގެ ތާރީހެއްގައި އެރަށަށް ދުވަަހަކުވެސް އުދަ ނާރާ ވަރަށް އިއްޔެ އުދަ އަރާފައިވާއިރު، އެކަމުގެ ސަބަބު ބުނެދޭނެ ނޭނގޭ ކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ ހެނދުނުގެ ހިކި ދިޔައިގައި ވެސް ހަމަ ވަރަށް ބޮޑަށް އުދަ އެރި ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޭނގެ ވާއެއް ނުވާއެއް،" އޭނާ ވިދާޅުވިއެވެ.

މާވަށުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނީ -- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖެއާ ދުރުން ދެކުނު އިންޑިއާ ކަނޑުގައި އުފެދެމުންދާ ދިގު ބާނިތައް ރާއްޖެއާ ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީ، ކުރިއަށް އޮތް ތިން ދުވަހު، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރާޅު އަރާނެ ކަމަށް ލަފާކޮށް، ރައްޔިތުން ސަމާލުވެ ތިބުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އިއްޔެ އައްޑޫ ސިޓީއަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، މިއަދުވެސް ގިނަ ރަށްތަކަކަށް އުދަ އަރާފައިވެއެވެ.

comment ކޮމެންޓް