ގޭމްގެ އެސްޖީ ސައުދުﷲ މަގާމުން ވަކިކުރަން ނިންމައިފި

ގެސްޓްހައުސް އެސޯސިއޭޝަނުގެ ކުރީގެ އެސްޖީ ސައުދުﷲ. ޖިންސީ ގޯނާގެ ތުހުމަތާއެކު އޭނާ މަގާމުން ވަކިކުރަން ވަނީ ނިންމައިފައި ---

ޖިންސީ ގޯނާގެ ތުހުމަތާއެކު ގެސްޓްހައުސް އެސޯސިއޭޝަން (ގޭމް) ގެ ސެކެޓްރީ ޖެނެރަލް އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ ފުވައްމުލަކު ދާއިރާގެ ރައީސް ސައުދުﷲ އަހުމަދު ހަސަން މަގާމުން ވަކިކުރަން ނިންމައިފިއެވެ.

ސައުދުﷲ ވަކިކުރަން ނިންމީ މިރޭ ބޭއްވި އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައެވެ.

ގޭމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގޮތަށް ނިންމާފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި 14 މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ކޮމެޓީގެ ބައްދަލުވުމުން ފާސްކުރީ އެސޯސިއޭޝަންގެ އެސްޖީގެ މަގާމުންނާއި ހިންގާ ކޮމެޓީގެ މެމްބަރު ކަމުން ސައުދުﷲ ވަކިކުރުމަށެވެ.

އެނގިފައިވާ ގޮތުގައި ސައުދުﷲގެ މައްޗަށް ކުރެވެނީ ގޭމްގެ އެޑްމިން ސްޓާފެއް ގޮތުގައި މަސައްކަތް ކުރާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ. އެ އެސޯސިއޭޝަނުން "ސަން" އާ ވާހަކަދެއްކި މީހަކު ބުނީ އެ އަންހެން ކުއްޖާގެ ގުނަވަންތަކުގައި އަތްލައި އެކި ގޮތްތަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ.

ގޭމްއިން ވާހަކަ ދެއްކި މީހާ ބުނީ އެމައްސަލަ ހިއްސާ ކުރުމުން އެކްސްކޯގެ ދެ މެމްބަރަކު އެއީ "އަމިއްލަ ޒާތީ ކަމެކޭ އަޅާނުލާށޭ" ބުނިކަމަށެވެ.

އެ މައްސަލަ ގޭމްއިން ބަލަމުން ދިޔައިރު އެ އެސޯސިއޭޝަނުގެ އޭރު ރައީސްގެ މަގާމުގައި ހުރި މޫސާ ނާސިހު ސޮއިކުރައްވާ ސައުދުﷲއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގޭމްގެ އިންޓާނަލް އެފެއާޒް ކޮމިޓީއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ މަގާމުގެ މަސްއޫލިއްޔަތުން ވަގުތީގޮތުން ވަކިކޮށްފައިވާ ކަމަށެވެ. އެ ސިޓީ ފޮނުވާފައިވަނީ ޖުލައި ފަސް ވަނަ ދުވަހު އެވެ.

އެމައްސަލަ އެކަށީގެންވާ ގޮތަށް ނުބެލޭ ކަމަށް ވިދާޅުވެ ގޭމްގެ ރައީސް ކަމުން ނާސިހު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ގޭމްގެ ރައީސް އަދި ސެކެޓްރީ ޖެނެރަލްގެ ހުސްވެފައިވާ މަގާމަށް މިހާރު ވަނީ ވަގުތީ ގޮތުން މެމްބަރުން ހަމަޖައްސައިފައެވެ.

އެކްޓިން ޕްރެޒިޑެންޓްގެ މަގާމަށް އައްޔަންކޮށްފައިވަނީ މިހާރު ގޭމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އިމްތިޔާޒު އެވެ. އަދި ވަގުތީ ސެކެޓްރީ ޖެނެރަލްއަކަށް އައްޔަންކުރީ މުހައްމަދު ވާފިރެވެ.

comment ކޮމެންޓް