ބޮޑުފިނޮޅުގައި ތިބި ބިދޭސީން ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތިފައި

ބޮޑުފިނޮޅުގައި ބިދޭސީން

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި މިވަގުތު ތިބި ބިދޭސީންގެ ތެރެއިން ތިން މީހަކު ކޮންމެހެން ވެސް ޑޮކްޓަރަށް ދައްކަން ޖެހިފައިވާ ކަމަށާއި، ނަމަވެސް ޑޮކްޓަރަށް ދެއްކޭނެ އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނުވާކަމަށް އެރަށުގައި ތިބި ބިދޭސީން ބުނެފިއެވެ.

އެރަށުގައި ތިބި ބިދޭސީންގެ ފަރާތުންް "ސަން"' އާ ވާހަކަދެއްކި ބިދޭސީއަކު ބުނީ، ރިސޯޓުގެ ބަދިގޭގައި ކެއްކުމުގެ މަސައްކަތުގައި އުޅޭ ބިދޭސީއެއްގެ ފަޔަށް މޮހޮރެއް ހެރިގެން ފައިގައި ރިއްސާ ކަމަށާއި އަދި ފާރުވެފައިވާތަން ވަރަށް ބޮޑަށް ސަކަރާތްވަމުން އަންނަ ކަމަށެވެ.

އަދި އިތުރު ބިދޭސީއެއްގެ ދަތެއްގައި ރިއްސާތީ އުޅޭޭ ކަމަށާއި، ތިން ވަނަ ބިދޭސީ މީހާގެ މުޅި ގައިގައި ބޮޑެތި ބިހިތަކެއް ނަގައިގެން ފާރުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"ތިން މީހާ ބަލިކޮށް ހުންނަނީ. ތިން މީހާ ޑޮކްޓަރަށް ދައްކަން ޕޮލިސް ކައިރީ ބުނިން. އެއްވެސް ޖަވާބެއް އަދި ނުދޭ ޕޮލިސް،" ބިދޭސީ މީހާ ބުންޏެވެ.

އޭނާ ވަނީ ފުލުހުންގެ ފަރާތުން ރަށުގައި ތިބި ބިދޭސީންނަށް ލިބޭ އެހީތެރިކަން ފާހަގަކޮށްފައެވެ. އޭނާ ބުނީ ފުލުހުން ކައިރީ ބުނުމުން ބޭނުންވާ ބައެއް އެއްޗެހި ގެނެސްދޭ ކަމަށާއި އަދި ބަލި މީހުންނަށް ބޭސް ވެސް ގެނެސްދޭ ކަމަށެވެ. އެހެން ނަމަވެސް އެމީހުންގެ ހާލު ރަނގަޅު ނުވާ ކަމަށް އޭނާ ބުންޏެވެ.

"ޑޮކްޓަރަށް ދައްކަން ބުނަނީ ފުރަތަމަ ޕޮލިސް ކައިރީ. ޕޮލިސް ބުނީ ހެން ހީވަނީ ރިޒާ ކައިރީ. ޔަގީނެއް ނޫން. ޕޮލިހުން ހެލްޕު ކޮށްދެނީ. ބޭސް، ޕެނަޑޯލް ވެސް ގެނެސްދީފި. އެކަމަކު ރަނގަޅެއް ނުވޭ،" އޭނާ ބުންޏެވެ.

ބިދޭސީ މީހާ ބުނީ، އެމީހުން ޑޮކްޓަރަށް ދައްކަންޖެހޭ ވާހަކަ ބުނަން، ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއަށް ވެސް އޭނާ ގުޅާފައި ވާނެ ކަމަށާއި ނަމަވެސް ރިޒާ ފޯނަށް ޖަވާބުނުދެއްވާ ކަމަށެވެ.

"އެންމެ ފަހަރަކު ގުޅީ. ގިނަ ފަހަރަކު ނޫން. ފޯނު ނުނެގީމަ ދެން އިތުރަށް ނުގުޅީ،" ބިދޭސީ މީހާ ބުންޏެވެ.

އެ ރިސޯޓުގައި އެމީހުންނާ ހަވާލުވާނެ ކުންފުނީގެ އެއްވެސް މީހަކު ނެތެވެ.

އޭނާ ބުނީ އެމީހުންގެ ކެއުމުގެ ކަންކަން ބަރާބަރަށް ހަމަޖައްސާ ކަމަށާއި، އެކަމުގައި ޝަކުވާއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، މިއަދާ ހަމައަށް ވެސް މުސާރަ ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ.

މިހާރު އެރަށުގައި 179 ބިދޭސީއަކު ތިބިއިރު، އޭގެ ތެރޭގައި ގައުމަށް އަނބުރާ ދާން ބޭނުން މީހުންނާއި، ރާއްޖޭގައި މަޑުކުރަން ބޭނުން މީހުން ވެސް ތިބިކަމަށް އޭނާ ބުންޏެވެ.

މި މަހުގެ ދެވަނަ ދުވަހު އެރަށުގައި ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގީ ބޮޑުފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މުވައްޒަފުންނަށް މުސާރަ ނުދީގެންނެވެ.

އެ ހަމަނުޖެހުންތަކުގައި ކޮންޓްރެކްޓަރުގެ މުވައްޒަފުން ދިވެހިންތަކެއް ރަހީނުކޮށް، ރަށުގައި ހުރި ތަންތަނަށާއި، ހެވީ މެޝިނަރީތަކަށާއި، ވޯޓާ ޕައިޕްލައިން ތަކަށާއި، އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ވަނީ ދީފައެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ ހަމަނުޖެހުމާ ގުޅިގެން އެ ރަށަށް ފުލުހުންނާއި، އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލުންނާއި އަދި ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުން ވެސް ވަނީ ގޮސްފައެވެ.

"ސަން" އާ މިއަދު ވާހަކަ ދެއްކި މީހާ ބުނީ އިދާރާތަކުން، އެތަނުގައި ތިބި މީހުންގެ މައުލޫމާތާއި ފޮޓޯ ހޯދި ކަމަށާއި ނަމަވެސް ފަހުން ހަބަރެއްނުވާ ކަމަށެވެ.

"އަދިވެސް އިތުރު އެއްޗެއް ނާންގާ. މާލެއަށް ފޮނުވަނީ ތޯ ނޫންތޯ ނުބުނަނީ އަދިވެސް،" އޭނާ ބުންޏެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް މެމްބަރު ރިޒާ ވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ރިޒް މޯލްޑިވްސް އިން ބުނީ މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ ޑިވެލޮޕަރު ސީލް މޯލްޑިވްސް އާއެކު ވެފައިވާ އެއްބަސްވުމުގައި ބުނާގޮތަށް އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބިފައި ނުވާތީ ކަމަށެވެ.

ރިޒް ކުންފުނިން ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެކަމާ ގުޅިގެން މިހާތަނަށް ވެސް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ބިދޭސީންގެ ހާލު ބަލަން އެ ކޮމިޝަނުން ޒިޔާރަތްކުރި ކަމުގެ މައުލޫމާތެއް ނުލިބެއެވެ.

comment ކޮމެންޓް