ސުޝާންތުގެ ދިލް ބޭޗަރާގެ ތީމް ލަވައަށް ތައުރީފު އޮހެނީ!

ލަވައިގެ މަންޒަރެއް: މި ލަވައަކީ ސުޝާންތު ޝޫޓްކުރި އެންމެ ފަހު ލަވަ، މި ލަވަ ނެގީ އެއް ޝޮޓުން---

މިދިޔަ މަހު މަރުވި ޒުވާން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް ފެނިގެންދާ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ"ގެ ޓައިޓަލް ލަވަ ރިލީޒްކޮށްފިއެވެ.

"ދިލް ބޭޗާރާ"ގެ ނަމުން ނަން ދީފައިވާ އެ ލަވައަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މި ލަވައަކީ އެތައް ގޮތަކުން ހާއްސަ ލަވައެކެވެ. ފިލްމުގެ ޑައިރެކްޓަރު މުކޭޝް ޗާބްރާ ބުނީ މި ލަވައަކީ މުޅި ފިލްމުންވެސް ސުޝާންތު އެންމެ ފަހުން ޝޫޓްކުރި ލަވައަކަށެވެ. މާނައަކީ މި ލަވައަކީ ސުޝާންތުގެ މުޅި ކެރިއަރުގެ ވެސް އެންމެ ފަހު ލަވައެވެ. މި ލަވައިގެ މަސައްކަތްކޮށްދިނުމަށް ކޮރިއޯގްރާފް ފަރާ ޚާން ގާތު އެދުމުން ދެވަނަ ވިސްނުމަކަށް ނުގޮސް ހިލޭ މި ލަވައިގެ މަސައްކަތްކޮށްދޭން އެއްބަސްވި ކަމަށް ޑައިރެކްޓަރު ބުންޏެވެ. މި ލަވަ ކޮމްޕޯސް ކުރީ ރަހްމާން (އޭއާރް ރަހްމާން) އެވެ. ލަވައިގެ ލިރިކްސް ހެދީ އަމީތާބް ބައްޓާޗާރިޔާއެވެ.

މަޝްހޫރު ކޮރިއޯގްރަފާ ފަރާ ޚާން ކޮރިއޯގްރާފްކޮށްދިން މި ލަވައާއި ގުޅޭ ގޮތުން އޭނާ ބުނީ މި ލަވައަކީ އޭނާއަށް އެތައް ގޮތަކުން ވެސް ހާއްސަ ލަވައެއް ކަމަށެވެ. ސަބަބަކީ ދިލް ބޭޗާރާ އަކީ ސުޝާންތު އާއި އޭނާގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ މަސައްކަތްތައް ވާތީއެވެ. އަދި މި ލަވަ ކޮރިއޯގްރާފްކޮށްދިނުމަށް މުކޭޝް އެދުމުން ފަރާ ބޭނުންވީި ލަވަ އެއް ޝޮޓުން ނަގާ ނިންމާލުމަށެވެ. ފަރާ ބުނީ ސުޝާންތަށް މި ލަވަ އެއް ޝޮޓުން ނަގާ ނިންމާލެވޭނެ ކަމަށާއި އޭނާ ގައިގައި އެ ހުނަރު ހުރި ކަމަށެވެ.

ދިލް ބޭޗާރާ ލަވަ ކާމިޔާބު ކަމާއެކު އެއް ޝޮޓުން ނިންމާލިއިރު ލަވަ ރިލީޒްކުރިތާ 24 ގަޑިއިރު ނުވަނީސް އެ ލަވައަށް ވަނީ 16 މިލިއަން ވިއުސް ލިބިފައެވެ.

ސުޝާންތުގެ ފަހު ފިލްމު "ދިލް ބޭޗާރާ"ގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު މި ޓްރެއިލާ އަކީ ޔޫޓިއުބްގައިވެސް އެންމެ ގިނަ ލައިކް ލިބުނު ޓްރެއިލާއެވެ.

ޖޯން ގްރީންގެ "ދަ ފޯލްޓް އިން އަވާ ސްޓާސް"ގެ ހިންދީ ރީމޭކުގައި ސުޝާންތު އާއެކު ލީޑު ރޯލުން ފެނިގެންދާނީ ސަންޖަނާ ސަންގީއެވެ. ސަންޖަނާ ވަނީ މީގެ ކުރިން ވަރަށް އިޝްތިހާރުތަކުންނާއި ފިލްމުތަކުގައި ވަރަށް ކުދި ކުދި ރޯލުތަކުން ފެނިގެން ގޮސްފަ އެވެ. ސުޝާންތުގެ ފޭނުން ތިބީ "ދިލް ބޭޗާރާ" ބޮޑު ހިޓަކަށް ހެދުމަށް ތައްޔާރަށެވެ. މި ފިލްމު މަހު 24 ވަނަ ދުވަހު ހޮޓްސްޓާއިން ދައްކާނެއެވެ.

comment ކޮމެންޓް