ގޭމްގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އައްޔަންކޮށްފި

ގެސްޓުހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ކުރީގެ ރައީސް ނާސިހު -- ފޮޓޯ: ގޭމް

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް އަދި ސެކެޓްރީ ޖެނެރަލްގެ ހުސްވެފައިވާ މަގާމަށް ވަގުތީ ގޮތުން މެމްބަރުން ހަމަޖައްސައިފި އެވެ.

(ގޭމް)ގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައިގައި ހުންނެވި މޫސާ ނާސިހު އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އަދި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި، ގޭމްގެ އެސްޖީގެ މަގާމުގައި ހުންނެވި ސައުދުﷲ އަހްމަދު އެމަގާމުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ނާސިހު އިސްތިއުފާ ދެއްވަން ނެރުއްވި ބަޔާނުގައި އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީ އަށް މި އަހަރުގެ ޖޫން 23 ވަނަ ދުވަހު ހުށަހެޅުނު، މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އެ އެސޯސިއޭޝަނުގެ އިންޓާނަލް ކޮމެޓީ އިން ބެލުމަށްފަހު، ހިންގާ ކޮމެޓީ އަށް ހުށަހެޅުނު ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތުމުން، އިތުރަށް އެ އެސޯސިއޭޝަނުގެ ރަައީސްގެ މަގާމުގައި ހުރުމަކީ ޒަމީރު ގަބޫލުކުރާ ކަމެއް ނުވުމުން ކަމަށެވެ.

ގޭމްގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އައްޔަންކުރަންއެ ޖަމިއްޔާއިން އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމެއް ރޭ އޮންލައިންކޮށް ވަނީ ބާއްވާފަ އެވެ.

އެ ބައްދަލުވުމުގައި އެކްޓިން ޕްރެޒިޑެންޓްގެ މަގާމަށް އައްޔަންކޮށްފައިވަނީ މިހާރު ގޭމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އިމްތިޔާޒު އެވެ. އަދި ވަގުތީ ސެކެޓްރީ ޖެނެރަލްއަކަށް އައްޔަންކުރީ މުހައްމަދު ވާފިރު އެވެ.

comment ކޮމެންޓް